ދިވެހި ހައްޖުވެރިންގެ ހާލު ރަނގަޅުކަމަށާއި މިއަދު މިނާގައި މަޑުކުރުމަށް ފަހު، މިރޭ އަރަފާތަށް ދާން ފުރާނެ ކަމަށް ހައްޖު މިޝަންއިން މިއަދު ބުނެފިއެވެ.

ހައްޖު މިޝަންއިން ބުނީ، ހުރިހާ ހައްޖުވެރިން މިހާރު ތިބީ މިނާގައި ކަމަށާއި އަރަފާތަށް ދާން ފުރާނީ މިރޭ ކަމަށެވެ. އެކަމަކު، ޑައިލެސިސް ހަދާ ހައްޖުވެރިއަކު އެބަހުރި ކަމަށާއި އެ މީހާގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަކަމަށެވެ.

ހައްޖުވެރިން މިނާއިން، ދެން ދާނީ ހައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށް އަރަފާތަށެވެ. ހައްޖުމަހުގެ 09 ވަނަ ދުވަހުގެ މެންދުރުފަހުން އަރަފާތުގައި މަޑުކުރުމަކީ ހައްޖުގެ އެންމެ މުހިންމު ރުކުންކަމުގައިވާއިރު އެ ބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ހައްޖު ނުލިބޭނެއެވެ.

ޢަރަފާތަށް ދިޔުމަށްފަހު ހައްޖުވެރިން މުޒްދަލިފާގައި ރޭކުރާނެއެވެ. މުޒްދަލިފާގައި ރޭކުރުމަށްފަހު ބޮޑުޖަމްރާއަށް ހިލައުކުން ކުރިއަށްގެންދިޔުމަށްފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެއަށްފަހު މިނާގައި ރޭކުރުމަށްފަހު، ތިން ޖަމްރާއަށް ހިލައުކުމަށްފަހު ހައްޖުވެރިން ދެން ދާނީ ޠަވާފުލްއިފާޟާކުރުމާއި ސަފާ ފަރުބަދައާއި މަރްވާ ފަރުބަދައާ ދެމެދު ސައުޔުކުރުމަށެވެ. ހައްޖުވެރިންގެ އެންމެ ފަހުކަމެއްގެ ގޮތުގައި ކުރިއަށްގެންދާނީ ވަދާއުގެ ޠަވާފުކޮށް ހައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.

ރާއްޖެއިން މިއަހަރު ޖުމްލަ 1000 ހައްޖުވެރިން ހައްޖުގެ އަޅުކަން ފުރިހަމަކުރާއިރު ހައްޖުވެރިންގެ ކަންތައްތައް ލުއި ފަސޭހަކޮށް ދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.