ޔަހޫދީ އިޒްރޭލާއި ހަމާސް އާ ދެމެދު ހަމަލާ ބަދަލުކުރުން ވަގުތީ ގޮތުން މަޑުޖައްސާލަން އެއްބަސްވެއްޖެއެވެ. ގަތަރު މެދުވެރިއެއްގެ ދައުރު އަދާކޮށް، އެމެރިކާ އާއި އިޒްރޭލާއި އަދި ހަމާސް އެއްބަސް ކުރުވި ވަގުތީ އެއްބަސް ވުމުގެ ދަށުން ހަމާސް އިން އަސީރު ކުރި މީހުންގެ ތެރެއިން 50 މީހަކު ދޫކޮށްލުމާއި، އެއިން ކޮންމެ މީހަކަށް އިޒްރޭލުން ރަހީނު ކުރި ފަލަސްތީނުގެ މީހުންގެ ތެރެއިން 3 މީހުން ދޫކޮށްލަށް އެއްބަސް ވެފައި ވެއެވެ.

މީގެ އިތުރުން 4 ދުވަހަށް ހަމަލާތައް މެދުކަނޑާލުމާއި، ގާޒާގެ މަތިން އުދުހޭ ޖާސޫސީ ޑްރޯންތައް އުދުހުން ކޮންމެ ދުވަހަކު 6 ގަޑިއިރަށް ހުއްޓާލުންވެސް ހިމެނެއެވެ.

މި އެއްބަސްވުމާ އެކު އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނީ، ހަމަލާ ބަދަލުކުރުން ވަގުތީ ގޮތުން މެދުކަނޑާލިޔަސް ހަނގުރާމަ ނުހުއްޓޭ ކަމަށާއި އެއްބަސްވުމުގެ ވަގުތު ހަމަވުމާއެކު އަލުން ހަމަލާތައް ފަށާނެ ކަމަށެވެ.

މި ވަގުތީ އެއްބަސްވުމުގެ ދަށުން ހަމާސް އިން އަސީރުން ދޫކުރަމުން ދާނީ 4 ދުވަހަށް ބަހާލައިގެންނެވެ. އެ މުއްދަތުގައި އިޒްރޭލުންވެސް ފަލަސްތީނުގެ ރަހީނުން ދޫކުރަމުން ގެންދާނެއެވެ. 4 ދުވަސް ނިމޭއިރު ޖުމްލަ 150 ރަހީނުން މިނިވަން ކުރަން ވަނީ އެއްބަސް ވެފައެވެ.

އިޒްރޭލުން ފަލަސްތީނަށް އަރާ ހިންގަމުން ގެންދާ ޖަރީމާތަކުގައި ރަހީނު ކޮށްގެން އިޒްރޭލަށް ގެންދިޔަ މީހުންގެ އަދަދު 8300 އަށް އަރައެވެ. ބާކީ ތިބި މީހުން ދުލެއް ނުކުރާނެއެވެ.

ދެން މިއެއްބަސް ވުމުގެ ދަށުން ހުއްދަ ދޭ އަނެއް ކަމަކީ ގާޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމެވެ.

ގިނަ ދުވަސްތަކެއްގެ މަޝްވަރާއަށް ފަހު މި އެއްބަސްވުމާ ހަމައަށް އާދެވުނު އިރު އިއްޔެއާއި ރޭ އިޒްރޭލުގެ ވޯ ކެބިނެޓުގައި ވަނީ ފުޅާދާއިރާއެއްގައި އެއްބަސްވުމާ ބެހެ ގޮތުން މަހުސް ކޮށްފައެވެ. އެއްބަޔަކު ސުލްހަވާން ތާއީދު ކުރި އިރު އަނެއްބަޔަކު ދިޔައީ ދެކޮޅު ހަދަމުންނެވެ. އެންމެ ފަހުން ވޯޓަކަށް އަހައި ވަގުތީ ސުލްހައަކަށް އެއްބަސްވީ ކެބިނެޓުގައި ހިމެނޭ 38 މީހުންގެ ތެރެއިން 35 މީހުންގެ ވޯޓު ލިބިގެންނެވެ. ބާކީ 3 މީހުން ބޭނުންވީ ހަނގުރާމަ ކުރިއަށް ގެންދާށެވެ.

4 ދުވަހަށް ހަމަލާ ހުއްޓާލަން ވި އެއްބަސްވުމުގެ މުއްދަތު އިތުރު ކުރާނެ ގޮތެއްވެސް އޭގައި ހިމަނާފައި ވެއެވެ. އެގޮތުން 4 ދުވަސް ހަމަވާފަހުން ހަމާސްއިން ދޫކުރާ ކޮންމެ 10 އަސީރަކަށް އިތުރު ދުވަހެއް ލިބޭނެއެވެ. ނަމަވެސް އޭގެ މުގާބިލުގައި އިޒްރޭލުގެ ޖަލުތަކުގައި ތިބި ރަހީނުން ދޫކުރާނެ ވާހަކައެއް އިޒްރޭލަކުން ނުބުނެއެވެ.

މި އެއްބަސްވުމާ ގުޅޭ ގޮތުން ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނީ، އެއްބަސްވުމުގެ ދަށުން އެ މުއްދަތުގައި އިޒްރޭލުގެ ހުރިހާ އަސްކަރީ ހަރަކާތެއް ހުއްޓާލާނެ ކަމަށެވެ. އަދި ގާޒާއަށް ބޭނުންވާ ބޯފެނާއި، ކާބޯތަކެއްޗާއި ތެލާއި ބޭސް ލިބޭނެ ކަމަށެވެ. އެއީ މިހާރުވެސް ގާޒާގެ ބޯޑަރު ސަރަހައްދުގައި އޮތް އެހީގެ ގާފިލާގެ ވާހަކައެވެ. އެ ގާފިލާގައި ހިމެނޭ އެތައް 100 ޓްރަކަކަށް ގާޒާއަށް ނުވަދެވި އޮންނަން ޖެހިފައިވަނީ އިޒްރޭލުން ހުއްދަ ނުދީގެންނެވެ.

އިޒްރޭލާއި ހަމާސް އިން އެއްބަސްވުމަކާ ހަމައަށް އައިއިރު، އިޒްރޭލުން ވަނީ 2.3 މިލިއަން މީހުން ދިރިއުޅޭ ގާޒާގެ 85 ޕަސެންޓް ފުނޑުފުނޑު ކޮށްލާފައެވެ. 14،000 މީހުން ޝަހީދު ކޮށްލައިފިއެވެ. 1.7 މިލިއަން މީހުން ވަނީ ގެދޮރުން ނެރެ ފައްސާލާފައެވެ. 30،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

މި އެއްބަސް ވުމުގެ ދަށުން ހަމަލާތައް ހުއްޓާލާނެ ވަގުތު މިއަދު އިއުލާން ކުރާނެއެވެ.