28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގެ ހަވާސާގައި، އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ތިން ވަނަ އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދުގައި އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެ ގޮތުން އެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދައްކަވާފައި ވެއެވެ.

ރައީސް ޑރ. މުއިއްޒު ވަނީ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތައް ކުޑަ ކުރުމަށާއި، ތިމާވެށި ހިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ކިންގް ޗާލްސް އާ ހިއްސާކުރައްވާފައެވެ. ހަމައެއާއެކު ޗާލްސް ވަނީ ތިމާވެށީގެ ކަންކަމުގައި ރާއްޖެއަށް އިނގިރޭސިވިލާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

މިސަމިޓުގައި ރައީސް ޑރ. މުއިއްޒުގެ އަރިހުގައި އެންވާރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބައިވެރިވެ ވަޑައިގެންނަވައެވެ. ކޮޕް28 ބައްދަލުވުމުގައި މިއަދު ރައީސް މުއިއްޒު ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވާ އިރު، މިއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަން ފަހުން މިފަދަ ފޯރަމެއްގައި އެމަނިކުފާނު ތަގްރީރު ކުރައްވާ ފުރަތަމަ ފަހަރެވެ.

މި ބައްދަލުވުން ވެގެންދާނީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ރާވާފައިވާ ކަންކަމާ ގުޅޭ މައުލޫމާތު ބައިނަލްއަގްވާމީ މައިދާނުގައި ހިއްސާ ކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ލިބޭ ގެއްލުންތައް ކުޑަކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ލިބޭ އަގުހުރި ފުރުސަތަކަށް ކަމަށް ސަރުކާރުން ބުނެއެވެ.

ކޮޕް28 ބާއްވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީގައި ނޮވެމްބަރު 30 އިން ޑިސެންބަރު 12 އާ ހަމައަށެވެ. މި ކޮންފަރެންސްގައި 70،000 ފަރާތަކުން ބައިވެރިވާ އިރު އޭގެތެރޭގައި ގައުމުތަކުގެ އިސްވެރިންނާއި އެކި ސިނާއަތްތަކުގެ ބައިނަލްއަގްވާމީ ފެންވަރުގެ ލީޑަރުންނާއި އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރާ ފަރާތްތަކާއި ތައުލީމީ މާހިރުންނާއި އެކިއެކި ރޮނގުރޮނގުގެ ތަޖުރިބާކާރުންނާއި ޒުވާނުން އަދި ޖަމުއިއްޔާ ޖަމާއަތްތައް ހިމެނެއެވެ.