ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ އަހަރުގެ ރޯދަމަހަށް ފަހު ބާއްވަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.
ރޯދަމަހުގެ ކުރިން ރައްޔިތުން މަޖިލީހުގެ އިންތިހާބު ބޭއްވޭ ގޮތަށް ގާނޫނު އިސްލާހުކުރަން އީސީން މަޖިލީހަށް ހުށަހެޅިއެވެ. މި މައްސަލާގައި އީސީން ދެގޮތަށް ހުށަހެޅިއިރު އެއްގޮތަކީ ގާނޫނުގައި ބުނާ 120 ދުވަހުގެ މުއްދަތު 140 އަށް އިތުރު ކޮށްދިނުމެވެ.
ދެން އޮތް ގޮތަކީ ގާނޫނުގައި ބުނާ އިންތިހާބު ބޭއްވުމާ ދޭތެރޭގައި ދޭން ޖެހޭ 30 ދުވަސް 20 ދުވަހަށް ކުރު ކުރުން ކަމަށް އީސީއިން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލާގައި މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ރޯދަމަހުގެ ކުރިން އިންތިހާބު ބޭއްވުމުގެ ބަދަލުގައި ރޯދަމަހަށް ފަހު އިންތިހާބު ބޭއްވުމަށް މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. އަދި ރޯދަ މަހަށް ފަހު އެންމެ އަވަހަށް ބޭއްވޭ ތާރީހެއްގައި މަޖިލިސް އިންތިހާބު ބާއްވަން ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކުރިއެވެ.
ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މާޗު 10 އެވެ.
މިހާރު ކުރިއަށް ދާ، 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު ހަމަވާނީ އަންނަ މެއި މަހުގެ 28ގައެވެ. ގާނޫނު ބުނާ ގޮތުގައި، ހިނގަމުން މިދާ ދައުރު ނިމެން 120 ދުވަހަށް ވުމާއެކު، 10 ދުވަހުގެ ތެރޭގައި އިންތިހާބަށް ހުޅުވާލަން ޖެހެ އެވެ. އިންތިހާބަށް ކުރިމަތިލާން 14 ދުވަހުގެ މުއްދަތެއް ދޭން ޖެހެ އެވެ. އަދި، އިންތިހާބަށް ކުރިމަތިލާ މީހުން އިއުލާނުކުރާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެއެވެ.
އީސީން ކޮމެޓީއަށް ހުށަހެޅީ ރޯދަ މަހުގެ ކުރިން އިންތިހާބުގެ ކަންކަން ކުރިއަށް ގެންގޮސް ނިންމާލުމަށެވެ. އެއީ، ގާނޫނު ބުނާ ޓައިމްލައިނަށް ބަލާއިރު އިންތިހާބު ބޭއްވޭނެ އެންމެ އަވަސް ތާރީހަކީ އަންނަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހަށް ވާތީއެވެ. އެއީ ރޯދަމަހުގެ 20 ވަނަ ދުވަހެވެ.