ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ މަގުމަތީ ހިނގާލުން މިއަދު މާލޭގައި ކުރިއަށް ދާނެކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މިއަދު ހަވީރު 16:15 ހާއިރު ބަންޑާރަކޮށިން ފެށުމަށް ހަމަޖެހިފައިވާ މަގުމަތީ ހިނގާލުމުގައި ލަޝްކަރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކައިރިއަށް މަޑުކުރުމުން، އެ ހިނގާލުން ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ.މުހައްމަދު މުއިއްޒު ކަމަށެވެ.

މާލޭގެ ކަނޑައެޅިފައިވާ މަގުތަކުން މި ހިނގާލުން ކުރިއަށްގެންދަން ހަމަޖެހިފައިވާ އިރު ޑިފެންސް މިނިސްޓްރީން ބުނީ މަލޭގެ ފަސް ސަރަހައްދެއްގައި ލަޝްކަރު މަޑުކުރާނެކަމަށެވެ. އަދި، ލަޝްކަރުގެ ކޮންމެ ހުއްޓުމެއްގައި ވެސް އަސްކަރީ ބޭންޑުގެ ރީތި ރާގުތައް ޕާފޯމް ކުރާގޮތަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން މި ހިނގާލުމުގައި ލަޝްކަރު ހުއްޓޭނެ ސަރަހައްދުތަކަކީ،

- އަމީރުއަހްމަދުމަގު

- ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތި

- ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި

- މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅި

- މަޖީދީމަގު މިލިއަން ބުކްޝޮޕް ކުރިމަތި

- ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާކޮށި ހުޅަނގު އުތުރު ކަންމަތި

ޑިފެންސް މިނިސްޓްރީން ބުނީ މަގުމަތީ ހިނގާލުން ކަޅުތުއްކަލާކޮށްޓަށް ނިންމުމަށް ހަމަޖެހިފައިވާއިރު މިހިނގާލުމުގައި ދިވެހި ސިފައިންގެ ލަޝްކަރުގެ އެކިއެކި ދާއިރާތަކާއި ހިދުމަތްތައް ދައްކުވައިދޭނެ ކަމަށެވެ.