ކޮޕް 28 ކޮންފަރެންސްގައި ޗައިނާއިން ބައިވެރިވި މަތީ ފެންވަރުގެ ވަފުދުގެ އިސްވެރިޔާ، ޗައިނާގެ ފަސްޓް ވައިސް ޕްރިމިއާ ޑިންގް ޝުއެޝިއެންގް އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.

ދުބާއީގައި ބާއްވާ ކޮޕް 28 ކޮންފަރެންސްގެ ހަވާސާގައި ކުރިއަށް ދިޔަ މި ބައްދަލު ކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ. އަދި ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްގީގެ އެންމެ މުހިންމު އެއް ބައިވެރިޔާކަން ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް ޗައިނާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ކުރިމަގުގައި އިތުރު ވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވެސް މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.

ޗައިނާގެ ފަސްޓް ވައިސް ޕްރިމިއާ ޑިންގް ޝުއެޝިއެންގް މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކައިގައި، ރިޔާސީ އާ ދައުރު ފެއްޓެވުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒަށް މަރްހަބާ ވިދާޅުވިއެވެ. އަދި ޗައިނާއިން އަބަދުވެސް ދިވެހިރާއްޖެއާއެކު ބަދަހި ގުޅުމެއް ބާއްވަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވަނީ

ކޮޕް 28 ކޮންފަރެންސަށް ރައީސް މުއިއްޒު ވަޑައިގެން އިތުރު ގައުމުތަކުގެ އިސްވެރިންނާ ވެސް ވަނީ ބައްދަލު ކުރައްވާފައެވެ. އެ ގޮތުން ސްރީލަންކާގެ ރައީސް ރަނިލްވިކްރަމަސިންހަ އާއި ވެސް މިއަދު ވަނީ ބައްދަލު ކުރައްވާފައެވެ. އެގޮތުން ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ސްރީލަންކާއާއި ރާއްޖޭގެ ރައްޔިތުންގެ މެދުގައި މިހާރަށް ވުރެ އިތުރަށް ގުޅުން ބަދަހި ކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ތައުލީމީ ދާއިރާއިންނާއި އަދި މީގެ އިތުރުން ވެސް ދެ ގައުމަށް ފައިދާ ހުރި ތަފާތު ދާއިރާތަކުން ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން ހިޔާލު ބަދަލުކޮށްލެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ރައީސުން ވަނީ، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ލިބޭ ގެއްލުންތައް ކުޑަކުރުމަށް ދިވެހިރާއްޖެ އާއި ސްރީލަންކާއިން ގެންގުޅޭ ސިޔާސަތުތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އިންގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިން ވަނަ ބައްދަލުކުރެއްވުމުގެ ތެރެއިން

މީގެ އިތުރުން ވެސް ރައީސް މުއިއްޒު ކޮޕް 28 ކޮންފަރެންސްގެ ހަވާސާގައި ވަނީ އިންގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައާ ވެސް ބައްދަލު ކުރައްވާ ވާހަކަ ދައްކަވާފައެވެ. ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ދުބާއީގެ ވެރިޔާ، ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމް އާއި ޕާކިސްތާނުގެ 8 ވަނަ ވަގުތީ ބޮޑުވަޒީރު އަންވާރުލް ހައްގު ކަކަރްއާ ވެސް ބައްދަލުކުރައްވާފައެވެ.

މިސަމިޓުގައި ރައީސް ޑރ. މުއިއްޒުގެ އަރިހުގައި އެންވާރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބައިވެރިވެ ވަޑައިގެންނަވައެވެ. ކޮޕް28 ބައްދަލުވުމުގައި މިއަދު ރައީސް މުއިއްޒު ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވާ އިރު، މިއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަން ފަހުން މިފަދަ ފޯރަމެއްގައި އެމަނިކުފާނު ތަގްރީރު ކުރައްވާ ފުރަތަމަ ފަހަރެވެ.

މި ބައްދަލުވުން ވެގެންދާނީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ރާވާފައިވާ ކަންކަމާ ގުޅޭ މައުލޫމާތު ބައިނަލްއަގްވާމީ މައިދާނުގައި ހިއްސާ ކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ލިބޭ ގެއްލުންތައް ކުޑަކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ލިބޭ އަގުހުރި ފުރުސަތަކަށް ކަމަށް ސަރުކާރުން ބުނެއެވެ.

ކޮޕް28 ބާއްވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީގައި ނޮވެމްބަރު 30 އިން ޑިސެންބަރު 12 އާ ހަމައަށެވެ. މި ކޮންފަރެންސްގައި 70،000 ފަރާތަކުން ބައިވެރިވާ އިރު އޭގެތެރޭގައި ގައުމުތަކުގެ އިސްވެރިންނާއި އެކި ސިނާއަތްތަކުގެ ބައިނަލްއަގްވާމީ ފެންވަރުގެ ލީޑަރުންނާއި އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރާ ފަރާތްތަކާއި ތައުލީމީ މާހިރުންނާއި އެކިއެކި ރޮނގުރޮނގުގެ ތަޖުރިބާކާރުންނާއި ޒުވާނުން އަދި ޖަމުއިއްޔާ ޖަމާއަތްތައް ހިމެނެއެވެ.