ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ ހަތަރު ވަނަ ބައިނަލްއަގުވާމީ ކޮންފަރެންސް (އެފްއެފްޑީ 4) ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ސްޕެއިނަށް ފުރާވަޑައިގެންފި އެވެ.
އެފްއެފްޑީ 4 އަކީ މާލީ އިސްލާހާ މެދު މަތީ ފަންތީގެ މަޝްވަރާތައް ކުރުމަށް ސަރުކާރުތަކާއި ބައިނަލްއަގުވާމީ އަދި ސަރަހައްދީ ޖަމިއްޔާތަކާއި މާލީ އަދި ވިޔަފާރީގެ މުއައްސަސާތަކާއި ވިޔަފާރިތަކާއި މަދަނީ ޖަމާއަތްތަކާއި އދ. ގެ ގުނަވަންތައް އެއްފުރާޅެއްގެ ދަށަށް ގެނެސްދޭ މުހިންމު މަންސައެކެވެ.
މި ކޮންފަރެންސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 އިން އަންނަ ޖުލައި މަހުގެ 3 އަށް ސްޕެއިންގެ ސެވިލްގަ އެވެ. މި ކޮންފަރެންސްގެ އިފުތިތާހީ ދަންފަޅީގައި ބައިވެރިވެވަޑައިގެން، ޕްލެނަރީ ބައްދަލުވުމުގައި ނައިބު ރައީސް ބަޔާނެއް އިއްވެވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އަދި ހަމަ އެހެންމެ މަސްލަހަތުވެރިންނާ އެކު ބާއްވާ ސިންތާތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެން، މާލީ އިސްލާހުގެ ރޮނގުން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް އޮފީހުން ބުނީ، މިފަދަ މަންސަތަކުގައި ދަރަނި އަދާކުރުމުގެ ދެމެހެއްޓެނިވި އުސޫލުތަކުގެ މައްޗަށާއި މާލީ ނިޒާމުގައި ޝާމިލުކަން ކަށަވަރު ކުރުމުގެ މައްޗަށް ނައިބު ރައީސް މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އިސްނެގުމުގެ މަތިން ކޮންފަރެންސްގެ ހަވާސާގައި ބާއްވާ ހަރަކާތްތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެއެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ. ފައިނޭންސިން ފޯ ޑިވެލޮޕްމަންޓުގެ ތިން ވަނަ ބައިނަލްއަގުވާމީ ކޮންފަރެންސް 2015 ވަނަ އަހަރު ކުރިއަށް ގެންގޮސްފައި ވަނީ އިތިއޯޕިއާގެ އަޑިސް އަބަބާގަ އެވެ.