މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރާއި ބަލާއިރު 77.1 ޕަސެންޓުގެ އިތުރުވުމެއްކަމަށް އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް 39.8 ބިލިޔަން ރުފިޔާ ލިބިފައިވާއިރު މިއީ ފާއިތުވި 6 އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު އިތުރުވުމެއްކަން ފާހަގަކޮށްލެވެއެވެ.
ޓެކުހުގެ ރޭޓްތަކަށް ގެނައި ބަދަލާއި ގުޅިގެން ޖީޖީއެސްޓީ، ޓީޖީއެސްޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީވަނީ އިތުރުވެފައެވެ. އެގޮތުން ދައުލަތަށް މި އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 13 ބިލިއަން ރުފިޔާ ލިބުނުއިރު އެއީ ޖުމްލަ އާމްދަނީގެ 78.4 ޕަސެންޓެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13.8 ޕަސެންޓުގެ އިތުރުވުމެކެވެ.
މިއަހަރުގެ މިހާތަނަށް ޓީޖީއެސްޓީއަށް 9.9 ބިލިޔަން ރުފިޔާ ލިބިފައިވާއިރު ޖީއެސްޓީއަށް 5.4 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދިއިމްޕޯޓް ޑިއުޓީއިނ 4.6 ބިލިޔަން ރުފިޔާ ލިބުނު އިރު އެއާޕޯޓް ސާވިސް ޗާޖުން 1.9 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ އިތުރުން ބެންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 732 މިލިޔަން ރުފިޔާ، ބިޒްނަސް ޕްރޮފިޓް ޓެކްސްއިން 4 ބިލިޔަން ރުފިޔާ، ގްރީން ޓެކްސް އިން 2 ބިލިޔަން ރުފިޔާ އަދި އިންކަމް ޓެކްސް އިން 405 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު 7.9 ބިލިޔަން ރުފިޔާ ލިބިފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 19.8 ޕަސެންޓުގެ އިތުރުވުމެކެވެ. ދައުލަތަށް މި އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީގެ 41.6 ޕަސެންޓް މިހާތަނަށް ވަނީ ލިބިފައެވެ.