ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް، މުހައްމަދު ތޮލާލް އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ތޮލާލް މި މަގާމަށް އައްޔަންކުރައްވާފައި ވަނީ މިނިސްޓަރު ފެންވަރުގައި ކަމަށެވެ.

ތޮލާލް މިހާތަނަށް ހުންނެވީ އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައެވެ. އޭނާވަނީ އެތުލީޓުން އުފެއްދުމާއި ރާއްޖެއިން ބޭރުން ތަމްރީނު ޕްރޮގްރާމުތައް ހޯއްދަވައި ދެއްވުމުގައި އިސް ދައުރެއް އަދައިކުރައްވާފައެވެ.

ތޮލާލް އަންނަނީ ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވަމުންނެވެ.

ވެސްޕޯޓްސް ކޮމިޝަނާގެ އޮފީހަކީ 2015 ވަނަ އަހަރު ކުޅިވަރުގެ ގާނޫނުގެ ދަށުން ރައިސްލުޖުމްހޫރިއްޔާ އުފައްދަވާފައިވާ އޮފީހެކެވެ. ކުޅިވަރުގެ ގާނޫނުގައި ވާގޮތުން ސްޕޯޓްސް ކޮމިޝަނަރަކީ ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރު ކުލަބްތަކުގެ މަސައްކަތް ބަލަހައްޓާ ފަރާތެވެ.

ތޮލާލު ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް، އައްޔަންކުރައްވާފައިވާއިރު އިސްލާމީ މަރްކަޒުގެ އިސް އިމާމު ކަމަށް ޝެއިޚް މުހައްމަދު ލަތީފް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވަނީ އައްޔަންކުރައްވާފައެވެ.