އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 ޕަސެންޓް އުފައްދައި ދޭނެ އިއާދަކުރަނިވި ހަކަތައިގެ ނިޒާމެއް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ގާއިމުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީގައި ކުރިއަށްދާ 28 ވަނަ ކޮޕް ސަމިޓްގެ ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި މިއަދު ތަގްރީރު ކުރައްވަމުން މުއިއްޒު ވިދާޅުވީ، އިާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ މިންވަރު މިހާރު ހުރީ 4 ޕަސެންޓްގައި ކަމަށާއި ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިއަކީ މަދުވެގެން 600 މިލިއަން ޑޮލަރު މިކަމަށް ހޯދުން ކަމަށެވެ.

މިކަން ހާސިލްކުރުމަށްޓަކައި ބައިނަލްއަގްވާމީ މުޖުތަމައުގެ އެހީތެރިކަމަށް އރމަނިކުފާނު އެދިވަޑައިގެންފައި ވެއެވެ.

ދުނިޔޭގެ ގައުމުތަކުގެ ވެރިންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް ގައުމުތަކުން އަޅާ ފިޔަވަޅުތައް ވަޒަންކުރާ "ގްލޯބަލް ސްޓޮކްޓޭކް" އިން، ޕެރިސް އެއްބަސްވުމާ އެއްގޮތަށް، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް އަމާޒު ހިފަންޖެހޭ ކަމަށާއި، އެއީ ކޮޕް28އަށް ރާއްޖެއިން ކުރާ އުންމީދު ކަމުގައި ވިދާޅުވެފައެވެ. މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ފައިސާ ހޯދުމަށް ކުރިމަތިވާ އުނދަގޫތައް ހައްލު ކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ވެސް މުއިއްޒު ވާހަކަފުޅު ދެއްކެވިއެވެ.

އެ މަސައްކަތް ބިނާވާން ޖެހޭނީ ގައުމުތަކުގެ މެދުގައި ހަމަހަމަ، އަދި ލިބެންހުރި އެންމެ ރަނގަޅު ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން ފަސޭހައިން ފައިސާ ހޯދޭނެ ނިޒާމެއް ގާއިމްވާން ޖެހޭ ކަމަށާއި، ފައިސާ ދިނުމުގައި ބަލާ މިންގަނޑުތައް ވެސް އަލުން މުރާޖައާ ކުރަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވާ، 'ލޮސް އެންޑް ޑެމޭޖް ފަންޑު' ބޭނުންކުރަން ފެށުމަށް، އިއްޔެ ނިންމި ނިންމުމަށް މުއިއްޒު ވަނީ މަރުހަބާ ވިދާޅުވެފައެވެ.