މިދިޔަ ހަފުތާގައި 20 މިލިއަނަށް ވުރެ ގިނަ މީހުން ހޭލާފައި ވަނީ އިންޑިއާގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން ދިޔަ ނުރައްކާތެރި ދުމުގެ ސަބަބުންނެވެ.
ޕްރައިމަރީ ސްކޫލުތައް ބަންދުކުރަން މަޖުބޫރުވެ، މަގުތަކުގައި ދަތުރުކުރުމާއި އިމާރާތް ކުރުން މަނާކޮށް ވެހިކަލްތައް ދުއްވުން ހުއްޓުމަކަށް ގެނުވީ ނިއު ދިއްލީގައި ހުދުކުލައިގެ ދުންގަނޑެއް އުފެދި ވައި ނުސާފުވުމުގެ ސަބަބުންނެވެ. މީހުންތައް ބިރުން ތެޅިގަތީ ވައި ސާފު ކުރުމަށް އެއާ ޕިޔުރިފައި ގަތުމަށެވެ.
އެއާ ކޮލިޓީ އިންޑެކްސް (އޭކިއުއައި) 500 އިން މައްޗަށް ދިއުމާ ގުޅިގެން އެ ސިޓީގެ ވައި ސާފުކުރާނެ ޕްލޭނެއް އެކުލަވާލުމަށް ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކާއި ފެޑެރަލް އޮފިޝަލުން އެއްވިއެވެ.
ކޮންމެ އަހަރަކުވެސް ނިއު ދިއްލީގެ އުޑުމަތި އެހާ ބޮޑަށް ނުސާފުވެ، ތަޣައްޔަރުވުން ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކުންވެސް ހަރުކަށި ފިޔަވަޅުތައް އަޅަމުން ދެއެވެ. ކޮންމެ އަހަރަކު ވެސް، މި ދުވަސްވަރު، މި މައްސަލައާ ބެހޭ ހެޑްލައިންތައް ހަބަރުތަކުގެ މައްޗަށް ގަދަވެ، އެ ގައުމުގެ 1.4 ބިލިއަން ރައްޔިތުންނަށް ހަނދާން ކޮށްދެނީ، ބަދަލު ހިފުމުގެ ވިސްނުމަކާއެކު ވައި ނުސާފުވުމުގެ މޫސުން އެނބުރި އައިސްފައިވާ ކަމެވެ.
އަދި އަހަރަކަށް ފަހު އަހަރެއް ވޭތުވެގެން ދާއިރު، މި މައްސަލައަށް އެއްވެސް ބަދަލެއް ނާންނަނީ ކީއްވެތޯ މީހުން ސުވާލު ކުރެއެވެ.
މިއީ ލޮލަށް ނުފެންނަ ގާތިލެއް ފަދަ ކަމަށް "ބްރީތިން ހިއާ އިޒް އިންފެކްޓިވް ޓު ޔުއާ ހެލްތް: ދަ ހިއުމަން ކޮސްޓް އޮފް އެއާ ޕޮލިއުޝަން" ގެ ލިޔުންތެރިޔާ އަދި ކްލީން އެއާ ނޮން ޕްރޮފިޓް ކެއާ ފޯ އެއާގެ ކޯ ފައުންޑަރު ޖޯތީ ޕާންޑޭ ލަވަކަރޭ ވިދާޅުވިއެވެ.
"އަދި ހިތާމައަކީ އެއްވެސް ޕާޓީއަކުން މިމައްސަލަ އަށް ހައްލެއް ގެނައުމުގެ ސިޔާސީ ވިސްނުމެއް ނެތްކަން. މިކަމުގެ ސަބަބުން މުޅި ގައުމު ބަލިމަޑުކަމަށް ހުށަހެޅޭކަން ގަބޫލުކޮށް، އެކަން ހައްލުކުރަން ހިނގާށޭ ބުނެ ބޯ ތިރިކޮށްލި އެއްވެސް މީހެއް ނެތް." އިތުރަށް އޭނާ ވިދާޅުވިއެވެ.
