ވެރިކަން ކުރާ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ވަކި އޮފީހެއް ގާއިމުކޮށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ޕީއެންސީގެ މަސައްކަތްތައް މީގެ ކުރިން ކުރަމުން ދިޔައީ ހ. ހުރަފާގައި ހުންނަ ޕީޕީއެމްގެ އޮފީހުގައެވެ. އެހެން ނަމަވެސް ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަން ފަހުން ޕީއެންސީގެ މަސައްކަތްތައް ވަކި އޮފީހަކަށް ބަދުލުކޮށްފައި ވާއިރު މިހާރު އެ ޕާޓީގެ އޮފީސް ގާއިމުކޮށްފައި ވަނީ "ދިވެހީންގެރާއްޖޭ"ގެ މައި ޖަގަހަ ހިންގި، ކާނިވަލުގެ "ދޮންމަނިކު ސްކައިވޭ" ރެސްޓޯރަންޓުގެ ތިރީގައެވެ.

ޕީއެންސީއަށް ވަކި އޮފީހެއް ގާއިމުކޮށް، ޕާޓީ ދަފުތަރަށް 10،000 މެންބަރުން ހަމަ ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، މުހައްމަދު ތޮލާލް ވިދާޅުވީ އެ ޕާޓީއާ ގުޅުމަށް ގިނަ އަދަދެއްގެ އެމްޑީޕީގެ އިސް ބޭފުޅުންގެ އިތުރުން ނިމިގެން ދިޔަ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން ވެސް އެދެމުން އަންނަކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ކެންޑިޑޭޓުން ނެރުމަށް މަސައްކަތް ކުރަމުން އަންނައިރު ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ކުރީގެ ރައީސް ޔާމީން އާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާކަމުގެ ވާހަކަތަކެއްވެސް ވަނީ ފެތުރިފައެވެ. އަދި ޕީއެންސީ އިން އެ ޕާޓީގެ ވަކި އޮފީހެއް ގާއިމު ކުރުމާއެކު ޕީޕީއެމްގެ އާންމު މެންބަރުން އަންނަނީ އަބްދުﷲ ޔާމީން ބާކީ ކޮށްލި ކަމަށް ބުނަމުންނެވެ. ނަމަވެސް ޕީޕީއެމް އިން ބުނެފައި ވަނީ ދެޕާޓީ އޮތީ ގަދަކޮށް ބަދަހިކޮން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގައި ފެބުރުއަރީ 21، 2023 ގެ ނިޔަލަށް ޕީއެންސީގެ ރަޖިސްޓްރީގައި ވަނީ 3،159 މެންބަރުންނެވެ.