އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އޮލިމްޕަސް ސިނަމާއަށް ގެންނަން ހަމަޖެހިފައިވާ ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފިލްމު "ނޮވެމްބަރ" ގއ ވިލިނގިލީގައި އަޅުވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ މި ފިލްމު ވިލިނގިލީގައި އަޅުވާނީ އަންނަ މަހުގެ ހަތް ވަނަ އަދި އަށް ވަނަ ދުވަހުގެ ރޭ 20:30 ގައި ކަމަށެވެ. އަދި ފިލްމު އަޅުވާނީ ގއ އަތޮޅު ތައުލީމީ މަރުކަރުގެ ހޯލުގައި ކަމަށްވެސް މޮގާ ވަނީ ބުނެފައެވެ. މި ޝޯގެ ޓިކެޓް ގަތުމަށް 9990156 ނުވަތަ 7766321 އާ ގުޅުމުން އެކަން ހަމަޖެހިގެންދާނެއެވެ. ރާއްޖޭގައި އެކި ކަންކޮޅުތަކުގައި ވެސް މި ފިލްމު އެޅުވުމުގެ ފުރުސަތު އޮންނާނެއެވެ.

މި ފިލްމުގެ ޓިކެޓް މިހާރު އޮލިމްޕަހުން ވިއްކަން ފަށާފައިވާއިރު ޕްރިމިއާ ނައިޓްގެ ޓިކެޓް އުޅެނީ 200 ރުފިޔާ އަށެވެ. އަދި އެހެން ރޭތަކުގެ ޝޯ ގެ ޓިކެޓް 150 ރުފިޔާއަށް އުޅޭނެއެވެ. އޮލިމްޕަސް ކައުންޓަރު ހުޅުވިފައި ހުންނާނީ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށެވެ. ރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލް ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ޝޫޓިންތައް ނެގީ ސިންގަޕޫރު އަދި އައްޑޫގައެވެ. ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައި ވަނީ އައިޝަތު ފުއާދު ތައުފީގު އަދި އަހްމަދު ތޮލާލު އެވެ. އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ޑައިރެކްޓްކުރާ "ނޮވެމްބަރ"ގެ ޕްރޮޑިއުސަރުންނަކީ މުހައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދެވެ. ފިލްމުގެ ސިނަމޮޓޮގްރަފީ ތައްޔާރުކުރާނީ އަހްމަދު ޝިނާން އަދި އަލީ ޝިފާއު އެވެ. "ނޮވެމްބަރ" އަކީ ލޯބީގެ ރަހަތައް އެކުލެވިގެންވާ ފިލްމެކެވެ. މި ފިލްމަކީ ޖުމައްޔިލް އާއި މަޖުދާ ކަޕްލް އެއްގެ ގޮތުގައި ފެނިގެންދާނެ ފަހު ފިލްމުވެސްމެއެވެ.