ކާމިޔާބީގެ ވާހަކައެއް
ނިއު ދިއްލީގެ ވިހަ އުޑުމަތިން ހަނދާން ކޮށްދެނީ މީގެ ދިހަވަރަކަށް އަހަރު ކުރިން އުސް އިމާރާތްތައް ފޮރުވާލި ދުމުގެ ސަބަބުން މަޝްހޫރުވި އޭޝިއާގެ އެހެން ބޮޑު ވެރިރަށެއް ކަމަށްވާ ޗައިނާގެ ބެއިޖިން އެވެ.
އޭގެ ފަހުން ޗައިނާގެ ސަރުކާރުން ވަނީ ވިހަ ވައި ސާފުކޮށްފައެވެ. އުފެދޭ ސުވާލަކީ ބެއިޖިން އަށް ވިހަ ވައި ސާފު ކުރެވޭ ނަމަ އިންޑިއާއަށް ވެސް ނުކުރެވެންވީ ކީއްވެ ހެއްޔެވެ؟
އިންޑިޔާ ފަދައިން ހަލުވި އިންޑަސްޓްރިއަލައިޒޭޝަނާއި ރަށްވެހިކަމުގެ ސަބަބުން އިގްތިސާދީ ސުޕަޕަވައެއްގެ ގޮތުގައި ޗައިނާ ފާހަގަ ކޮށްލެވެއެވެ. އަދި އިންޑިޔާ ފަދައިން، ޗައިނާއަކީ ތިމާވެށީގެ ހަރަދަކާއެކު އައި ގައުމެކެވެ. ފޮސިލް ފިއުލްއާއި އެމިޝަން ހެވީ އިންޑަސްޓްރީ ތަކަށް ވަރަށް ބޮޑަށް ބަރޯސާވެ، ވައި ތަޣައްޔަރު ވަމުން ދިޔައެވެ.
ގާތްގަނޑަކަށް 22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބެއިޖިންގައި ވައި އެހާ ބޮޑަށް ގޯސްވެގެން ދިއުމުން، "އެއާ-ޕޮކަލިޕްސް" ގެ ނަމުން ގިނަ ބަޔަކު ސިފަކުރިއެވެ. ހޮސްޕިޓަލްތައް ފުރިގެން ދިޔައީ ނޭވާލާ ނިޒާމުގެ ބަލި މީހުންނަށް ފަރުވާ ބޭނުން ވުމުންނެވެ. މީގެ އިތުރުން ރަށްވެހިންގެ ތެރެއިން ހާއްސަކޮށް ކުޑަކުދިން ހިމެނޭ އާއިލާތައް އަވަސްވެގަތީ އެ ސިޓީ ދޫކޮށް، ވައި ސާފު ސިޓީއަކުން ވަޒީފާ ހޯދައިގެން ބަދަލުވުމަށެވެ.
ބެއިޖިންގައި ހުންނަ އެމެރިކާގެ އެމްބަސީން އެގައުމުގެ ވައިގެ ކޮލިޓީގެ އަމިއްލަ ޑޭޓާއެއް ޝާއިއުކޮށް، ޗައިނާގެ އޮފިޝަލުން ރުޅިގަދަ ކުރުމުގެ އިތުރުން ކަންކަން ގޯސްވެފައިވާ ގޮތާ މެދު ޗައިނާގެ އާންމުން ހޭލުންތެރި ކުރުވިއެވެ.
ޗައިނާއިން މިކަމާ މެދު އަމަލުކުރުމުގައި އެންމެ މުހިންމު ދަނޑިވަޅެއް އައީ 2013 ވަނަ އަހަރު ވައި ތަޣައްޔަރުވުމުގެ ގައުމީ އެކްޝަން ޕްލޭނަކަށް ސަރުކާރުން އެތައް ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ފެށުމުންނެވެ.
