ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލިހުގެ ރައީސާއި ނައިބު ރައީސް އުޒުރުވެރިވެ ވަޑައިގަންނަވާ ހާލަތުގައި ރިޔާސަތު ބަލަހައްޓަވާނެ ފަސް މެންބަރުން މިއަދު އައްޔަން ކޮށްފިއެވެ.

މަޖިލީހުގެ ޖަލްސާ ފެށްޓެވުމަށް ފަހު ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުން، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ، އެ ފަސް މެންބަރުންގެ ނަން އިއުލާނުކުރައްވައި، ރިޔާސަތު ބެލެހެއްޓުމަށް އެ މެންބަރުން އައްޔަން ކުރެއްވި ކަން ހާމަކުރައްވާފައެވެ. އެ މެންބަރުންނަކީ:

  • އަހްމަދު ސިޔާމް މުހައްމަދު (މީދޫ ދާއިރާ)
  • ގާސިމް އިބްރާހީމް (މާމިގިލި ދާއިރާ)
  • އަހްމަދު ސަލީމް (އޭދަފުށި ދާއިރާ)
  • އަބްދުލްޣަފޫރު މޫސާ (ހަނިމާދޫ ދާއިރާ)
  • އަހްމަދު އާމިރު (ކުޑަހުވަދޫ ދާއިރާ)

އެހެންކަމުން މީގެ ކުރިން އައްޔަން ކުރެވިފައިވާ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފުގެ ނަމާއި، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފްގެ ނަން ލިސްޓުން އުނިވީއެވެ.

އަސްލަމް މި ފަސް މެންބަރުން އައްޔަން ކުރައްވާފައި ވަނީ މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގައިވާ ގޮތުން، މަޖިލީހުގެ ރައީސާއި ނައިބު ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާ ހާލަތުގައި އެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނެ ފަސް މެންބަރުން ކަނޑައަޅަން ވާނެއެވެ. އެ ފަސް މެންބަރުން ކަނޑައެޅުމުގައި މަޖިލީހަށް މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މެންބަރުންނަށް އިސްކަން ދޭން ވާނެ ކަމަށް ވެއެވެ.

ގަވައިދު ބުނާ ގޮތުން މި ފަސް މެންބަރުންނަށް ވެސް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިިން ޖަލްސާގެ މުއްދަތަކަށެވެ.

ނަމަވެސް މަޖިލީހުގެ ރައީސާއި ނައިބުގެ އިތުރުން މި ފަސް މެންބަރުންނަށް ވެސް ރިޔާސަތު ބެލެހެއްޓުމަށް ނުކުޅެދިއްޖެ ނަމަ، ދެން ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެންބަރުންގެ ތެރެއިން އިސްކަން ދެވޭ މެންބަރެކެވެ.