ގާޒާގެ ދިރިއުޅުމަކީ އަބަދުވެސް ގޮންޖެހުން ބޮޑު ދިރިއުޅުމެއް ނަމަވެސް ދިރިއުޅުމާމެދު ފޮނި ހުވަފެންތައް ދުށުމާއި ކުރިއެރުމަށް ގާޒާގެ ރައްޔިތުން އަބަދުވެސް މަސައްކަތް ކުރެއެވެ.

އަހަރެންގެ ތުއްތު އިޔާސްގެ އުމުރުން ތިން މަސް ފުރުނުއިރު އަހަރެންގެ އެއްބަނޑު މީހެއްގެ ދަރިފުޅު އީޒް އަށް މިހާރު ވަނީ އެއް މަސް ފުރިފައެވެ.

ތިރީގައި މިވަނީ އެކުދިންނަށް އަހަރެން ލިޔެފައިވާ ސިޓީއެކެވެ.

ލޯބިވާ ކުޑަކުޑަ އިޔާސް އަދި އެޒް،

ވަށައިގެން ގޯސްކޮށް ކަންތައްތަކެއް ހިނގަމުން އަންނަކަން ތިކުދިންނަށް އިހުސާސްވާކަން އަހަންނަށް އެނގެއެވެ. ބޮން ގޮއްވުންތަކާއި މިސައިލްގެ ހަމަލާތަކާ ގުޅިގެން ތިކުދިން ރޮއެ، ބިރުން ތުރުތުރު އަޅާ މަންޒަރު ފެނެއެވެ.

ބައެއް ފަހަރު ރޭގަނޑުގެ ވަގުތުތަކުގައި ހުއްޓުމެއް ނެތި ދެމުން އަންނަ ބޮމުގެ ހަމަލާތަކާއި މަތިންދާބޯޓުތަކުގެ ސަބަބުން ނުތަނަވަސްވެ، އަހަރެމެންގެ މޫނުމަތިން ޖަވާބު ހޯދަން ތިކުދިން މަސައްކަތްކުރާ މަންޒަރު ބަލަން ހިތަކަށް ކެތެއް ނުވެއެވެ.

ލޯބިވާ ތުއްތު ކުދިންނެވެ.

އަހަރެން މި ސިޓީ މި ލިޔަނީ، ތިކުދިން މި ސިޓީ ކިޔުމަށް ރައްކާތެރި ދުނިޔެއެއްގައި ބޮޑުވާނެކަމުގެ އުއްމީދުގައެވެ. ނަމަވެސް ހިތާމައަކީ އެ ނަތީޖާ އަކީ ޔަގީން ކަމެއް ނޫނެވެ. މިހާރު ހިނގަމުންދާ ހަމަލާތަކުގެ ސަބަބުން ތިކުދިންގެ ޖީލަށްޓަކައި މި ހެކިބަސް ލިޔުމަށް އަހަންނަށް މަޖުބޫރެވެ.

ތިކުދިންގެ ލޮލަށް ބަލާލުމުން، އަލް ޝިފާ ހޮސްޕިޓަލުގައި ވޭނާއި ތަކުލީފުތައް ތަހައްމަދުކުރަމުން އަންނަ ކުދިންގެ ފުރާނައަށް ކުރިމަތިވެފައިވާ ނުރައްކާތަކާ މެދު ވިސްނާ ކަންބޮޑުވެއެވެ.

އެއްވެސް ކުށެއް ނެތް މައުސޫމް ކުދިންގެ ގަބުރުސްތާނަކަށް ދުނިޔެ ބަދަލުވެއްޖެއެވެ. އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ ބިންގަނޑަށް އަރައިގަތުމުގެ ސަބަބުން މައިންބަފައިންނަށް ދަރިންނާ ހަމައަށް ދާން ވަނީ ދަތިވެފައެވެ. އަދި ހަމަލާތަކުގައި ގެދޮރު ހަލާކުވެ، އާއިލާ މީހުންނާއި ދަރިން ވަނީ ގެއްލިފައެވެ. އެމީހުންގެ ހިތާމަވެރި ވާހަކަތަކާ މެދު ވިސްނާ ހިތް ނުތަނަސްވެއެވެ.