އެއަށްފަހު، ބޮޑެތި ސިޓީތަކުގެ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރުމާއި، ތިމާވެށި ބެލެހެއްޓުމާއި ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް ކޮންޓްރޯލްކުރުން ހަރުކަށިކުރުމާއި، ވައި މޮނިޓަރިން ސްޓޭޝަންތަކުގެ ގައުމީ ނިޒާމެއް ގާއިމުކުރުމާއި، ކޯލްއާއި އެހެނިހެން ބޮޑެތި ތަޣައްޔަރުވާ ސިނާއަތްތައް ހުއްޓުވުން ފަދަ އާ ގަވާއިދުތައް ވުޖޫދަށް ގެނައުން ހިމެނެއެވެ.
އައިކިއު އެއާގެ ގްލޯބަލް ސީއީއޯ ފްރޭންކް ކްރިސްޓިއަން ހެމޭސް ވިދާޅުވި ގޮތުގައި ބެއިޖިން އިން ވަނީ އެކަން ސީރިއަސްކޮށް ނަގާފައެވެ.
"އަހަރެމެންނަށް ފެންނަނީ އިލެކްޓްރިފިކޭޝަން. ރެސްޓޯރެންޓްތަކުގައި ވެސް އަދި ސްޓްރީޓް ފުޑް ވިއްކާ ތަންތަނުގައި ވެސް މިހާރު ކޯލް ބޭނުންކުރާތަނެއް ނުފެނެ. ކަރަންޓު ޖަނަރޭޓަރުތައް މިހާރު ވަނީ ގޭހަށް ބަދަލުވެފައި. މި ހުރިހާ ކަމަކުން ވެސް ވަރަށް ބޮޑު ބަދަލެއް އައި." އޭނާ ވިދާޅުވިއެވެ.
އޭގެ ފަހުން މި ދިހަވަރަކަށް އަހަރު ތެރޭގައި ޗައިނާގެ ވައިގެ ކޮލިޓީ ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. ޔުނިވާސިޓީ އޮފް ޝިކާގޯގެ އެނާޖީ ޕޮލިސީ އިންސްޓިޓިއުޓްގެ ރިޕޯޓެއްގައި ބުނެފައި ވަނީ 2021 ވަނަ އަހަރު އެ ގައުމުގެ ތަޣައްޔަރުކަން 42 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށެވެ.
އޭގެ ދިހަ ވަރަކަށް އަހަރު ފަހުން ބެއިޖިން ވަނީ ދުނިޔޭގެ އެންމެ ނުރައްކާތެރި ޕޮލިއުޝަން ލިސްޓުގެ އެއްވަނައިން ގިނަ ދުވަސްތަކެއް ވަންދެން ވެއްޓި، ދުނިޔޭގެ ވައިގެ ކޮލިޓީ ބަލާ ސްވިޒަލޭންޑްގެ ކުންފުންޏެއް ކަމަށްވާ އައިކިއުއެއާގެ ރޭންކިންގައި 27 ވަނައިގައެވެ.
ނިއު ދިއްލީން ހަފުތާ ފެށީ އަނެއްކާވެސް އެއްވަނަ ހޯދައިގެންނެވެ.
އެތައް ހާސް ބައެއްގެ ފުރާނަ ސަލާމަތްކުރި
ޗައިނާގެ ސާފު ވައިގެ ސިޔާސަތުތައް އެހާ ކާމިޔާބުވެ، އެތައް ހާސް ބައެއްގެ ފުރާނަ ސަލާމަތް ކުރެވިފައި ވާ ކަމަށް ދިރާސާތަކުން ދައްކައެވެ.
