ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރި މައްސަލައިގެ އަޑު އެހުމުގައި ދެން އިތުރަށް ސާފުކުރަން ޖެހޭ ކަމެއް ނެތް ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށް ހައިކޯޓުގެ ފަނޑިޔާރުން ވިދާޅުވެއްޖެއެވެ.

މިއަދު ހައިކޯޓުގައި މި މައްސަލާގައި ކުރިއަށް ގެންދިޔަ އިސްތިއުނާފުގައި އޮތީ ހަސްމުން ފަހުބަސް އިއްވުމެވެ. ޝަރީއަތް މިއަދު ނިންމާލައްވަމުން ފަނޑިޔާރުން ސާފުކުރަން ބޭނުންވާ ކަމެއް ނެތް ނަމަ ހުކުމް އިއްވުން އޮންނާނެ ކަމަށް ވިދާޅުވި ނަމަވެސް ހުކުމް ކުރުން އޮންނާނެ ނުވަތަ ދެން ޝަރީއަތް ބާއްވާނެ ދުވަހެއް ހާމައެއް ނުކުރައްވައެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ވަނީ ކޮރަޕްޝަނަކީ ކެންސަރެއްކަން ފާހަގަ ކުރައްވައި މިއީ ދުނިޔޭގެ ކުރިއަރާފައިވާ މިނިވަން ދިމިގްރާތީ ނިޒާމުތަކުގައި ވެސް ގަބޫލުކުރާ ގަބޫލުކުރުމެއް ކަމަށް ބުނެއެވެ. ކްރިމިނަލް ކޯޓުން ކުރި ދައުވާތައް އުފަންވެގެން އައިސްފައި ވަނީ ނުވަތަ ކުށުގެ އަމަލުގެ މުގުލުގައި ވަނީ ވެސް ކޮރަޕްޝަންގެ ކެންސަރުކަމަށް ދެކޭކަމަށް ދައުލަތުން ބުނެއެވެ.

މި މައްސަލާގައި ޝަރީއަތް ފެށުނު ފަހުން، ދިފާއީ ހެކިންގެ "ކްރެޑިބިލިޓީ"އާ ގުޅޭ އާ ހެކިތަކެއް ދައުލަތުން ހުށަހަޅާފައިވާ އިރު، އެކަން ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ހައިކޯޓުގައި ފާހަގަކޮށްފައި ވެއެވެ. އެކަމާ ގުޅޭގޮތުން ދައުލަތުން ބުނީ، އިސްތިއުނާފު ކުރާ ފަރާތުން ދިފާއީ ހެކި ހުށަހެޅި އިރު، ޑޮލަރު މާރުކުރުމުގެ މުއާމަލާތް ހިނގައި ދިޔަ ތާރީހެއް ބުނެދީފައި ނުވާ ކަމަށާއި އެ ތާރީހާ ގުޅޭ ދިފާއީ ހެކީގެ ހާޒިރީ ދައުލަތުން ފަހުން ހޯދާކަށް ނުޖެހުނީސް ކަމަށެވެ. އެހެންކަމުން އެ ހެކިތައް ހުރެމެ، ހާމަނުކުރީ ކަމަށް ބުނެވެން ނޯންނާނެ ކަމަށް ދައުލަތުން ބުނެއެވެ.

މިފަދަ ބޮޑު މައްސަލައެއްގައި ޖަލު އަދަބު ނޫން އަދަބެއް ކަނޑައެޅުމަކީ އިންސާފެއް ކަމަށް، ދަށު ކޯޓުގެ ފަނޑިޔާރަށް ވެސް ފެނިވަޑައިގެންފައި ނުވާ ކަމަށް ވެސް ދައުލަތުް ފާހަގަ ކުރިއެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވާފައެވެ. ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ރައީސް ޔާމީން ވަނީ ދާދިފަހުން ގެކޮޅަށް ބަދަލުކުރައްވާފައެވެ. އަދި އެއަށްފަހު މިހާރު އެމަނިކުފާނު ހުންނެވީ ރަށު ބަންދެއްގައެވެ.

ރިޝްވަތު ނެންގެވުމާއި ކަޅު ފައިސާ ދޮވުމުގެ އެހެން މައްސަލައެއްގެ ޝަރީއަތް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި މިހާރުވެސް ހިނގަމުން ދެއެވެ. އެއީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ވިއްކަވައިގެން ލިބުނު 1.1 މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކުރައްވާފައިވާ މައްސަލައެވެ.