ދިވެހި މީޑިއާތަކަށާއި ދިވެހި ނޫސްވެރިކަމަށް، ކުރިއެރުމާއި ކާމިޔާބީގެ ރަން ޒަމާނެއް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ގެނެސްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު މިހެން ވިދާޅުވީ، މޯލްޑިވްސް މީޑީއާ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ 'ނޫސްވެރިންގެ އިނާމު 2022' ހަފުލާ ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ. މި ހަފްލާގައި ނައިބު ވަނީ މީޑިއާއާއި ނޫސްވެރިކަން ކުރިއަރުވާ، ރަނގަޅު ނަތީޖާ ނެރުމަށް ސަރުކާރުން އަމާޒުހިފާފައި ވާކަމަށް ވިދާޅުވެފައެވެ.
މިގޮތުން، ދައުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ފައިސާ ދިނުމާއި، އަމިއްލަ ފައިމައްޗަށް ތެދުވެ މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މަގު ނޫސް މީޑިއާތަކަށް ފަހިކޮށްދިނުމާއި، އޮފީސް ހަރަދުކުޑަކޮށް މީޑިއާ ހިންގޭނެ މީޑިއާ ވިލެޖެއް ގާއިމު ކޮށްދިނުމާއި، އެކި ދާއިރާތަކުން ނޫސްވެރިން ތަމްރީނުކޮށް، ތައުލީމު ދީ، ގާބިލް ނޫސްވެރީން ބިނާކުރުމަށް ދައުލަތުން ހޭދަކުރުމުގެ އިތުރުން، ސަރުކާރުން ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައި، ނޫސްތަކުގެ މެދުގައި ތަފާތު ނުކުރުމާއެކު، ނޫސްވެރީންނަށް ޖަވާބުދާރީވެ ޒިންމާދާރު ކަމާއެކު ކަންކަން ހާމަކުރުން ހިމެނޭކަމުގައި ނައިބު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ކުރިއާ އަޅާ ބަލާއިރު މީޑިއާތަކާއި ނޫސްވެރިންގެ ޒިންމާ މިޒަމާނުގައި ބޮޑުވެފައިވާ މިންވަރު ފާހަގަކުރައްވާ ނައިބު ވިދާޅުވީ، ސޯޝަލް މީޑިއާގެ ސަބަބުން، ކޮންމެ މީހަކަށްވެސް މިހާރު ފަސޭހަކަމާއެކު ހަބަރެއް ފަތުރާލެވިދާނެ ކަމަށާއި، ރައްޔިތުންނަށް ތެދު ހަބަރު ފޯރުކޮށްދީ، ކޮންމެ ކަމެއްގެވެސް ހުރިހާ ފަރާތެއް ހާމަކޮށް، ދޮގާއި ފިތުނަ ފެތުރުނަ ނުދީ، ގައުމުގެ އަގުތައް ހިފެހެއްޓުން ފަދަ ހުރިހާ ކަމަކީ ނޫސްވެރީންގެ ކޮނޑުގައި އެޅިފައި އޮތް ވަރަށް މުހިންމު ވާޖިބެއް ކަމަށެވެ.
ނައިބު ވިދާޅުވީ، ނޫސްވެރިންގެ ގައުމީ ޒިންމާ އެހެން އެއްވެސް ޒަމާނަކަށް ވުރެ މިއަދު ބޮޑު ކަމަށެވެ.
ރޭގެ ހަފުލާގައި ނައިބު ވަނީ، މޯލްޑިވްސް މީޑިއާ ކައުންސިލްގެ އާ ލޯގޯ އިފްތިތާހު ކޮށްދެއްވާފައެވެ.