ނަމަވެސް އަދިވެސް ކުރަން ހުރި މަސައްކަތްތަކެއް އެބަހުރި ކަމަށާއި، އިންސާނުންގެ ހަށިގަނޑުގެ އާދަޔާ ހިލާފު ދިފާއުތަކުން ސަލާމަތްވެވޭ ކުދި ކުދި ނަމަވެސް ނުރައްކާތެރި ތަޣައްޔަރުވާ މާއްދާތައް އަދިވެސް އެމެރިކާގެ އެންމެ ތަޣައްޔަރު ވެފައިވާ ސަރަހައްދަށް ވުރެ 40 އިންސައްތަ އިތުރުކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
އެހެން ނަމަވެސް އެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޗައިނާ އޮތީ ރަނގަޅު މަގެއްގައެވެ. އިންޑިޔާގެ ގިނަ ބަޔަކު ބޭނުންވަނީ އެމީހުންގެ ގައުމުގައިވެސް މިފަދަ ކުރިއެރުންތަކެއް ހޯދުމަށެވެ.
"ކަންކަން ބަދަލުކުރަން ބޭނުންވާ ހުރިހާ ވަސީލަތްތަކެއް އިންޑިއާގައި އެބަހުރި. ސައިންސާއި ފައިނޭންސް އެބަހުރި، އެކަމަކު ރިޑަކްޝަން ބޭސްޑް އެޕްރޯޗެއް ނެތް." ނިއު ދިއްލީގެ ސެންޓާ ފޯ ރިސާޗް އޮން އެނާޖީ އެންޑް ކްލީން އެއާ (ސީއީއޭ) ގެ ސުނިލް ދަހިޔާ ވިދާޅުވިއެވެ.
ދިގު މުއްދަތުގެ ކާމިޔާބީއަށްޓަކައި ބެއިޖިން އިން އެޅި ހަރުކަށި ފިޔަވަޅުތަކާ އަޅާބަލާއިރު، ނިއު ދިއްލީއިން އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް މަސައްކަތް ނުކުރާކަމަށް އޭނާ ވިދާޅުވިއެވެ.
"މިއީ ހައްލެއް ނޫން." ދަހިޔާ ވިދާޅުވިއެވެ.
ސަގާފަތުގެ ދަށުން ފިނި މޫސުމަށްފަހު އަހަރު ނިމުމުގެ ކުރިން، އެތައް މިލިއަން ދަނޑުވެރިންނެއް، އެމީހުންގެ ބާކީހުރި ހަނޑޫ ދަނޑުތައް ސާފުކުރަނީ، ވީޓުގެ ބާވަތްތަކަށް ތައްޔާރުވުމުގެ ގޮތުން ދަނޑުތައް އަލިކޮށްލައިގެންނެވެ. މިކަމުގެ ސަބަބުން ވެހިކަލްތަކާއި ސިނާއީ ތަޣައްޔަރުވުމާ އެކު އިންޑިއާގެ އުތުރުގެ ސަރަހައްދުތައް ކަމަށްވާ ހަރިޔާނާ، ޕަންޖާބު، އުއްތަރަ ޕްރަދޭޝް އަދި ނިއު ދިއްލީގައި ގިނަ އަދަދަކަށް ދުން އަރައެވެ.
އަދި އެގައުމުގެ އެތައް މިލިއަން ފަގީރު ގޭބިސީއަކުން ވެސް ކެއުމުގައި އަގުހެޔޮ އަދި ގެއްލުންހުރި ތެލަށް ބަރޯސާވަމުން ދެއެވެ.
