ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފައްދަވަން ނިންމަވާފައިވާ ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވެފައި ވަނީ ޗެނަލް 13 އަށް ދެއްވި ހާއްސަ އިންޓަވިއުގައެވެ.

ރައީސް ޔާމީންގެ ޝަރީއަތުގެ މަޖިލީހުގައި ވެސް ޕީޕީއެމް ޕީއެންސީގެ ލީޑަރުން ވަޑައި ނުގަނަންވާ ކަމަށާއި، އެ ބޭފުޅުން ދަނީ ޕޯޑިއަމްތަކުގައި ވެސް ރައީސް ޔާމީންއާ ދެކޮޅަށް ވާހަކަ ދައްކަވަމުން ކަމަށް ޖަމީލް ވިދާޅުވިއެވެ. ރައީސް ޔާމީންގެ ލަފާއާ އެކުގައި މަސައްކަތްތައް ކުރައްވާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ލީޑަރުން ވިދާޅުވެފައި ވިޔަސް، ރައީސް ޔާމީން ގުޅުއްވިޔަސް އެއިން ބޭފުޅަކު ފޯނަށް ޖަވާބެއް ނުދެއްވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

އަންނަ މަޖިލިސް އިންތިހާބަކީ މުހިއްމު އިންތިހާބެއް ކަމަށާއި އެ އިންތިހާބަށް ސިޔާސީ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭ ކަމަށާއި އެ ގޮތުން މިހާރު ޕީޕީއެމް އޮތީ ހައިޖެކް ކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ. ހައިޖެކް ކޮށްފައި ކަމަށް އޭނާ އެ އިޝާރާތް ކުރައްވަނީ ޕީއެންސީގެ ވެރިން އެކަން ކުރެއްވި ކަމަށެވެ.

އެހެން ކަމުން ދެން އޮތް ގަތަކީ އާ ސިޔާސީ ޕާޓީއެއް އުފައްދުން ކަމަށާއި އެހެންވެ ޔާމީން ޕީޕީއެމް ދޫކޮށްލައްވައި އާޕާޓީއެއް އުފައްދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.