ނުހައްގުން ބާތިލުކުރި ވިޔަފާރި އެއްބަސްވުންތަކާ ގުޅިގެން ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން 55 މިލިއަން ޑޮލަރު ދޭން ޖެހުނު މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާ ބައްދަލުކުރެއްވި ކަމަށް ދެކެވޭ ވާހަކަ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ދޮގު ކޮށްފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ މި މައްސަލައިގެ ދުވަސްވަރު ރައީސް މުއިއްޒު ހުންނެވީ ހައުސިން މިނިސްޓަރުގެ މަގާމުގައެވެ.
ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވި ސިޔާސީ ޕާޓީ ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ބައްދަލުވުމުގައި ކުރީގެ ސީޕީ ހުސެއިން ވަހީދު ވިދާޅުވެފައި ވަނީ، ނޫމަޑީގެ މައްސަލައިގެ 300 ހައުސިން ޔުނިޓުގެ މައްސަލާގައި އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ފުރަތަމަ ގުޅުއްވީ އޭނާއަށް ކަމަށެވެ. އަދި އެ ފޯން ކޯލަށް ފަހު އޭނާ ވަނީ މިހާރުގެ ކޮމިޝަނަރު ޝުޖާއު އާއެކު މުއިއްޒު އާ ބައްދަލު ކުރައްވަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ކަމާ ގުޅިގެން ދާދި ދެންމެއަކު ސީޕީ ވަނީ ބަޔާނެއް ނެރުއްވާފައެވެ. އެ ބަޔާނުގައި ވިދާޅުވެފައި ވަނީ، ހުސެއިން ވަހީދު ދެއްކެވީ ހަގީގަތާ ހިލާފު، އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށެވެ. އެ މައްސަލަ އާ ގުޅޭގޮތުން އެއްވެސް ފަރާތަކާ އެއްވެސް ހައިސިއްޔަތަކުން ބައްދަލުކޮށްފައި ނުވާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.