އދގެ މި އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް28) ގައި ބައިވެރިވެވަޑައިގަތުމަށް މި މަހުގެ ފަހުކޮޅުގައި ދުބާއީއަށް ވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޔޫއޭއީގެ 52 ވަނަ ޔޫނިއަން ދުވަހުގެ މުނާސަބަތުގައި ހޮޓެލް ޖެންގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ، މިއީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ވަރަށް މުހިންމު ސަމިޓެއް ކަމަށާއި، ތިމާވެށީގެ ދާއިރާތަކުގައި ހަރަކާތްތެރިވާ އެކިއެކު ކުްނފުނިތަކުން ހިއްސާ ކުރާ ނިސްބަތުން [ސްޓޮކްޓޭކް] އުފަންކުރާ ލޮސް އެންޑް ޑެމޭޖް ފަންޑު ފަށަން ޖެހޭ ކަމަށެވެ. އަދި މިކަމުގައި [ދުނިޔެ ސަލާމަތް ކުރުމުގެ މަސައްކަތުގައި] މުޅި ދުނިޔެ އެއްތަން ކުރަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ކޮޕް28 ގެ ކާމިޔާބީ ކަށަވަރުކުރުމަށް ރާއްޖެއިން ޔޫއޭއީއަށް އެއްބާރުލުން ދޭނެ ކަމަށާއި، ޔޫއޭއީގެ ރިޔާސަތުގައި އެ ގައުމުން ހަރުދަނާ ނަތީޖާތަކެއް ނެރެދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މި ޖަލްސާގައި މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ރާއްޖެއާ ދެމެދުގައި އޮތް ގުޅުމުގައި އާ ޒަމާނެއް ގާއިމު ކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރާނެ ކަމުގައި ވިދާޅުވިއެވެ. މީގެ ދެއަހަރު ކުރިން، އެމިރޭޓްސް އާ އެކު އޮތް ގުޅުމަށް ފަންސާސް އަހަރު ވެގެން ދިޔަ ފަހުން، އެއްބައިވަންތަ ވިސްނުމެއްގައި ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަކަމުގެ ތެރެއިން ހާސިލު ކުރެވުނު ހިތްގައިމު ކާމިޔާބީތައް ފެންނަން އެބަހުރިކަމުގައި ވިދާޅުވިއެވެ. އަދި ޔޫއޭއީ އަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށާއި، މި މުހިންމު މުނާސަބަތަކީ ޔޫއޭއީއަށް ލިބުނު ކާމިޔާބީއަށް ތައުރީފުކޮށް މަރުހަބާ ކިޔަން ލިބިވަޑައިގެން ފުރުސަތެއް ކަމަށް ވެސް ވިދާޅުވިއެވެ.

ޔޫއޭއީއަކީ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްތަކުގެ ތެރެއިން މަންޒިލެއް ކަމަށާއި، އެއީ ކުރިއެރުމާއި ތަނަވަސްކަމުގެ ނަމޫނާއެއްގެ ގޮތުގައި ރައީސް މުއިއްޒު ސިފަ ކުރެއްވިއެވެ. އަދި އެއީ އެމިރޭޓްސްގެ ރައްޔިތުންގެ އާދަޔާ ހިލާފު ރޫހު ދައްކުވައިދޭ މަންޒިލެއް ކަމުގައި ވިދާޅުވިއެވެ. އެގޮތުން މި އަހަރަކީ ރާއްޖެއާއި ޔޫއޭއީއާ ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރިތާ 45 އަހަރު ފުރޭ އަހަރު ކަމަށާއި، ވޭތުވެދިޔަ އަހަރުތަކުގައި ދެ ގައުމުގެ ދެމެދުގައި އޮތީ ވަރަށް ރަނގަޅު ގުޅުމެއް ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމުމަށްޓަކައި، ޔޫއޭއީއިން ދާދިފަހުން އެހީވެދޭނެ ކަމަށް ބުނެފައި ވާތީ އެކަމުގެ މައްޗަށް ވެސް މުއިއްޒުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މުއިއްޒު ވަނީ ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް މަސައްކަތް ނިންމުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އެގޮތުން އެ މަސައްކަތަށް ފައިސާ ހަމަޖައްސަވައި ދިނުމަށް މުއިއްޒު އެދިވަޑައިގަތުމުން އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިން ވަނީ 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ހަމަޖައްސައި ދޭނެ ކަމުގެ ޔަގީންކަން ދީފަފައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.