މިދިޔަ އަހަރު ތެރޭ ފެނަކަ ކޯޕަރޭޝަން އިން ކުރިއަށް ގެންދިއުމަށް ކަނޑައެޅި އިން-ހައުސް ޕްރޮޖެކްޓްތަކަށް ނެގި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް ދިނުމުގައި ކުންފުންޏަށް ގެއްލުންވާ ގޮތަށް 261 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައި ވަނީ ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން ރެކްރޫޓް ކުރުމާއި ޕްރޮމޯޝަން ދިނުމާއި މުސާރަ އާއި އިނާޔަތް ދީފައިވާ ގޮތުގެ ހާއްސަ އޮޑިޓެއް ހަދައި އާނމްު ކުރި ރިޕޯޓުންނެވެ. މި އޮޑިޓުން ފާހަގަ ކުރެވުނު ކަންކަމުގެ ތެރޭގައި އިން-ހައުސްކޮށް ހިންގުމަށް ކަނޑައަޅާފައިވާ 3 ޕަރޮޖެކްޓެއްގެ މަސައްކަތަށް ސައިޓް ސާފު ކުރުމާއި ފައުންޑޭޝަން އެޅުމަށް ބިންކޮނުމާއި ސްޓޮރޭޖް ހެދުން ފިޔަވައި އަމަލީ މަސައްކަތެއް ފަށާފައި ނުވެއެވެ. ނަމަވެސް މި ޕްރޮޖެކްޓްގެ މަސައްކަތަށް ނަގާފައިވާ މުވައްޒަފުންނަށް މުސާރަ އާއި އިނާޔާތުގެ ގޮތުގައި އެ އަހަރު ވަނީ 13،537،720 ރުފިޔާ ހަރަދުކޮށްފައެވެ.

ހަމައެއާއެކު އިން-ހައުސް ޕްރޮޖެކްތްތަކުގެ ތެރެއިން އަމަލީ މަސައްކަތް ފަށައިގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްތަކުގެ ތެރެއިން މަސައްކަތްތައް އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ނުގެންދެވި މަސައްކަތް ނިންމަން ދިން މުއްދަތަށް ވުރެ ގިނަ މުއްދަތެއް ހޭދަވި ޕްރޮޖެކްޓްތައް ހިމެނެއެވެ. މި ޕްރޮޖެކްޓްތައް ނިންމަން ދިން މުއްދަތް ފަހަނަ އަޅައި އިތުރަށް ހިންގި މުއްދަތުގެ ތެރޭގައި މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ގޮތުގައި ވަނީ 247،839،444 ރުފިޔާ ހަރަދުކޮށްފައެވެ.

އެގޮތުން ޖުމްލަ 261،377،164 ރުފިޔާ މިގޮތަށް ހަރަދުކޮށްފައި ވުމުން އިން-ހައުސް ޕްރޮޖެކްޓްތަކުގެ މަސައްކަތް ނިންމުމަށް އެކަށީގެންވާ ވަރަށް ވުރެ ބޮޑު ހަރަދެއް ހިނގާފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ. މިކަމުގެ ސަބަބުން ފެނަކައަށް މާލީ ގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ ކުންފުންޏަށް ލިބޭ އާމްދަނީން ދެކޮޅު ޖެއްސުމަށް ހުރަސް އެޅިގެންދާނެ ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

ފެނަކަ ކޯޕަރޭޝަންގެ ދާއިމީ މުވައްޒަފުންގެ އަދަދު އިތުރުވެފައި ވަނީ ކުންފުނީގެ އޮޕަރޭޝަންތައް ފުޅާވެފައިވާ މިންވަރުގެ ތެރެއިން 2020 ވަނަ އަހަރުގެ ނިޔަލަށް ގާއިމްކޮށްފައިވާ ޖުމްލަ 97،038 ކަރަންޓާއި ފެނާއި ނަރުދަމާގެ ކަނެކްޝަންގެ އަދަދަށް ބަލާއިރު، 2024 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ ކަނެކްޝަން ވަނީ 46 ޕަސެންޓް އިތުރުވެފައެވެ. ނަމަވެސް 2020 ވަނަ އަހަރު އެ ކުންފުނީގައި 3463 މުވައްޒަފުން ތިބި އިރު، (އައިސްޕާލާންޓާއި ބްޓލިން ޕްލާންޓް ހިންގުމަށް ނެގި މުވައްޒަފުން ފިޔަވައި) 2024 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ މުވައްޒަފުންގެ އަދަދު ވަނީ 78 ޕަސެންޓް އިތުރުވެފައެވެ. އޮޕަރޭޝަން ފުޅާވެފައިވާ މިންވަރަށް ވުރެ ގާތްގަނޑަކަށް 32 ޕަސެންޓް އިތުރަށް މުވައްޒަފުންގެ އަދަދު ވަނީ އިތުރުވެފައި ކަމަށް އެ ރިޕޯޓްގައި ބުނެއެވެ.

