ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި ކާރަކާއި 3 ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ 7:40 އެހާއިރު ހިނގި މި އެކްސިޑެންޓްގައި 4 މީހުންނަށް ވަނީ އަނިޔާ ލިބިފައެވެ. ފަރުވާދިނުމަށްފަހު ދެ މީހުން ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު އަނެއް ދެ މީހުން ވަނީ އޭޑީކޭއަށް ބަދަލުކޮށްފައެވެ. އަދި އެއީ އަންހެނަކާއި ފިރިހެނެއް ކަމަށާއި އަންހެން މީހާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މީގެ ކުރިން ވަނީ މައުލޫމާތި ދީފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެނުނު ގޮތުގައި އެކްސިޑެންޓު ހިނގި ތަނުގައި ތިން މީހަކު ހޭނެތިފައި ބިންމަތީގައި އޮތެވެ. ފުލުހުން ބުނީ އެކްސިޑެންޓު ހިނގީ ކާރު ކޮންޓްރޯލް ނުވެ ސައިކަލްތަކުގައި ޖެހިގެން ކަމަށާއި އަނިޔާވި ހަތަރު މީހުންނަކީ އެތަނުން ދެ ސައިކަލެއްގައި ތިބި މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ އެ މައްސަލައާ ގުޅިގެން "ދަ ޕްރެސް" އިން ސުވާލު ކުރުމުން ފުލުހުން ބުނީ އެ އެކްސިޑެންޓާ ގުޅިގެން ކާރު ދުއްވަން އިން 30 އަހަރުގެ ދިވެހި ފިރިހެން މީހާ އެ ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން 7 ދުވަހަށް ބަންދު ކުރުމަށް އެ ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފަހަކަށް އައިސް މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވަމުންދާ ކަން ފާހަގަ ކޮށްލެވެއެވެ.

އެގޮތުން މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު ފަތިހު 5 ޖަހާ ހާއިރު އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ބާރު ސްޕީޑްގައި ސައިކަލު ދުއްވާފައި ދަނިކޮށް މަގު ހުރަސްކުރި މީހެއްގައި ގައިގާ ޖެހި ބޮޑެތި އަނިޔާތަކެއް ލިބި ރާއްޖެއިން ބޭރުގައިވެސް ފަރުވާ ދީފައި ވެއެވެ. އެ މައްސަލައާ ގުޅިގެން ސައިކަލު ދުއްވަން އިން މީހާ ވަނީ 2 އަހަރަށް ޖަލަށް ލާފައެވެ.