މޯލްޑިވްސް އިމިގްރޭޝަންގެ އިތުރުން ހަތަރު އިދާރާއެއް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީގެ ދަށަށް ގެންގޮސް އޮނިގަނޑަށް ބަދަލުގެނެސްފިއެވެ.

މިދިޔަ ހުކުރު ވެރިކަމުގެ ހުވާކުރެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނި "މިނިސްޓްރީ އޮފް ހޯމް އެފެއާޒް" ގެ ނަން، "މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ" ގެ ނަމަށް ބަދަލުކުރައްވާފައެވެ. އަދި އެ މިނިސްޓްރީއަށް ދިވެހިން ކިޔާނެ ނަމެއްގެ ގޮތުގައި "ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ" ވަނީ ހަމަޖައްސަވާފައެވެ.

ހޯމް މިނިސްޓަރަކަށް އައްޔަން ކުރައްވާފައިވަނީ ހެޕީ މާކެޓު ކުންފުނީގެ ސީއީއޯ، އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާނެވެ. އިހުސާންއަކީ ގިނަ ދުވަސްތަކެއް ވަންދެން އެމްއެންޑީއެފްގައި މަސައްކަތް ކުރެއްވުމަށްފަހު ރިޓަޔާ ކުރައްވާފައިވާ ބޭފުޅެކެވެ.

ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިމިގްރޭޝަންގެ އިތުރުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އާއި ނޭޝަނަލް ސެންޓާ ފޮ އިންފޮމޭޝަން ޓެކްނޯލޮޖީ (އެންސީއައިޓީ) އާއި ނޭޝަނަލް ޑްރަގް އެޖެންސީ އަދި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) އެވެ.

މީގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) ހިންގަމުން ގެންގޮސްފައިވަނީ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ނަމަވެސް ދެން ހުރި އިދާރާތައް ހިންގަމުންގޮސްފައިވަނީ ތަފާތު އެހެން މިނިސްޓްރީތަކުގެ ބެލުމުގެ ދަށުންނެވެ.

އެގޮތުން މީގެ ކުރިން ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުން އިމިގްރޭޝަން ހިންގަމުން ގެންދިޔައިރު ޑީއެންއާރް ހިންގަމުން ގޮސްފައިވަނީ ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަޑުންނެވެ. އަދި އެންއައިސީޓީ ހިންގަމުން ގޮސްފައިވަނީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ދަށުން ކަމަށްވާއިރު ނޭޝަނަލް ޑްރަގް އެޖެންސީ ހިންގަމުންގޮސްފައިވަނީ ހެލްތް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.