މަންމައާއި އެއްބަނޑު އެއްބަފާ ކޮއްކޮގެ ފިރިމީހާއަށް މަރުގެ އިންޒާރުދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 41 އަހަރުގެ އަހުމަދު ސިޔާދު ނަމަކަށް ކިޔާ ރ. ހުޅުދުއްފާރު މީހެކެވެ.
އޭނާ ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފައެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ހެކީގެ ގޮތުގައި މައްސަލަ ހުށަހަޅާފައިވާ ފަރާތުން ދީފައިވާ ބަޔާނާއި ހެކިންގެ ބަޔާނުގެ އިތުރުން ސީނަށް ދިޔަ ފުލުހުންގެ ބަޔާން ހިމެނޭ ކަމަށް ކޯޓުން ބުނެއެވެ.
ކޯޓުން ބުނީ އޭނާ ބަންދުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.
ބަނދުގައި ބަހައްޓާން ޖެހޭ ސަބަބެއް ކަމަށް ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާ މަރުގެ އިންޒާރުދީފައިވަނީ އޭނާގެ މަންމައާއި އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ ފިރިމީހާއަށް ކަމުން ހެއްކައް ނުފޫޒު ފޯރުވުމުގެ އިހުތިމާލުއޮތް ކަމުން ކަމަށެވެ.
އެ މީހާއަކީ ހައްޔަރުކުރުމުގެ ރިކޯޑު އޮތް ފަރާތެއް ކަމަށާއި އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.