ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިސްލާމީ މަރްކަޒުގެ އިސް އިމާމު ކަމަށް ޝެއިޚް މުހައްމަދު ލަތީފް އައްޔަން ކުރައްވައިފިއެވެ.

ޝެއިހް ލަތީފް މި މަގާމަށް އައްޔަންކުރައްވާފައި ވަނީ މިނިސްޓަރު ފެންވަރުގައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ޝެއިހް ލަތީފު މީގެ ކުރިން ވަނީ އިސްލާމީ މަރްކަޒުގެ އިމާމުގެ މަގާމު ފުރުއްވާފައެވެ.

އިސްލާމީ މަރުކަޒުގެ އިސް އިމާމު ކަމަށް ޝައިހު ލަތީފް އައްޔަންކުރެއްވުމުގެ އިތުރުން ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް، މުހައްމަދު ޠަލާލް ވަނީ އައްޔަން ކުރައްވާފައެވެ. ޠަލާލް މި މަގާމަށް އައްޔަންކުރެއްވީ ވެސް މިނިސްޓަރު ފެންވަރުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން ރައީސް ޑރ. މުއިއްޒު، ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް އިބްރާހީމް އަބްދުއްރައްޒާގު ހަލީމް އައްޔަންކުރައްވާފައެވެ.

އިބްރާހީމް އަބްދުއްރައްޒާގު ހަލީމް މި މަގާމަށް އައްޔަން ކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ. އޭނާ މީގެ ކުރިން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވާފައެވެ. އޭގެ ތެރޭގައި އެމްޓީސީސީ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ހިމެނެއެވެ.