އާ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ސިފައިންގެ އިސްވެރިންނާ ފުރަތަމަ ފަހަރަށް ބައްދަލުކުރައްވައިފިއެވެ.

ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސް ބަންޑާރަކޮށްޓަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުހަބާ ދަންނަވާފައި ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި ސިފައިންގެ އިސް ބޭފުޅުންނެވެ.

ރައީސް ބަންޑާރަކޮށްޓަށް ކުރެއްވި ފުރަތަމަ ޒިޔާރަތުގައި ސިފައިން ވަނީ، އެމަނިކުފާނަށް މަރުހަބާ ދަންނަވައި، ޝަރަފުގެ ގާޑެއް އަރުވައިފައެވެ. އަދި ސިފައިންނާ ބައްދަލުކުރައްވައި ރައީސް ވާހަކަފުޅު ވެސް ދައްކަވާފައިވެއެވެ.

މިދިޔަ ހުކުރު ދުވަހު މަގާމުގެ ހުވާކުރެއްވުމަށް ފަހު ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ، ރާއްޖޭގެ ސިޔާދަތަށާއި މިނިވަންކަމަށް އެއްވެސް އުނިކަމެއް އަޔަ ނުދީ ގައުމު ހިމާޔަތްކުރައްވާނެ ކަމުގެ ވައުދުވެވަޑައިގެންފައެވެ.