އެ ކުންފުންޏަށް ލިބޭ އާމްދަނީގެ ނިސްބަތުން ދާއިމީ އަދި ވަގުތީ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދިނުމަށް 2020 ވަނަ އަހަރު ހޭދަކޮށްފައި ވަނީ ލިބުނު އާމްދަނީން 23 ޕަސެންޓާ އެއްވަރުގެ އަދަދެކެވެ. ހަމައެއާއެކު 2021 ވަނަ އަހަރު މުސާރައާއި އިނާޔަތް ދިނުމަށް އާމްދަނީން 25 ޕަސެންޓް އަދި 2022 ވަނަ އަހަރު ތެރޭ ވަނީ އާމްދަނީން 28 ޕަސެންޓް ހޭދަކޮށްފައި ކަމަށް އެ އޮޑިޓް ރިޕޯޓްގައި ބުނެއެވެ. އަދި 2023 ވަނަ އަހަރު މުސާރައާއި އިނާޔަތް ދިނުމަށް އާމްދަނީން 39 ޕަސެންޓް ހޭދަކޮށްފައިވާ އިރު، މިދިޔަ އަހަރު ތެރޭ ވަނީ އާމްދަނީން 36 ޕަސެންޓް ހޭދަކޮށްފައި ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

އެ ކުންފުނީގެ ދާއިމީ ވަޒީފާތަކަށް 2021 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 4557 މުވައްޒަފުން ވައްދާފައިވާ އިރު، ވަޒީފާ ދިނުމަށް އާންމުކޮށް އިއުލާން ނުކޮށް 2480 މުވައްޒަފުންނަށް ދާއިމީ ވަޒީފާ ދީފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.

ފެނަކައިގެ މުވައްޒަފުން އިތުރުކޮށްފައިވާ ޓްރެންޑަށް ބަލާއިރު، 2023 ވަނަ އަހަރުގެ ދެވަނަ އަދި ތިންވަނަ ކުއާޓަރުގައި ޖުމްލަ 1501 މީހުންނަށް އަލަށް ވަޒީފާ ދީފައި ވެއެވެ. 2024 ވަނަ އަހަރުގެ ފުރަތަމަ އަދި ދެވަނަ ކުއާޓަރުގައި ޖުމްލަ 1468 މީހުންނަށް އަލަށް ވަޒީފާ ދީފައި ވެއެެވެ. އެ ދުވަސްވަރަކަި ރިޔާސީ އިންތިހާބާއި އާންމު އިންތިހާބުގެ ދުވަސްވަރު ކަމަށާއި އެ މުއްދަތަށް ބަލާއިރު، 2023ގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި 5 ޕްރޮޖެކްޓެއް އަލަށް ފެށި ނަމަވެސް 2024 ވަނަ އަހަރުތެރޭ އިތުރު އެއްވެސް ޕްރޮޖެކްޓެއް ފަށާފައިނުވުމުން މުވައްޒަފުން ވައްދާފައި ވަނީ ކުންފުނީގެ އޮޕަރޭޝަން ފޫލާކުރުމަށ ްކަމަށް ބެލެވެން ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެެވެ. އެ ދުވަސްވަރު އިތުރު މުވައްޒަފުން ވައްދާފައި ވަނީ ގިނަ ބަޔަކަށް ވަޒީފާ ދިނުމުގެ ބޭނުމުގައި ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައި ވެއެވެ.

2023 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުނީގައި ތިބި ވަގުތީ މުވައްޒަފުންގެ އަދަދު ވަނީ 2024 ގެ ނިޔަލަށް އައި އިރު ދަށް ވެފައެެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެ ކުންފުނީގައި މަސައްކަތް ކުރި ދާއިމީ މުވައްޒަފުންގެ އަދަދު ވަނީ 9 ޕަސެންޓަށް އިތުރުވެފައެވެ. އެގޮތުން 2024 ވަނަ އަހަރު ދާއިމީ ވަޒީފާތަކުން 800 މުވައްޒަފުން ވަކިވެފައިވާ އިރު، ދާއިމީ ވަޒީފާތަކަށް ވަނީ 1428 މުވައްޒަފުން ވައްދާފައެވެ. އަދި ދާއިމީ ވަޒީފާއަށް ވެއްދި މީހުންގެ ތެރޭގައި އެ ދެ އަހަރުތެރޭ ވަގުތީ ވަޒީފާއިން ވަކިކުރި 297 ފަރާތަށް ވަޒީފާ ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެއެވެ.

ފެނަކައިގެ އަތޮޅުތެރޭގެ ބްރާންޗުތަކުގެ އޮނިގަނޑުގައި 8898 ވަޒީފާ ހިމެނޭ އިރު، މި އަދަދަކީ 2024 ވަނަ އަހަރުގެ ނިޔަލަށް އަތޮޅުތެރޭގައި ތިބި 6317 މުވައްޒފަުންގެ އަދަދަށް ބަލާއިރު 41 ޕަސެންޓް ބޮޑު އަދަދެއް ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ. ކުންފުނީގެ އޮނިގަނޑު އެކުލަވާލާފައިވާ ގޮތުން އަދިވެސް އިތުރު މުވައްޒަފުން ވެއްދުމަށް މަގުފަހިވެ މުސާރައާއި އިނާޔަތް ދިނުމަށް އެކަށީގެންވާ ވަރަށް ވުރެ ބޮޑު ހޭދައެއް ކުރަން ޖެހުމުގެ ފުރުސަތު އޮތް ކަމަށް އެ ރިޕޯޓުގައި ބުނެއެވެ.