ސަރުކާރުގެ ބައެއް ކުންފުނިތަކާއި އިދާރާތަކުގެ އޮޑިޓް ރިޕޯޓުތައް ލަސްވާތީ އޮޑިޓަރު ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކާ މެދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވީ، ބައެއް ވުޒާރާތަކުގެ އޮޑިޓް ރިޕޯޓުތައް ގަނޑުކޮށް ފަސް އަހަރު ފަހުން ވެސް ނުކުންނަ ކަމަށާއި، އޮޑިޓަރު ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކާ މެދު ވިސްނާލަން ޖެހޭ ކަމަށެވެ.

ކޮމިޓީން ދީފައިވާ ސުންގަޑި ހަމަވިއިރު ގިނަ ރިޕޯޓުތައް އަދިވެސް ނުނިމޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭގެ ތެރޭގައި ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓު ވެސް ހިމެނެއެވެ. ނާޒިމް އިތުރަށް ވިދާޅުވިގޮތުގައި އެ ރިޕޯޓުގެ މަސައްކަތް ނުނިމި ލަސްވާތީ ތިމާވެއްޓާ ބެހޭ ވުޒާރާގެ ޝަކުވާތައް ލިބުމުގެ އިތުރުން، ސަރުކާރުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބައިނަލްއަގުވާމީ އެހީ ދޭ ފަރާތްތަކާ ގުޅިގެން ހިންގާ މަޝްރޫއުތަކަށް ވަނީ ބުރޫ އަރައިފައެވެ.

"އެހެންވީމާ މިއީ އޮޑިޓް ބަރާބަރަށް ނުކުރެވުނީމާ އޭގެ ނަތީޖާ މި ފެންނަނީ،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ފެނަކައިގެ ހާއްސަ އޮޑިޓެއް ކޮށްދިނުމަށް އެދުމުން، އޮޑިޓުގެ ބައިތައް ވަކިވަކިން އަންނަން ފަށާފައިވާ ކަމަށާއި، އެގޮތުން އައްޑޫގައި ފެނަކައިން ކުރި މަސައްކަތާއި މުވައްޒަފުން ނެގުމާ ގުޅޭ ރިޕޯޓުތައް ލިބިފައިވާ ކަމަށެވެ.

މި ކަންބޮޑުވުންތަކާ މެދު އޮޑިޓަރު ޖެނެރަލް ހުސައިން ނިޔާޒީ އާ ކޮމިޓީން ބައްދަލުކުރަން ފެނިވަޑައިގަންނަވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

އޮޑިޓް ރިޕޯޓުތައް ބަރާބަރަށް ނިންމެން ޖެހޭނެ ކަމަށް ނާޒިމް ވިދާޅުވި ވާހަކައަށް ތާއީދުކުރެއްވި ނަމަވެސް، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި އޮޑިޓަރު ޖެނެރަލްގެ އޮފީހުން ކިތަންމެ ބޭނުންވިޔަސް، ފެނަކައިން އެއްބާރުލުން ނުލިބޭހާ ހިނދަކު ނުވަތަ އޮޑިޓަށް ބޭނުންވާ ލިޔެކިއުންތައް ހަމަނުވާހާ ހިނދަކު އޮޑިޓް ރިޕޯޓުތައް ބަރާބަރަށް ނުނިންމޭނެއެވެ.

އޭނާ ވިދާޅުވިގޮތުގައި މި މައްސަލަ ހައްލުވާނީ ފިނޭންސް މިނިސްޓްރީއާއި ޕީސީބީގެ އިތުރުން ކަމާގުޅުންހުރި ފަރާތްތަކާ ގުޅިގެންނެވެ.

"ހަގީގަތުގަ ގިނަ ފަހަރު މި ޑިލޭ ވެފަ މި އޮންނަނީ އެ އިދާރާތަކުން ދޭން ޖެހޭ އެއްބާރުލުން ނުލިބިގެން ދޭންޖެހޭ ޑޮކިއުމެންޓްސްތައް ހަމަނުވެގެން،" ޝަމްހީދު ވިދާޅުވިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޮޑިޓަރު ޖެނެރަލްގެ އޮފީހުގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އޮޑިޓަރު ޖެނެރަލްގެ އޮފީސް އޮޑިޓްކުރުމަށް މާލިއްޔަތު ކޮމިޓީން ހަވާލުކުރީ ކޭޕީއެމްޖީއާއެވެ. އެ ރިޕޯޓާ ހަވާލާދެއްވައި ނާޒިމް ވިދާޅުވީ، 621 އޮޑިޓް ފުރިހަމަކުރައްވާނެ ކަމަށް ނިޔާޒީ ވިދާޅުވި ނަމަވެސް، ނިމުނީ އެންމެ 189 އޮޑިޓް ކަމަށެވެ.