ރާއްޖޭގައި 77 އިންޑީއާ ސިފައިން ގާއިމްވެ ތިބެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ދިވެހިރާއްޖޭގެ މިނިވަން ކަމުގެ ސިޔާދަތު ހިފެހެއްޓުމަށް ރާއްޖޭގައި ތިބި ބޭރު ސިފައިން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ބާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށް ވެސް ކުރީ ސަރުކާރުން ރާއްޖޭގައި ތިބި ބޭރު ސިފައިންގެ ތަފްސީލް ހާމަ ކޮށްފައެއް ނުވެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ އޮފީހުގެ އަންޑާ ސެކްރެޓަރީ ފިރުޒުލް އަބްދުالله ހަލީލް ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑަިއގަތުމަށް ފަހު އެއްކުރި މައުލޫމާތުން ރާއްޖޭގައި ޖުމްލަ 77 އިންޑިއާ ސިފައިން އެބަ ތިބި ކަމަށެވެ. އޭގެ ތެރެއިން 24 ސިފައިން އެއް ހެލިކަޕްޓަރު ދުއްވާ ބެލެހެއްޓުމުގައި މަސައްކަތް ކުރަމުން އަންނަ އިރު، ޑޯނިއާ މަތިންދާ ބޯޓު ދުއްވުމަށް 25 ސިފައިން އެބަ ތިބި ކަމަށެވެ.

އޭގެ އިތުރުން ދެވަނަ ހެލިކަޕްޓަރެއް ދުއްވުމަށް 26 ސިފައިން އެބަ ތިބި ކަމަށާއި މި ސިފައިންގެ އިތުރުން އިންޖިނިއަރިން އަދި މެއިންޓެނަންސް މަސައްކަތް ކުރަން އިތުރު 2 ސިފައިން އެބަ ތިބި ކަމަށް އޭނާ ވިދާޅުވިއެވެ. މި އުޅަނދުތަކުން ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ފިރްޒުލް ވިދާޅުވީ، މެޑިކަލް އިވެކުއޭޝަންގެ ގޮތުގައި 661 އޮޕަރޭޝަން ހިންގާފައިވާ ކަމަށެވެ. ސާވައިލަންސްގެ 220 އޮޕަރޭޝަންއާއި ސާޗް މިޝަންގެ 100 އޮޕްރޭޝަން އާއި އެއާކްރޫ ޓްރާންސްފާ އާއި ޑިފެންސާ ގުޅޭ ތަމްރީންގެ މަސައްކަތްތައް ވެސް ވަނީ ކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދަކީ މިހާތަނަށް އެއްކުރި މައުލޫމާތުން ހާމަވެފައިވާ އަދަދުތައް ކަމަށާއި، މި އަދަދަށް އުނިއިތުރު އައިސްދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މުއިއްޒަށް ވެރިކަން ލިބިވަޑައިގަތުމުން އިންޑިއާ ސިފައިން ރާއްޖެއިން ބާލާނެ ކަމަށް ވިދާޅުވެފައިވާ އިރު އެއީ ފުރަތަމަ މަސް ދުވަހުގެ ތެރޭގައި ކުރައްވާނެ ކަމެއް ކަމަށް 100 ދުވަހުގެ ވައުދުގެ ޕްލޭންގައި ބުނެފައި ވެއެވެ. ނަމަވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސީދާ އެ ސިފައިން ރާއްޖެއިން ބާލާނެ ދުވަހެއް ހާމަައެއް ނުކުރައްވައެވެ. ފިރްޒުލް ވިދާޅުވީ، ސިފައިން ބާލާނެ ދުވަހެއް ބުނެދޭން އެނގޭނީ އެއްބަސްވުންތައް ބަލާ ދިރާސާ ކުރުމަށް ފަހުގައި ކަމަށެވެ.

ހަމައެއާއެކު ރައީސް މުއިއްޒުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިންއެ ގޮތުން ނިމިދިޔަ ސަރުކާރުން އެހެން ގައުމުތަކާއެކު ވެފައިވާ ސިއްރު އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ގޮތަށް ހުރި ނުކުތާތައް އުވާލުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް ފިރްޒުލް ވިދާޅުވިއެވެ.

އެގޮތުން މިހާތަނަށް އެއްކުރި މައުލޫމާތުން ހަމައެކަނި އިންޑިއާއެކު ޕައިލެޓްރަލް އެއްބަސްވުމުގެ ގޮތުގައި ވޭތުވެދިޔަ 5 އަހަރު ތެރޭގައި 100 އަށް ވުރެ އެއްބަސްވުން ވެފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. މިއީ އަދި ޕްރޮޖެކްޓްތައް ހިންގަން ވެފައިވާ އެއްބަސްވުންތައް ނުލާ ފާހަގަ ކުރެވުނު ކަންކަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.