އަހަރެންގެ ތުއްތު ކުދިންނެވެ. އަހަރެންގެ ހިތް ރޮނީއެވެ. މި ހަލަބޮލިކަމުގެ ތެރޭގައި ބޮޑުވަމުން އަންނަ ކުދިންނަށްޓަކައި ކޮންމެ ދުވަހަކު ވެސް ހޮސްޕިޓަލުގައި ކަރުނަ އޮހޮރެއެވެ. ވަގުތީ ޓެންޓުތަކުގައި އެމީހުންގެ ވަށައިގެން ހިނގަމުންދާ ހިތާމަވެރި ކާރިސާތަކާ މެދު މާ ބޮޑު ވިސްނުމެއް ނެތި، އެމީހުންގެ އަމިއްލަ ދުނިޔޭގައި ސަކަރާތްޖަހާ ހިނިތުންވާތަން ފެނުމުން އަހަންނަށް ރޮވެއެވެ. މިއީ މުސްތަގުބަލުގައި އެމީހުންނަށް ވިސްނޭނެ ހަގީގަތެކެވެ.

ޓެންޓެއްގެ ބޭރުގައި ކުޑަކުއްޖަކު ފެންވަރާލަނީ. މިހާރު އިޒްރޭލުން ޣައްޒާއަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ގާޒާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލިފައި.

އަހަރެންގެ ލޮބުވެތި ދަރިންނެވެ.

މި ހިތާމަވެރި ހާލަތްތަކުގައި ތިކުދިންގެ ދުޅަހެޔޮކަމާމެދު ވިސްނާ އަހަރެމެން މައިންބަފައިން ވަރަށް ބޮޑަށް ކަންބޮޑުވެއެވެ.

ތިކުދިން ތަހައްމަދު ކުރަމުން އަންނަ ނުތަނަވަސްކަމާއި ހުއްޓުމެއްނެތި ރޯ ރުއިމުގެ ސަބަބު އަހަރެމެންނަށް އެނގުނީ ތިކުދިންގެ މާމަގެ ކިޑްނީގައި ރިއްސަނީ ކޮން ސަބަބަކާ ހުރެތޯ މިދިޔަ ހަފްތާގައި އެނގުމުންނެވެ. އެއީ ނުސާފު ފެނެވެ. އަހަރެމެންނަށް އެކަމާމެދު ހޭލުންތެރިވި ކަމުގައިވީނަމަވެސް، އެނޫން ގޮތެއް ނެތުމުން، ތިކުދިންގެ ރައްކާތެރިކަމަށްޓަކައި ސާފު މިނަރަލް ފެން ހޯދުމުގެ މަސައްކަތް އަހަރެމެން ކުރަމެވެ.

ކޮންމެ ދުވަހަކު ވެސް، ނޫސްވެރިއެއްގެ ހައިސިއްޔަތުން އަހަރެންގެ މިހާރުގެ މަސައްކަތުގެ މާހައުލު ކަމަށްވާ ހޮސްޕިޓަލަށް ގޮސް، ލިބެން ހުރި ފެނުގެ ވަސީލަތްތަކުގެ މައުލޫމާތު ހޯދަމެވެ.

ފެން ހިފައިގެން އެނބުރި ގެއަށް އައުމުގެ އުފާވެރި އިހުސާސްއަކީ ހަޒާނާއެއް ހިފައިގެން އައުމުގެ އިހުސާސެކެވެ.

ސާފު ފެނުގެ އިތުރުން ދެން އެންމެ ބޮޑަށް ކަންބޮޑުވަނީ ތިކުދިންގެ ބޭބީ ފޯމިއުލާއާއި ނެޕީ މަދުވަމުންދާތީއެވެ. އެޒްގެ ބައްޕަ ވަނީ އެޒް ބޭނުންކުރާ ފޯމިއުލާ ހޯދާފައެވެ. ނަމަވެސް އިޔާސް ބޭނުންކުރާ ފޯމިއުލާ ނުލިބުމުން، އެހެން ފޯމިއުލާއަކަށް ބަދަލުކުރަން ޖެހުނީއެވެ. އޭގެ ސަބަބުން އިޔާސް އަށް ވަގުތީ ނުތަނަވަސްކަމާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

ފެނަށް ސަލާން ޖެހުމާއި ބަނޑުހައިހޫނުކަމުގެ މި ހަގީގީ ހަނގުރާމައިގައި އަހަރެމެން ދަތުރުކުރަމުންދާއިރު، ތިކުދިންނަށް އެންމެ އެކަށީގެންވާ ފޯމިއުލާއާ ބެހޭގޮތުން ވާހަކަ ދެއްކުމަކީ މުއްސަނދިކަމެއްހެން އިހުސާސްވެއެވެ.