މުޅި އިންޑިޔާއަށް ބަލާއިރު، އެގައުމުން ވަނީ 2019 ވަނަ އަހަރު ކްލީން އެއާ ޕްރޮގްރާމް ފަށައި، 2025-26 ވަނަ އަހަރާ ހަމައަށް ޕާޓިކިއުލެޓް މެޓާ ކޮންސެންޓްރޭޝަން 40 ޕަސެންޓް ދަށްކުރުމަށް 24 ސްޓޭޓަކާއި ޔޫނިއަން ޓެރިޓަރީތަކުގައި ސްޓްރެޓެޖީތައް ތައާރަފްކޮށްފައެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ކޯލް ބޭސްޑް އިންޖީނުގެތައް ހުއްޓުވުމާއި އެއާ މޮނިޓަރިން ސިސްޓަމްތައް ގާއިމުކުރުމާއި ބަޔޯމަސް އެންދުން މަނާކުރުން ހިމެނެއެވެ.
އިންޑިއާގެ ބައެއް ސިޓީތަކުގެ ވައިގެ ކޮލިޓީ ރަނގަޅުވެފައިވާ ކަމަށް ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ނަމަވެސް ހަރުކަށިކޮށް ތަންފީޒުކުރުމާއި ކޯޑިނޭޝަން ނެތުމުގެ މާނައަކީ ކުރިއެރުން މަޑުޖެހުން ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.
ނިއު ދިއްލީގެ ތަޣައްޔަރުކަމުން އަރައިގަތުމަށް އޮފިޝަލުން ވަނީ މަގުތަކުގައި ފެން ސްޕްރޭ ކުރުމުގެ އިތުރުން 2018 ވަނަ އަހަރު 200 މިލިއަން ރުޕީސް (2.4 މިލިއަން ޑޮލަރު) ގެ އަގުހުރި ދެ ސްމޮގް ޓަވަރު އެޅުމަށް މަސައްކަތްކޮށްފައެވެ.
މިކަން އިތުރުވަމުން ނުދިޔަ ނަމަވެސް، 2018 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ދެމެދު، އާންމުގޮތެއްގައި ތަޣައްޔަރުވުމުގެ މޫސުން ފެށޭ ނޮވެމްބަރު މަހުގެ ނިއު ދިއްލީގެ އެވްރެޖް ޕީއެމް2.5 ކޮންސެންޓްރޭޝަން (ވައިގައި ހުންނަ ތަޣައްޔަރުވާ މިންވަރު) ހުރީ މަދުން ނަމަވެސް އެއްވަރެއްގައި ކަމަށް އައިކިއުއެއާއިން ބުނެއެވެ.
މި އަހަރުގެ ނޮވެމްބަރު މަހު އެކަނިވެސް އައިކިއު އެއާއިން އެންމެ ބޮޑަށް ތަޣައްޔަރުވެފައިވާ ސިޓީތަކުގެ ލިސްޓުގެ އެންމެ ކުރީގައި ނިއު ދިއްލީ އޮތީ މިހާތަނަށް ފަސް ދުވަހުއެވެ. މި މައްސަލަ ހައްލުކުރުމަށް މިއަހަރު އެ ސިޓީން ރާވާފައިވަނީ ވިއްސާރަ މެދުވެރިކޮށް ކުނިތައް ދޮވެލުމަށެވެ. މިއީ ޗައިނާ، އިންޑޮނޭޝިއާ އަދި މެލޭޝިއާ ފަދަ އޭޝިއާގެ އެހެން ގައުމުތަކުން ގެންގުޅޭ އުކުޅެކެވެ.
ނަމަވެސް ސައިންސްވެރިން ބުނަނީ ހަގީގަތުގައި މި އެކުޅަކީ ކިހާ ވަރެއްގެ އަސަރެއް ހުރި ކަމެއް ކަން ނޭނގޭ ކަމަށެވެ.
"މިއީ ހަމައެކަނި ވަގުތީ ހައްލުތަކެއް." ހަމޭސް ވިދާޅުވިއެވެ. "އަޑީގައި ހުރި މައްސަލަތަކަށް ހައްލު ހޯދަން އެބަޖެހޭ. އަދި އެއީ ބަޔޯމަސް އެންދުން ހުއްޓުވައި ސާފު ތެލަށް ބަދަލުކުރަން ޖެހޭ."
