ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި ބައެއް އިސްލާހުތައް ބާތިލްކުރަން އިދިކޮޅު އެމްޑީޕީން މިއަދު ހައި ކޯޓަށް ހުށަހަޅައިފި އެވެ.

ލޯކަލް ކައުންސިލުތަކުގެ ބާރު ކަނޑުވާލަން ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިދިޔަ ހުކުރު ދުވަހުއެވެ. އެ ބިލު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރެއްވި އިރުވެސް އިދުކޮޅު އެމްޑީޕީ މެންބަރުން ދިޔައީ ބިލާއި ދެކޮޅަށް ވަކާލާތު ކުރައްވަމުންނެވެ.

އެ ބިލު ތަސްދީގު ކުރެއްވި ނަމަވެސް އިދިކޮޅުން މިއަދު މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލަކީ ގާނޫނުއަސާސީގެ 230 ވަނަ މާއްދާ އިން ކަނޑައަޅާފައިވާ ލާމަރުކަޒީ ނިޒާމުން އިދާރީ ދާއިރާތައް ހިންގުމުގެ އުސޫލާ ހިލާފު ބަދަލެއް ކަމަށެވެ.

އެހެންކަމުން ކައުންސިލްގެ ދައުރުގެ ފަހު އަހަރު މާލީ ކަންކަމާ ގުޅޭ ބައެއް ކަންކަން ސަރުކާރުގެ ހުއްދަ ނުނަގައި ކުރުން މަނާކޮށްފަައި އޮންނަ މާއްދާގެ އިތުރުން އިންވެސްޓްމަންޓް ނުވަތަ ރައުސުލްމާލުގެ މިންވަރު 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވާން ޖެހޭނެ ކަމަށް ބަޔާންކޮށްފައި އޮންނަ މާއްދާ ބާތިލް ކޮށްދިނުމަށް އެދިފައި ވެއެވެ.

އެމްޑީޕީން ހުށަހެޅި މައްސަލަ ބަލައިގަތުމާ މެދު ކޯޓުން ވަކި ގޮތެއް ނިންމާފައި ނުވާއިރު މި ބިލާއި ދެކޮޅަށް ގިނަ އަދަދެއްގެ ކައުންސިލްތަކުން ވެސް ވަނީ އަޑު އުފުލާފައެވެ.

ރައީސް ތަސްދީގު ކުރެއްވި މި ބިލުގައި، ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތުގައި ވަކި ޝަރުތުތަކެއް ފުރިހަމަވާން ޖެހޭނެ ކަމުގައި ބަޔާންކޮށް، ގާނޫނާ ތައާރުޟުވާ ނަމަ، މި އިސްލާހަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި، އެފަދަ ވިޔަފާރީގެ ހަރަކާތްތައް ހުއްޓާލަން ވާނެ ކަމުގައި ބަޔާންކޮށްފައި ވެއެވެ.

ހަމައެއާއެކު ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތްތަކުން، ކައުންސިލްތަކަށް ކުއްޔެއް ނުނެގޭނެ ކަމަށް ބަޔާންކޮށް މާއްދާއެއް އިތުރުކޮށްފައި ވާއިރު ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި އަމަލު ކުރަންޖެހޭ އުސޫލުތައް ބަޔާންކޮށް މާއްދާއެއް ވެސް ވަނީ އިތުރުކޮށްފައެވެ.

އެގޮތުން، ލޯކަލް ކައުންސިލްތަކުގެ އުމުރު ހަމަވުމާ ދެމެދު އޮތީ 365 ދުވަސް ނުވަތަ އެއަށް ވުރެ ކުރު މުއްދަތެއްނަމަ، ކައުންސިލްތަކަށް މުވައްޒަފުން ހަމަޖެއްސުމާއި، ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ބިމާއި، ފަޅާއި، ފަރު ސަރަހައްދު ކުއްޔަށްދިނުމާއި، ކައުންސިލްތަކުގެ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްޤީގެ މަޝްރޫއުތައް ފެށޭނީ، މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ވަނީ ބަޔާންކޮށްފައެވެ.