ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމުގައިވާ ދައުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ވަކި މިންވަރެއް ދިނުމުގައި އަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅުމާ ގުޅޭގޮތުން މީޑިއާތަކުގެ އިސްވެރިންނާއި ރައީސް އޮފީހުން މަޝްވަރާކޮށްފިއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި މައިގަނޑު ދެ ކަމަކަށް މަޝްވަރާ ކޮށްފައި ވާއިރު އޭގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕްރެސްތަކަށް މީޑިއާތަކުން މީހުން ކަނޑައެޅުމާއި ދައުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ވަކި މިންވަރެއް ދިނުމުގައި އަމަލުކުރާނެ އުސޫލުތައް ހިމެނެއެވެ.
ރައީސް ޑރ. މުއިއްޒުގެ ޕްރެސްތަކަށް މީޑިއާތަކުން މީހުން ކަނޑައެޅުމުގައި ހަމަޖައްސާ ނޫސްވެރިއަކީ ނުވަތަ ނޫސްވެރިންނަކީ މީޑިއާތަކުގެ ސީނިއާ ނޫސްވެރިންނަށް ވުން މުހިންމު ކަމަށް ގިނަ އެޑިޓަރުން ބުނެފަައި ވެއެވެ. އަދި ނޫސްތަކަށް ދޭ ޖާގަ އަށް ފޮނުވާނެ ނޫސްވެރިން ކަނޑައަޅާނީ ނޫސްތަކުން ކަމަށާއި އެގޮތުން ދޭ ޖާގަ މަދުވެގެން 4 އެއް ކަމުގައި ހެދުމަށްވެސް ބައެއް އެޑިޓަރުން ލަފާ ދިނެވެ.
ނޫސްވެރިންގެ ހިޔާލުތަކުގެ މައްޗަށް ފައިސާ ދޭނެ އުސޫލާ ގުޅޭ ކަރުދާހެން ހަދާ މީޑިއާތަކާ ހިއްސާ ކުރައްވާނެކަމަށް ވިދާޅުވަމުން ރައީސް އޮފީހުގެ މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން، އިބްރާހީމް ހަލީލް، ވިދާޅުވީ ސަރުކާރުން ހަބަރާއި މައުލޫމާތު ފޯރުކޮށް ދިނުމުގައި މީޑިއާތަކުގެ މެދުގައި ތަފާތެއް ނުކުރާނެ ކަމަށާއި އަދި މީޑިއާތަކުގެ 'ބްލެކް ލިސްޓެއް' މި ސަރުކާރަކުން ނުގެންގުޅޭނެ ކަމަށެވެ.
ހަލީލު ވަނީ މީޑިއާތަކުގެ ކުރިއެރުމަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދީ، ރައީސްގެ ރިޔާސީ ވައުދުތަކުގައި ހިމެނޭ މީޑިއާ ވިލެޖް ގާއިމުކުރުމާއި، މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުން ފަދަ ހުރިހާކަމެއް ވެސް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދަވާނެކަމަަށް ވިދާޅުވެފައެވެ.
އަދި މީޑިއާތަކަށް މައުލޫމާތު ދިނުމުގައި ސަރުކާރުން ވީ ވައުދާ އެއްގޮތަަށް ސަރުކާރުގެ އިދާރާތަކުން މަސައްކަތް ކުރަމުންދާ ގޮތް ވަރަށް ގާތުން ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން ޑިޕާޓްމަންޓުން ބަލަމުން ގެންދާނެ ކަމަށް ވެސް ހަލީލް ވިދާޅުވިއެވެ.
މީޑިއާތަކާ މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމުގެ ބައްދަލުވުންތައް ސިލްސިލާކޮށް ކުރިޔަށް ގެންދާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.