ޓްރާންސްފޯމަރުގައި ރޯވީ ކޮންޓްރެކްޓަރުގެ އިހުމާލުން ކަމަށް ބެލެވޭ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ ޓްރާންސްފޯމަރެއްގައި ރޯވެ ހިޔާއާއި ވިނަރެސްގެ ބައެއް ފްލެޓްތަކުންވެސް ކަރަންޓް ކެނޑުނެވެ.

މިރޭގެ ހާދިސާއާ ގުޅިގެން ޝަރީފް ވިދާޅުވީ ބޮޑަށް ލަފާކުރެވެނީ ޓްރާންސްފޯމަރު ބެހެއްޓީީ ކޮންޓްރެކްޓާގެ އިހުމާލުން ލޫސް ކަނެކްޝަންއެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށެވެ. އަދި މިއީ އާބަންކޯއިން ޗައިނާ ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން ކުރި މަސައްކަތެއް ކަމަށާއި އާބަންކޯ މެދުވެރިކޮށް ސްވިޗްގިއާ އެއް ހޯދުމަށް ކޮންޓްރެކްޓާއަށް އެދުމުން އޮކްޓޯބަރު މަހުގެ ފަހު ހަފްތާގައި އާބަންކޯއަށް ލިބިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސްޓެލްކޯގެ އަމިއްލަ ހަރަދުގައި އިންސްޓޯލް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ސްޓެލްކޯއިން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު ޓްރާންސްފޯމަރުގެ ބައިތައް ބަދަލު ކުރުމަށްފަހު މިހާރު ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހިޔާގެ 3 ވަނަ ޓަވަރަށް އަލުން ކަރަންޓު ދެވިފައިވާ ކަމަށެވެ.