އިޒްރޭލުގެ މީހުން ރާއްޖެ އަށް އެތެރެވުން މަނާކުރުމަށް ގޮވާލާ ހުށަހެޅި ޕެޓިޝަން، މަޖިލީހުގެ ޕެޓިޝަން ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
'ރައިޓް މޫވްމަންޓު'ގެ ފަރާތުން މަޖިލީހަށް އިއްޔެ ވަނީ 1،000 މީހުންގެ ސޮޔާ އެކު ޕެޓިޝަނެއް ހުށަހަޅައިފައެވެ. މައިގަނޑު ގޮތެއްގައި އެ ޕެޓިޝަންގައި ގޮވާލާފައި ވަނީ އިޒްރޭލު މީހުން ރާއްޖެ އަށް އެތެރެވުން މަނާކުރުމަށެވެ.
ޕެޓިޝަން ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކެޔޮދޫ ދާއިރާގެ މެންބަރު ހަސަން ގާސިމް ވަނީ، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވި ގަރާރު ބަލައިގަނެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން އެ ގަރާރު ދިރާސާކުރުމުގެ މަސައްކަތް ފަށާފައިވާ ކަން ހާމަކުރައްވައިފައެވެ.
އެހެންކަމުން، ޕެޓިޝަންގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ގާސިމް ދެ ގޮތެއް ހުށަހެޅުއްވިއެވެ. އެއީ:
- ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އާ ގުޅިގެން ޕެޓިޝަންގެ މަސައްކަތްކުރުން، ނުވަތަ
- ޕެޓިޝަން ކޮމިޓީން ގޮތެއް ނިންމައި ހާރިޖީ ކޮމިޓީ އާ ހަވާލުކުރުން
ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ، މިކަމުގައި އެންމެ ރަނގަޅު ލަފައެއް ދެވޭނީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް ކަމަށެވެ. އެހެންވެ ޝަރީފް ހުށަހެޅުއްވީ ޕެޓިޝަންގެ މަސައްކަތް އަވަސްކުރުމަށްޓަކައި ޕެޓިޝަންގެ މަސައްކަތްތައް ނިންމުމަށް ފަހު އެ ކޮމިޓީ އަށް ހަވާލުކުރުމަށެވެ.
ނަމަވެސް މިކަމުގައި ޑިމޮކްރެޓުންގެ ހިޔާލު ތަފާތެވެ. އެގޮތުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވީ ޕެޓިޝަން ކޮމިޓީން ޕެޓިޝަންގެ މަސައްކަތްތައް ނިންމުމަށެވެ. ދެ ބޭފުޅުން ވެސް ވިދާޅުވި ގޮތުގައި، ޕެޓިޝަން ކޮމިޓީ އަށް އާންމުންގެ ފަރާތުން މައްސަލައެއް ހުށަހެޅުމުން އެ މައްސަލައަކާ މެދު އެ ކޮމިޓީ އަށް ގޮތެއް ނިންމޭނެއެވެ.
ހާރިޖި ކޮމިޓީ އަށް އެމްޑީޕީގެ ދެ މެންބަރުން ހުށަހެޅުއްވި ހުށަހެޅުއްވުމަށް އެއްވެސް މެންބަރަކު ތާއީދުނުކުރައްވާތީ އެ ހުށަހެޅުމަކަށް ވޯޓަށް ނާހައެވެ.
އެހެންވިޔަސް، ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން މި ޕެޓިޝަން ފާސްކޮށް، ގުޅުންހުރި ފަރާތްތަކަށް އެންގުމަށް ވަނީ ނިންމައިފައެވެ.
އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމާ ގުޅޭގޮތުން މަޖިލީހުން މީގެ ކުރިން ނިންމާފައިވާ ބައެއް ނިންމުންތައް:
- މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ އިޒްރޭލުގެ މީހުން އެތެރެވުން މަނާކުރުމަށް ސަރުކާރަށް ލަފާދޭން ނިންމާފައި
- ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވި ގަރާރު މަޖިލީހުން ބަލައިގަނެ ވަނީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް ފޮނުވާފައި