އިންޑިއާގެ ޑިމޮކްރަސީއާ ހިލާފަށް ޗައިނާގެ އޮކްޓޯރިއަލް ވަން ޕާޓީ ސިސްޓަމްގެ މާނައަކީ އޮފިޝަލުން އަމުރަށް އަވަހަށް ތަބާވުން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ކެއާ ފޯ އެއާގެ ލަވަކަރޭ ވިދާޅުވި ގޮތުގައި ޗައިނާ ސަރުކާރުން ބެއިޖިންގެ ވައި ތަޣައްޔަރުވުން ހުއްޓުވަން ނިންމުމާއެކު އެ މީހުން މަސައްކަތްކޮށްގެން އެކަން ހާސިލުކުރިއެވެ. "އިންޑިއާގައި ވެސް އެކަން ހާސިލް ކުރެވިދާނެ. އެއަށްވުރެ ވެސް ހަލުވިކޮށް. އެކަމަކު އެއީ ގައުމީ ކަންބޮޑުވުމެއް ނޫން. އަހަރުތައް ފާއިތުވެގެން ދާއިރު ނިޒާމީ ގޮތުން އިންޑިޔާ ވަނީ ފެއިލްވެފައި. އަދި އެކަން ހައްލުކުރަން އެކަކުވެސް މަސައްކަތެއް ނުކުރޭ."
އިލްޒާމު އެޅުވުން
އާންމުކޮށް، ލޯކަލް އަދި ނޭޝަނަލް ލީޑަރުން ތަކުރާރުކޮށް ވެރިރަށުގެ ވިހަ ވައިގެ ކުށުގެ އިލްޒާމް އެކަކު އަނެކަކުގެ ބޮލުގައި އަޅުވައެވެ.
ދިއްލީގެ ޗީފް މިނިސްޓަރު އަދި ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީގެ އެންޓިޓިސިސް ކަމަށް ބެލެވޭ އާމް އާދްމީ ޕާޓީގެ ލީޑަރު އަރްވިންދު ކެޖްރިވާލްގެ މައްޗަށް ގައުމީ ސަރުކާރުގެ ބައެއް މެމްބަރުން ވަނީ "ނުކުޅެދުންތެރިކަމާއި އިހުސާންތެރިކަން ނެތް" ކަމަށް ތުހުމަތުކޮށްފަ އެވެ.
އެ މީހުން ބުނަނީ ނިއު ދިއްލީގެ ވައި ސާފުކުރުމަށް ހަރުދަނާ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ކެޖްރިވާލްގެ ޓީމުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. "ދިއްލީގެ ރައްޔިތުން ދަނީ ހިރުވުމާއި ނޭވާލާން އުނދަގޫވާކަމުގެ ޝަކުވާތައް ކުރަމުން. ކުޑަކުދިން އަންނަނީ ބަލިވަމުން. މި ހުރިހާ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނީ ހަމައެކަނި ކެޖްރިވާލް." ދިއްލީ ބީޖޭޕީގެ ރައީސް ވިރެންދުރަ ސަޗްދޭވާ ވިދާޅުވިއެވެ.
އޭއޭޕީން ވަނީ ތަޣައްޔަރުވުން ހުއްޓުވުމަށް ފެޑެރަލް ސަރުކާރުން ދޭ ފައިސާ ކަނޑާލައި، އެ މައްސަލަ ސީރިއަސްކޮށް ނުނަގާ ކަމަށް ބުނެ ރައްދު ދީފައެވެ.
މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓުގައި ބޭއްވި އަޑު އެހުމެއްގައި ފަނޑިޔާރު ސަންޖޭ ކިޝަން ކައުލް އާއި ސުދާންޝޫ ދޫލިއާ ވަނީ ސިޔާސީ ގޮތުން ފަހަތަށް ޖެހުމުން ވަރަށް ބޮޑަށް ރުޅިގަދަވެފައެވެ. "ކޮންމެ ފަހަރަކު ސިޔާސީ ހަނގުރާމައެއް ނުކުރެވޭނެ. މިކަމުގައި އިތުރަކަށް ދެން ކެތެއް ނުކުރެވޭނެ." ދިވާލީ އާ ގުޅިގެން އަލިފާން ރޯކުރުން މަނާކުރުމަށާއި ދަނޑުވެރިން ދަނޑުތައް އަންދާލުން ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކަށް ލަފާދެމުން އެ މީހުން ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން ކެޖްރިވާލްގެ އޮފީހާއި އިންޑިއާގެ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ފޮރެސްޓް އެންޑް ކްލައިމެޓް ޗޭންޖުގެ އެއްވެސް ބަހެއް ލިބިފައެއް ނުވެއެވެ.
"ކޮންމެ ޕާޓީއެއްގެ ވެސް އެޖެންޑާގައި ވައި ތަޣައްޔަރުވުމުގެ މައްސަލަ އޮތް ނަމަވެސް ދުވަސްތައް ފާއިތުވަމުން ގޮސް އެހެނިހެން ސަބަބުތަކާ ހުރެ އެކަމަށް ދޭން ޖެހޭ ސަމާލުކަން ގެއްލުނީ." ސީއީއޭގެ ދަހިޔާ ވިދާޅުވިއެވެ.
"އިންޑިޔާއަށް ކުރިމަތިވެފައި މިވަނީ އެނޫންވެސް އެތައް ނާޒުކުކަމެއް. އެއީ އެމީހުން ކޮންމެ ދުވަހަކު ދައްކާ ވާހަކައަކަށް ނުވެދާނެ. އެކަމަކު އެއީ ހަމަ ޔަގީނުން ވެސް ކޮންމެ ދުވަހަކުވެސް އެމީހުންނަށް ކުރިމަތިވާ ކަމެއް."
މިދިޔަ ހަފުތާ ބަންދުގައި އެތައް މިލިއަން ބަޔަކު ދިވާލީ ފާހަގަކުރިއިރު، ގިނަ ބަޔަކު މަގުތަކަށް ނުކުމެ، އުޑުމައްޗަށް އިތުރު ދުންތައް ބޭރުވާ ފަދައިން ހަވާ އެރުވިއެވެ. މިކަން ހުއްޓުމުގައި ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން ނިއު ދިއްލން ހަފުތާ ފެށީ ދުނިޔޭގައި އެންމެ ބޮޑަށް ތަޣައްޔަރުވެފައިވާ ސިޓީގެ ގޮތުގައި ކަމަށާއި އޭކިއުއައި ލެވެލް 420 އަށް ވުރެ ނުރައްކާތެރި ކަމަށް އައިކިއުއެއާ އިން ބުނެއެވެ.
"ތިޔަބޭފުޅުންގެ އެންމެ ނާޒުކު އާބާދީއަށް މުޅި އުމުރަށް އަސަރު ކުރާނެ." އައިކިއުއެއާގެ ހަމޭސް ވިދާޅުވިއެވެ.
ކެއާ ފޯ އެއާގެ ލަވަކްރޭ ވިދާޅުވި ގޮތުގައި މީހުންގެ ދިރިއުޅުމުގެ އެތައް އަހަރެއް މީގެ ސަބަބުން ގެއްލޭނެއެވެ.
"މިކަމުން ނުކުންނަ އަސަރުތައް ވަރަށް ގޯސްވާނެކަން ގަބޫލުކުރަން ފަށާނީވެސް ކިހިނަކުން؟" އޭނާ ވިދާޅުވިއެވެ.
އިންޑިއާއަށް ވާނެ ކަމެއްނޯންނާނެ. އެހެނީ އެމީހުން ކަންކަން ކުރާނީ ކޮންމެވެސް ގުރޫޖީ އަކު ބުނާގޮތަށް.