އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުނު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބާތިލްކުރުމަށްޓަކައި މި ސަރުކާރުގެ އިސް ބައެއް ބޭފުޅުން، ހައިކޯޓުގެ ޝަރީއަތުގެ ތެރެއަށް ވަދެ މަސައްކަތްކުރި ކަމުގެ ތުހުމަތު އެމަނިކުފާނު ކުރައްވައިފިއެވެ.

ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅެއްގައި ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލައި އޭރު ޝަރީއަތް ބޭއްވި ދުވަސްކޮޅު، މި ސަރުކާރުގެ އިސް މަގާމުތަކެއް މިހާރު ފުރުއްވަމުން ގެންދަވާ ބައެއް ބޭފުޅުން ޝަރީއަތުގެ ތެރެއަށް ވަދެ، އެމަނިކުފާނުގެ ކެންޑިޑެސީ ބާތިލްކުރުމަށް މަސައްކަތްކުރި ކަމަށެވެ.

"ފުލް ލިސްޓު އެބައޮތް، ކޮން ފަނޑިޔާރަކާތޯ ގުޅީ ވެސް އަޅުގަނޑަށް އެނގޭ، އެ ބޭފުޅުން ހީނުކުރައްވާ މިކަހަލަ މައުލޫމާތު އަޅުގަނޑުމެންގެ ނުހުންނާނެ ކަމަށް،" އެމަނިކުފާނު ވިދާޅުވިއެވެ.

ހަމަ އެހެންމެ، މި ސަރުކާރުގެ ވަޒީރަކު ތައިލޭންޑުގެ ޕުކެޓުގައި މި ކަމުގައި ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރަކާ ބައްދަލުކުރެއްވި ކަމުގެ ތުހުމަތު ވެސް ކުރެއްވިއެވެ. އެކަމަކު ތަންކޮޅެއް ބޮޑު ޖަލްސާއެއްގައި މި މައުލޫމާތު ހާމަކުރައްވާނެ ކަމަށް ވިދާޅުވެ، އިތުރު ތަފްސީލެއް ނުދެއްވައެވެ.

މީގެ އިތުރުން ޔާމީން ވިދާޅުވީ، ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ ކަންކަން ހިނގައިދިޔަ ދުވަސްކޮޅު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް އޮފީހުގެ އޭރުގެ އިސް ބޭފުޅަކާ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައްދަލުކުރެއްވި ކަމަށާއި، އެ ބައްދަލުކުރެއްވުމުގައި ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް ރައީސް ދަންނަވާފައި ނުވާ ކަމަށެވެ.

"އެ މީޓިންގަ ވެސް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދޭށޭ ރައީސް ޔާމީން މިނިވަންކޮށްދޭށޭ މުއިއްޒެއް ނުބުނޭ،"
ކުރީގެ ރައީސް އަބްދުالله ޔާމީން

އެހެންކަމުން، ޔާމީން ގެކޮޅަށް ބަދަލުކުރުމުގެ އިހްލާސްތެރި ނިޔަތެއް ރައީސްގެ ނެތް ކަމަށް، ޔާމީން ވިދާޅުވިއެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެރޭ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ޕީއެންސީގެ ޖަގަހައިގައި ދެއްކެވި ވާހަކައަށް ރައްދުދެއްވައި ޔާމީން ވިދާޅުވި ގޮތުގައި، އެމަނިކުފާނު މިނިވަންކުރެއްވުމަށް އިހަށް ދުވަހާ ހަމައަށް ތިއްބެވީ ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި، އެމަނިކުފާނުގެ ގާނޫނީ ޓީމުގައި އިސްކޮށް ހުންނެވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ.

ޔާމީން ވަނީ، މި ސަރުކާރުން ތެދުވެރި ނިޔަތެއްގައި ރައްޔިތުންނަށް ހިދުމަތްކުރުމަށް އިލްތިމާސްކުރައްވައިފައެވެ. އަދި ރައްޔިތުން ތިބީ މި ސަރުކާރުން ކަންތައްތައް ކުރާ ގޮތް ގާތުން ބަލަން ކަމުގައި ފާހަގަކުރެއްވިއެވެ.

"އެހެންވީމާ މި ހިދުމަތްކުރަން ލިބުނު ފުރުސަތުގަ އަޅުގަނޑުގެ އިލްތިމާސަކީ ދެކޮޅު ނުޖެހޭ ވާހަކަ ނުދައްކާށޭ، ދޮގު ނަހަދާށޭ، އޮޅުވާނުލާށޭ، މިހާހިސާބުން ވެސް ދެން މިސްރާބު ބަދަލުކޮށް ރައްޔިތުންނަށް ހިދުމަތްކުރުމުގަ ސާބިތުކަމާއެކީ ހަމަ ތެދުވެރިކަމާއެކީގަ މަސައްކަތްކުރާށޭ ހުރިހާ އެންމެން،"
ކުރީގެ ރައީސް އަބްދުالله ޔާމީން

"އެއްގޮތަކަށް ވެސް ކުނިބުނި ގޮވަން މީހުންނާ ދިމާލަށް ނަހަދާ،"