ކޮޕް-28 ގެ ބައްދަލުވުމުގެ ތެރެއިން މިއަދު ކުރިއަށްދާ "ކްލައިމެޓް-ހެލްތު މިނިސްޓީރިއަލް" ބައްދަލުވުމުގައި ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ބައިވެރިވެ ވަޑައިގެންފިއެވެ.

"28 ސެޝަން އޮފް ދަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ ކޮޕް28)" ކުރިއަށް ގެންދަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން މި މަހުގެ 12 އަށް އެކުވެރި އަރަބި އިމާރާތުގައެވެ.

އެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ހެލްތް މިނިސްޓަރު ވާހަކަ ދައްކެވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ރާވާފައިވާ ކަންކަމާ ގުޅޭ މައުލޫމާތު ބައިނަލްއަގްވާމީ މައިދާނުގައި ހިއްސާކުރެވިގެންދާނެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ބައިނަލްއަގްވާމީ ފެންވަރުގައި މަޝްވަރާތައް ކުރެވިގެންދާނެއެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ސިއްހަތަށް ކުރެވޭ ނޭދެވޭ އަސަރުތަކަށް ހައްލެއް ހޯދުމުގެ މަގްސަދުގައި ކުރެވޭނެ ކަންކަމާމެދު މަޝްވަރާކޮށް، އެކަމާގުޅޭ ގޮތުން ގައުމުތަކުގެ ސިއްހަތާބެހޭ ވަޒީރުން އެއްބަސްވެ ވަޑައިގަންނަވާ "ޑެކްލަރޭޝަން އޮން ކްލައިމެޓް އެންޑް ހެލްތު" ގެ ނަމުގައި ގަރާރެއް ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގެ ތެރެއިން "ކޮޕް28 ޔޫތު ކްލައިމެޓް ޗެމްޕިއަން" އަދި "ވެލްމަކް ޓްރަސްޓު" ގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މޫސުމަށް އަންނަ ބަދަލާ ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރު ކުޑަކުރުމާ ގުޅޭ އިވެންޓުގައި ހެލްތް މިނިސްޓަރު ވާހަކަ ދައްކަވާނެއެވެ. އަދި މިބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ދޭދޭ ގައުމުތަކާއެކު ބައްދަލުވުންތަކެއް ބޭއްވުމަށް ރާވާފައިވެއެވެ.

މިބައްދަލުވުންތަކުގައި ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމާއި އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ މަސައްކަތަށް އަދި ސިއްހީދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ވެސް މަޝްވަރާ ކުރެވިގެންދާނެއެވެ.

އެ ކޮންފަރެންސްގައި 70،000 ފަރާތަކުން ބައިވެރިވާ އިރު، އޭގެތެރޭގައި ގައުމުތަކުގެ އިސްވެރިން، އެކި ސިނާއާތްތަކުގެ ބައިނަލްއަގްވާމީ ފެންވަރުގެ ލީޑަރުން، އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރާ ފަރާތްތަކުން، ތައުލީމީ މާހިރުންން، އެކިއެކި ރޮނގުރޮނގުގެ ތަޖުރިބާކާރުންގެ އިތުރުން ޒުވާނުން އަދި ޖަމުއިއްޔާ ޖަމާއަތްތައް ހިމެނެއެވެ. މިއީ، ސިއްހަތާ ގުޅޭ ގޮތުން ޔޫއެންއެފްސީސީސީ ކޮޕް ބައްދަލުވުމެއްގައި ބާއްވާ ފުރަތަމަ މިނިސްޓީރިއަލް ބައްދަލުވުމެވެ.