އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި އެތައްހާސް ބަޔަކު ޝަހީދު ކޮށްލުމަށް ފަހު މިހާރު ކުރިއަށް ދާ 4 ދުވަހުގެ ސުލްހައަށް ދުނިޔެ ބަލަހައްޓައިގެން ތިބި އިރު ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތައް ޔަހޫދީން ފޭރެމުން އެބަދެއެވެ.

ގާޒާއަށް ހިލާފަށް ހުޅަނގު އައްސޭރިއަކީ، އިޒްރޭލުގެ ޔަހޫދީން ގާނޫނުތަކާ ހިލާފަށް ވަޒަންވެރިވެގެން އުޅޭ ފަލަސްތީނުގެ ބިންތަކެކެވެ. އެތާނގައި ފަލަސްތީނުގެ ރައްޔިތުންވެސް ދިރިއުޅެއެވެ.

މިހާރު ހިނގަމުން ދާ ކަމަކީ، ބަޑިހިފައިގެން ތިބޭ ޔަހުދީން، ފަލަސްތީންގެ ގޭގެއަށް ވަދެ އެމީހުންނަށް ބިރުދައްކާ ބޭރު ކުރުމާއި، ދަނޑުވެރިކަން ކުރަމުން ދާ ފަލަސްތީން މީހުންގެ ބިންތަކަށް ވަދެ އެތަންތަން އަތްދަށު ލުމެވެ.

މިކަންކަން މިހެން ހިނގަމުން ދާ އިރު، ހަތިޔާރު އެޅި ޔަހޫދީ ސިފައިން ހުޅަނގު އައްސޭރީގެ ސިޓީތަކަށް އަރާ ބަޑިޖަހާ މީހުން ޝަހީދު ކޮށް، މުދަލަށް ގެއްލުން ދިނުމުގެ ޖަރީމާތަކެއްވެސް ހިންގަމުން އެބަގެންދެއެވެ. މި ފާއިތުވި ހަފްތާ ނިމިގެން ދިޔައީ އިޒްރޭލުގެ ހަމަލާތަކުގައި ހުޅަނގު އައްސޭރީން 10 މީހުންގެ ފުރާނަ ގެއްލި 20 މީހުން ޒަހަމްވެގެންނެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ހާމަ ކޮށްފައި ވާ މައުލޫމާތަށް ބަލާއިރު އޮކްޓޯބަރު 7، 2023 ގެ ހަމަލާއަށް ފައހު އިޒްރޭލު ސިފައިން ހުޅަނގު އައްސޭރީން 237 މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ. ޒަހަމް ކޮށްލި މީހުންގެ އަދަދު 2850 އަށް އަރައެވެ.

ހުޅަނގު އައްސޭރީގައި ދިރިއުޅޭ އުމުރުން 45 އަހަރުގެ އައިމަން އަސަދު ބުނީ އޭނާ ދިރިއުޅެނީ ޔަހޫދީން ކޭމްޕް ޖަހައިގެން ތިބޭ ސަރަހައްދާ 2 ކިލޯމީޓަރެއްހާ ދުރުމިނުގައި ހުންނަ އޭނާގެ ގޭގައި ކަމަށެވެ. އެތާ ތިބޭ އިރު ޖެނީން އާއި އެތާ ހުންނަ ރެފިއުޖީ ކޭމްޕްތަކަށް ޔަހޫދީން ވަދެ ބަޑިޖަހާ އެއްވެހި ގޮއްވާ އަޑުފައްގަނޑާ ހެދި ތިބެނީ ބިރުން ވިރިވިރިއެވެ. އޭނާގެ ކުދިންވެސް ގެއިން ބޭރަކަށް ނުނެރެއެވެ. އެހާލެއްގައި އެތައްބަޔަކު ތިބި އިރު ބަޑިހިފައިގެން ތިބޭ ބަޔަކު އިރުއިރު ކޮޅާ އައިސް ބިރު ދައްކާ ކަމަށާއި އަދި އެ ބިރުދެއްކުމުގެ ތެރޭގައި އޭނާ ކަންބަޅިތައް ގެންގުޅޭ ފާމް ވެސް އަތުލާފައި ވާ ކަމަށް ބުނެއެވެ.

