ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާ އާ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފައްދަނީ އެމަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުالله ޔާމީންގެ ނަމުގައިކަން އެ ޕާޓީން ހާމަކޮށްފިއެވެ.
އާ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ އަދި ކުރީގެ ޔޫތް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ، އީސީގެ ގަވާއިދު ބުނާ ގޮތުން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމުގެ ހުއްދައަށް އެދެވޭނީ އެންމެ މީހެއްގެ ނަން މަތީގައި ކަމަށެވެ.
އެހެންކަމުން ޔާމީން ބޭނުންފުޅުވީ ޒޭން އަބްދުالله ޔާމީނަށް މި ހުއްދަ ދޫކޮށްދިނުމުގެ އިތުރުން ޕާޓީގެ މުއައްސިސްގެ ގޮތުގައި އެމަނިކުފާނު ހިމެނޭހެން 8 ބޭފުޅުން ހަމަޖެއްސެވުމަށް ކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ. އެގޮތުން ޔާމީންގެ އިތުރުން މުއައްސިސުންގެ ގޮތުގައި ތިއްބަވާނީ ޑރ. މުހައްމަދު ޖަމީލު އަހުމަދާއި, ކުރީގެ ސީޕީ ހުސައިން ވަހީދާއި, މުލިއާގޭގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ, އަދްލީ އިސްމާއީލް އާއި ޑރ. ޖިހާދު ހަސަނާއި ކަކާގޭ އަލީ އާދަމް އަދި ޔާމީންގެ ދަރިކަލުން ޒޭން ކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ.
އާ ޕާޓީ އުފެއްދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަން ފާހަގަ ކުރައްވާ މަލީހު އިތުރަށް ވިދާޅުވީ ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ރެކޯޑު މުގުރާލާނެ ކަމަށާއި މާލޭ ސިޓީ މޭޔަރު ކަމުން ފެށިގެން ގޮސް މަޖިލީހުގެ ގޮނޑިތަކަށް ވެސް އެ ޕާޓީން ވާދަ ކުރާނެ ކަމަށެވެ.
ރައީސް ޔާމީން ޕީޕީއެމްއިން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދަވަން ނިންމަވާފައި ވާކަން ހާމަކުރައްވާފައި ވަނީ އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ލީޑާޝިޕްގެ ބޭފުޅުން ޔާމީން އާއި އެއްވެސް ކަމެއްގައި މަޝްވަރާ ނުކުރެއްވާ އަދި ރައީސް، މުއިއްޒު ވެރިކަމަށް ހޮވިވަޑައިގަތްފަހުން ޔާމީން ގުޅުއްވުމުން ފޯނު ވެސް ނުނަންގަވާ ކަމަށް ވިދާޅުވެ ޖަމީލު ވަނީ ގިނަ ތުހުމަތު ތަކެއް ކުރައްވާފައެވެ.
މިއަދު އިލެކްޝަނަށް ފޯމް ހުށަހަޅާފައި ވާއިރު ދެން އޮންނާނީ ޕާޓީ އުފެއްދުމަށްޓަކައި 3000 މެންބަރުންގެ ސޮއި ހަމަކޮށް ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހެޅުމެވެ.