ސަޕްލިމެންޓްރީ ބަޖެޓުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށްދޭ ބަޖެޓު ފާސްކުރުމުގެ ކުރިން އެ ކުންފުނިތައް މަޖިލީހަށް ހާޒިރުކޮށް، ކުންފުނިތަކަށް ފައިސާ ބޭނުންވާ ސަބަބު ބަލަން އޮޑިޓާ ޖެނެރަލް (އޭޖީ) ހުސައިން ނިޔާޒީ ލަފާދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ސަޕްލިމެންޓްރީ ބަޖެޓު އިއްޔެ ފާސްކޮށްފައިވާއިރު، އޮޑިޓާ ޖެނެރަލް ވަނީ ބަޖެޓާމެދު ހުރި ކަންބޮޑުވުންތައް ފާޅުކުރައްވާފައެވެ.

އެގޮތުން ސަރުކާރުން ހިއްސާވާ ކުންފުނިތަކަށް ދެވޭ ފައިސާގެ ބަޖެޓު ފާސްކުރުމުގެ ކުރިން، އެ ކުންފުނިތަކުގެ މާލީ ހާލަތު ދެނެގަނެ ކުންފުނިތައް ދޭން ހިމަނާފައިވާ ފައިސާ ބޭނުންވާ ސަބަބު ބަލަން ކުންފުނިތައް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ލަފާދެއްވުމުގެ އިތުރުން އަހަރު ތެރޭގައި ދައުލަތުގެ ބަޖެޓުން އެކި ނަންނަމުގައި އެ ކުންފުނިތަކަށް ދެވިފައިވާ ފައިސާ ހަރަދު ކުރިގޮތް ސާފު ކުރުމަށް ވެސް އޭޖީ ވަނީ ލަފާދެއްވާފައެވެ.

ދައުލަތުން އަންދާޒާ ކޮށްފައިވާ މިންވަރަށް އާމްދަނީ އަދި ހިލޭ އެހީ ލިބެމުންނުދާނަމަ، ދައުލަތުގެ ބަޖެޓުން އުނިކުރެވޭނެ ހަރަދުތަކަކީ ކޮބައިކަން ބަޖެޓް ފާސްކުރެވިގެންދާއިރު ކަނޑައަޅާފައިހުރުން މުހިންމުކަމުގައި ވެސް އޭޖީ ވިދާޅުވެއެވެ. އެގޮތުން މީގެ ކުރީ އަހަރުތަކުގެ ބަޖެޓުގައި ވެސް ހިލޭ އެހީގެ ގޮތުގައި ހިމަނާފައިވާ އާމްދަނީގެ ބޮޑުބައެއް ލިބިފައި ނުވުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ފައިނޭސްކުރުމަށް ހިރާސްތަކެއް ކުރިމަތިވެފައި ވާކަން އޭޖީ ވަނީ ފާހަގަކުރައްވާފައެވެ.

ސަޕްލިމަންޓަރީ ބަޖެޓުގައި ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރެވޭނެ ގޮތުގެ މަގުޗާޓެއް އެކުލަވާލައި ތަންފީޒުކުރުން މުހިންމު ކަމަށް ވެސް އޭޖީއިން ވަނީ ވިދާޅުވެފައެވެ.

އޭޖީ އިތުރަށް ވިދާޅުވެފައި ވަނީ ސްޓޫޑެންޓް ލޯން ސްކީމުގެ ގޮތުގައި އަހަރުން އަހަރަށް ކުރަންޖެހޭ ހޭދަ އިތުރުވަމުން ދިއުމަށް މެދުވެރިވާ އެއް ސަބަބަކީ ކުރިން ދޫކޮށްފައިވާ ލޯނުތަކުގެ ފައިސާ އެކަށީގެންވާ ގޮތެއްގައި އަނބުރާ ހޯދަމުންނުދާތީ ކަމަށެވެ. އެހެންކަމުން ސްޓޭޑެންޓް ލޯނު ސްކީމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ލޯނުތަކުގެ ރިކަވަރީގެ ނިޒާމް ހަރުދަނާ ކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އޭޖީ ވިދާޅުވެއެވެ.

މީގެއިތުރުން ޕީއެސްއައިޕީ އަށް ބަޖެޓު އިތުރުކޮށްދިނުމުގެ ކުރިން، ޕްރޮޖެކްޓްތަކުގެ އަމަލީ މަސައްކަތްތައް އެ ޕްރޮޖެކްޓްތަކުގެ އަމަލީ މަސައްކަތްތައް އެ ޕްރޮޖެކްޓްތަކުގެ ޝެޑިއުލްއާ އަޅާކިޔައި ޕްރޮޖެކްޓް ސްޓޭޓަސް ދެނެގަތުމަކީ މުހިންމު ކަމެއްގެ ގޮތުގައި އޭޖީ ފާހަގަކުރައްވާފައި ވާއިރު ބަޖެޓު ފައިނޭންސް ކުރުމުގައި ޑޮމެސްޓިކް މާކެޓަށް ބަރޯސާވާ މިންވަރު އިތުރުވެފައިވާތީ ޑޮމެސްޓިކް މާކެޓްގެ ލިކުއިޑިޓީ ހުރި މިންވަރު ދެނަގަތުމަށް ވެސް އޭޖީ ވަނީ ލަފާއަރުއްވާފައެވެ.

މިއަހަރުގެ ބާކީ އޮތް ދުވަސްތަކަށް ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ފިނޭންސް މިނިސްޓްރީއިން ހުށަހެޅި 6.5 ބިލިއަން ރުފިޔާ ބަހާލާފައިވާ ގޮތުން، 3.4 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވަނީ ކެޕިޓަލް ހަރަދުގެ ގޮތުގައެވެ. އަދި ރިކަރަންޓު ހަރަދުގެ ގޮތުގައި 3.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

ހަމަ އެއާއެކު އެ ބަޖެޓުން ސަބްސިޑީއަށް 1.8 ބިލިއަން ރުފިޔާ، އާސަންދަ އަށް 1.2 ބިލިއަން ރުފިޔާ، އަދި ޕީއެސްއައިޕީ މަޝްރޫއުތަކަށް 1.8 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.