ބައެއް އޮފިސަރުންގެ ހުވަޔާ ހިލާފަށް އުސޫލުތައް ނައްތާލާ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ދާހިލީ ސަލާމަތަށް ބުރޫ އަރާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
އިހްސާން މިހެން ވިދާޅުވީ، ޕްރިޒަންސް އޮފިސަރުންގެ އަސާސީ ތަމްރީނު ޕްރޮގްރާމްގެ 28 ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ މުއައްސަސާއަކުން ތަމްރީނުކުރާ އޮފިސަރުންނަކީ އެ މުއައްސަސާއެއްގެ އެންމެ ބޮޑު އެއް ރައުސުލްމާލު ކަމަށާއި އެއިރެއްގައި ދެވެން އޮންނަ އެންމެ މޮޅު ތަމްރީނެއް އެ މުއައްސަސާއެއްގައި ތިބޭ އޮފިސަރުންނަށް ދެވޭތޯ ބައްލަވާނެ އާސަރުކާރުން ބަލާނެ ކަމަށެވެ.
އަދި ތަމްރީނުކުރާ އެ އޮފިސަރުންނަކީ ވަކި ގޮތަކަށް ބައްޓަންކުރެވި، ގައުމާދޭތެރޭ ވަކި ގޮތަކަށް ދެކޭ، އިސްލާމް ދީނަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތައި ގާނޫނު ނެގެހެއްޓުމުގެ ފުރިހަމަ ގާބިލްކަން ލިބިފައިތިބި އޮފިސަރުންނަށް ހެދުމަށް އިސްކަން ދެއްވާނެ ކަމަށް އިހްސާން ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އަސާސީ ތަމްރީނަށް ފަހު ކޮންމެ މުއައްސަސާއެއްވެސް އެމުއައްސަސާތަކުގެ ބޭނުމަށްޓަކައި މުއައްސަސާގެ ހާއްސަ ތަމްރީނު އެހިސާބުން ހެދިގެންދާ ގޮތަށް ބައްޓަން ކުރުމަކީ އަމާޒެއް ކަމަށް ވެސް ވިދާޅުވިއެވެ.
އިހްސާން އިތުރަށް ވިދާޅުވީ، ކުރާ ހުވަކީ ގައުމީ ހިދުމަތަށް ނުކުމެ ކުރާ ބުރަ މަސައްކަތާއި އެކަމުގެ ވާޖިބު އަދާކުރާނެ ކަމުގެ ހުވައެއް ކަމަށާއި ހުވާ ކުރަނީ ވަރަށް މާތް މަގުސަދެއްގައި ކަމަށެވެ.
އިހްސާން ވިދާޅުވީ، ހުވައެއް ކޮށްގެން ގައުމީ ހިދުމަތަށް ނުކުންނަ އޮފިސަރެއްގެ ގައިގައި ހުންނަންޖެހޭ ސިފަތަށް ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށާއި ތަމްރީނުކުރެވި ހުވާ ކުރުމާ ހިސާބަށް އެސިފަތަށް ދެމެހެއްޓުނު ނަމަވެސް ވަކި ހިސާބަކުން އެސިފަތައް އެމީހާ ގައިން ނެއްޓިގެންދާތަން ބައެއްފަހަރު ފެނިގެންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކިތަންމެވަރަކަށްވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްފައި މި މުއައްސަސާ [ޕްރިޒަންސް] ގައި އޮންނަން ބޭނުންވިއަސް، މުއައްސަސާގެ ސަލާމަތާއި ރައްކާތެރިކަމަށް ކަނޑައެޅިފައި ހުރި ބައިވަރު އުސޫލުތަކާއި ހަމަތައް މުގުރާލާފައި، ތަމްރީނު ކުރެވި ހުވާކުރެވިފައި ތިބޭ އޮފިސަރުންގެ އެ ހުވަޔާއި ހިލާފަށް އެބޭބޭފުޅުން ބޭނުންކޮށްގެން އުސޫލުތައް ނައްތާލާ ކަމަށެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ދާހިލީ ސަލާމަތަށްވެސް ބުރޫ އަރާފައިވާ ކަމަށާއި އެފަދަ ކަމެއްގައި ޕްރިޒަން އޮފިސަރުން ބައިވެރި ނުވުމަށް މިނިސްޓަރު ނަސޭހަތްތެރި ވެވަޑައިގަތެވެ.