އަހަރެން ތިކުދިން ގާތު ބުނެލަން ބޭނުންވަނީ، މި "އުފާވެރި" ދުނިޔޭގައި، އެކި އެކި ވަސީލަތްތަކުގެ ދަށުން، އަހަރެމެން ކުރަމުން އަންނަ ޖިހާދު ފެނިގެން ދާތަނެވެ.

ފެނާއި ކާބޯތަކެތީގެ ދަތިކަމުގެ އިތުރުން ކަރަންޓާއި އިންޓަނެޓާއި މުވާސަލާތީ ނެޓްވޯކްތަކާއި ސުޕަމާކެޓުގެ ސާމާނާއި ރޮށި ނުވަތަ ތެޔޮ ނުލިބޭތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

މިހާރު ހިނގަމުންދާ ވައިގެ ހަމަލާތަކުގެ ސަބަބުން ދިރިއުޅުމުގެ ހުރިހާ ކަމަކަށް އަމާޒުކޮށް ނިމުމެއް ނެތް ލޭ އޮހޮރުވުމެއް އުފައްދައި، ތިބާ ފަދަ ކުށެއް ނެތް ތުއްތު ކުދިންނަށް މި ދުނިޔެ ވަނީ ނުރައްކާތެރި ތަނަކަށް ވެފައެވެ.

ކޮންމެ ދުވަހަކު ވެސް ހޮސްޕިޓަލުގައި އަހަންނަށް ފެންނަނީ ލޭއޮހޮރުވާފައިވާ ކަފުންތަކުގައި އޮޅާލާފައިވާ ހަށިތައް - އަންހެނުންނާއި ފިރިހެނުންނާއި ދޮށީ އުމުރުގެ މީހުން - އެކަމަކު އެންމެ ހިތް ހަލާކުވަނީ ކުޑަކުދިންގެ ހަށިތައް ފެނުމުންނެވެ. ކުޑައިރުގެ ލަވަތަކުގެ ކުރިން މިތަނުގެ ތުއްތު ކުދިންނަށް މިސައިލްތަކުގެ އަޑުތައް ދަސްވެއެވެ.

ގެދޮރު ގެއްލި، އަސާސީ ހިދުމަތްތައް ކަނޑާލައި، ހާލުގައި ޖެހިފައިވާ ގާޒާގެ ރައްޔިތުން މިހާރު ހިނގަމުންދާ އިޒްރޭލުގެ ހަމަލާތަކަށް ކެތްކުރަނީ މިގޮތަށެވެ.

އަހަރެންގެ ލޯބިވާ ކުދިންނެވެ.

މިއީ އަހަރެންގެ އެންމެ ފަހު ސިޓީ ކަމަށް ވެދާނެއެވެ. އަހަރެމެންގެ ހިތާމައިގައި ހިމޭނުން ތިބި މީހުންނަށް މާފު ނުކުރަން ހަނދާން ބަހައްޓާށެވެ. ގާޒާގެ ދިރިއުޅުމަކީ އަބަދުވެސް ގޮންޖެހުންބޮޑު ދިރިއުޅުމެއް ނަމަވެސް އުފާވެރި ދިރިއުޅުމެއް އުޅުމުގެ ހުވަފެން ފެނުމާއި ކުރިއެރުމަށް މަސައްކަތް ކުރާށެވެ.

ހަލަބޮލިކަމުގެ ތެރޭގައި ތިކުދިންގެ ހިނިތުންވުން ފެނުމުން އަހަރެންގެ ހިތް ފަޅައިގެން ދެއެވެ. މިތަނުގައި ރަނގަޅު މުސްތަގުބަލެއް ލިބޭނެ ކަމުގެ އުއްމީދު ވަރަށް ކުޑައެވެ. މުސްތަގުބަލު ފެންނަމުން އަންނަނީ އިތުރު އަނިޔާތަކުން ފުރިފައެވެ.