އޭނާ ބުނީ އެ ފާމުގެ އިތުރުން އޭނާ ކުކުޅު ގެންގުޅޭ ފާމްވެސް އޮންނަނީ އެތާ ކައިރީގައި ކަމުން އެތަންވެސް އަތުލަފާނެ ކަމުގެ ބިރު މިހާރު އެބައޮތް ކަމަށެވެ. މިކަން ކުރަމުން ދަނީ އެ ސަރަހައްދުގައި ގަވައިދާ ހިލާފަށް ދިރިއުޅޭ ހަތިޔާރު އެޅި ޔަހުދީ ވަޒަންވެރިންނެވެ.

ފަލަސްތީނަކީ އޮލީވްސް އާއި ތަރުކާރީ ހައްދާ ތަނެކެވެ. އާމްދަނީ ހޯދުމުގެ ގޮތުން ފުޅާދާއިރާއެއްގައި އެމަސައްކަތް ކުރާ އިރު ފަލަސްތީންގެ އޮލިވްސް އަކީ ދުނިޔެއަށް މަޝްހޫރު ކޮލިޓީކަން އޭގައި ހުންނަ އޮލިވްސް އެކެވެ.

1967 އިން ފެށިގެން އަޅުވެތިކޮށްގެން ޔަހުދީން ހުޅަނގު އައްސޭރީގައި ދިއިރުޅެމުން ގެންދާ އިރު 700،000 އަށް ވުރެ ޔަހޫދީން ގަވައިދާ ހިލާފަށް އެ ސަރަހައްދުތަކުގައި ވަނީ ވަޒަންވެރި ކޮށްފައެވެ.

އެމީހުން އެތަންތަނަށް ވަދެ ފަލަސްތީން މީހުންގެ ގެދޮރު އަތުލައި ދިރިއުޅެމުން ދާ އިރު އެއީ އެމީހުންގެ އަމިއްލަ ވަޒަން ނޫންކަންވެސް އެމީހުންނަށް އެނގެއެވެ. ނަމަވެސް ބަޑީގެ ބިރުދައްކާ ގަދަބާރުން އުޅެމުން ގެންދާއިރު، ގާޒާ ހަނގުރާމަ ފެށުނުތާ ކައިރީގައި އޮލިވް ފާމެއްގައި ހުރި މީހެއްގެ ގަޔަށް ބަޑިޖަހާ މަރާލާފައި ވެސް ވެއެވެ.

ގާޒާ ތަޅާ ސުންނާފަތި ކޮށްލާފައި ވާ އިރު، ދެވަނަ ހަނގުރާމައެއް ހިނގަމުން ދަނީ ހުޅަނގު އައްސޭރީގައެވެ. ހުސްވި ހަފްތާގެ ހަމަލާތަކުގެ އިތުރުން ދަނޑުބިންތަކަށް ވަދެ ފަރާތްފަރާތަށް ބަޑިޖަހާ ދަނދުވެރިންނަށް ބިރުދައްކާ އެމީހުން ދަނޑުތަކުން ނެރެ ފޮނުވާލުމަށް ފަހު ޔަހޫދީން ވަނީ ހުރިހާ އޮލިވް ކޮޅެއްވެސް ވަގަށް ގެންގޮސްފައެވެ.

އެއް ދަނޑުވެރިއަކު ބުނީ، އޭނާ އާއި އަންހެނުން ދަނޑުގައި އުޅެނިކޮށް ބަޑިހިފައިގެން ތިބި ޔަހޫދީންގެ ދެމީހަކު ވަދެ އެމީހުންނާ ދިމާވާނެހެން ކައިރިއަށް ބަޑިޖަހަމުން ދިޔަ ކަމަށާއި ނަސީބަކުން ގަޔަށް ވަޒަން އަމާޒު ނުވި ކަމަށެވެ.

އދ ގެ ރިޕޯޓުތައް ބުނާގޮތުން، އޮކްޓޯބަރުގެ ހަމަލާތައް ފެށުނު ފަހުން ޔަހުދީ ވަޒަންވެރިންގެ ފަރާތުން ފޯރާ ގޯނާއާއި ދުއްތުރަލާއި ބިރުދެއްކުން ވަނީ 20 ޕަސެންތް އިތުރުވެފައެވެ.