އާޓިފިޝަލް އިންޓެލިޖެންސް އެސެސްމެންޓް ރިފޯޓް ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.
މި ރިޕޯޓު އިފުތިތާހުކޮށްދެއްވީ މިއަދު އިސްލާމީ މަރުކަޒުގެ ޖަސްލާ ކުރާ މާލަމުގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓާ އޮފް ސްޓޭޓް ފޯ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަދި އެންސީއައިޓީގެ ވެރިޔާ ޑރ. މުހައްމަދު ކިނާނަތު އަދި ޔުނެސްކޯ، ސައުތް އޭޝިޔާގެ ޑައިރެކްޓަރު ޓިމް ކާޓިސް އެވެ.
މިއީ ޔުނެސްކޯ ގެ އިސްނެގުމުގެ މަތިން، އެންސީއައިޓީ އާއި އެކު ތަފާތު އެކި ދާއިރާތައް ތަމްސީލްވާގޮތަށް އެކުލަވާލި ސްޓިއަރިންގް ކޮމިޓީއަކުން ފާއިތުވީ 10 މަސްދުވަހު ކޮށްފައިވާ މަސައްކަތުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓެކެވެ.
އޭއައި ރެޑިނަސް އެސެސްމްނެޓް ރިޕޯޓް އެކުލަވާލާފައިވަނީ ޔުނެސްކޯއިން 2021 ވަނަ އަހަރު އެކަށައަޅައި، 193 ގައުމަކުން ތަސްތީދުކޮށްފައިވާ "ރިކޮމެންޑޭޝަން އޮން އެތިކްސް އޮފް އާޓިފިޝަލް އިންޓެލިޖެންސް" އަސާސަކަށް ބަލައި އޭގައިވާ ގޮތުގެ މަތިން މުޖުތަމައުގެ އެންމެން ހިމެނޭގޮތަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއި އެކު، އިންސާނީ ހައްގުތަކާއި ކަރާމާތް ނުގެއްލޭފަދަ ގޮތަކަށް އަދި ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކޮށްދޭނެ އުސޫލްތަކެއްގެ މަތިން ކަންކަން ބައްޓަންކޮށް މުޖުތަމައުގެ ލާބަޔާ މަންފާ ހިމެނޭގޮތަށް އޭއައި ގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ.
އަދި މިކަންކަން ހާސިލްކުރުމުގައި ޒިންމާދާރުކަމާއި، ދެފުށް ފެންނާނޭހެން ފަރުދުންގެ ޒާތީ މައުލޫމާތަށް ރައްކާތެރިވުމަށް ބާރުއެޅުންވެސް މި އޮނިގަޑުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ހަފުލާގައި ވާހަކަ ދައްކަވަމުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓާ އަދި އެންސީއައިޓީގެ ވެރިޔާ ޑރ. މުހައްމަދު ކިނާނަތު ވިދާޅުވީ، މި ރިޕޯޓުގެ ސަބަބުން ޓެކްނޮލޮޖީއާއި ގުޅިގެން ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތު ތަންފީޒުކުރުމުގައި އިތުރު އެހީތެރިކަމެއް ލިބި އަދި ހާއްސަކޮށް އޭއައިގެ ރޮނގުން ކުރިއެރުން ހޯދުމުގެ ދުވެލި ބާރުވެގެންދާނެކަމަށެވެ. އަދި މި މަޝްރޫ ހިންގަވައިދެއްވިކަމަށްޓަކައި ޔުނެސްކޯ އަށާއި، "ރޭމް" ސްޓިއަރިންގް ކޮމިޓީ އަދި އެންސީއައިޓީގެ ބޭފުޅުންނަށް ޝުކުރުދެންނެވިއެވެ.
މި ބައްދަލުވުމުގައި ޔުނެސްކޯ، ސައުތް އޭޝިޔާގެ ޑައިރެކްޓާ ޓިމް ކާޓިސް އަދި އދ. އިން ދިވެހިރާއްޖޭއަށް ކަނޑަ އަޅުއްވާފައިވާ ރެސިޑެންޓް ކޯޑިނޭޓާ ހައޯ ޒެންގް އަދި ޔުނެސްކޯގެ ސައުތް އޭޝިޔާގެ ރީޖަނަލް އޮފީހުގެ ޗީފް އޮފް ސޯޝަލް އެންޑް ހިއުމަން ސައިންސް ސެކްޓާ، އިންސޮގް ކިމްގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާތަކުގެ އިސްވެރިންނާއި ޓެކްނޮލޮޖީ ދާއިރާ ތަމްސީލްކުރާ ގިނަ ފަރާތްތަކަކުން ބައިވެރިވަޑައިގެންނެވިއެވެ.