މިއަހަރުގެ ކުޑަކުދިންގެ ދުވަސް މުޅި ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10 ވަނަ ދުވަހުއެވެ.

މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ސްކޫލްތަކުގެ ޕްރިންސިޕަލުންނާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައިވާއިރު މިނިސްޓަރު ވިދާޅުވީ އެހެންއަހަރުތަކާ ހިލާފަށް މިއަހަރުގެ ކުޑަކުދިންގެ ދުވަސް މުޅި ރާއްޖޭގައިވެސް ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާކަމަށެވެ. ތަފާތު ހަރަކާތްތަކާއެކު ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށްޓަކައި މާލޭ ސަރަޙައްދުގެ ހުރިހާ ސްކޫލުތަކުން ގުޅިގެން ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމަވާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ދުވަހާއި ގުޅިގެން އަތޮޅުތެރޭގެ ސްކޫލްތަކުގައިވެސް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވެސް ނިންމަވާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން އެ ދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރެއިން ކުޑަކުދިންނަށް އެކުދިންގެ ހައްގުތައް ކިޔާދީ, އެ ކުދީންނާ މެދު މައިންބަފައިންނާ މުޖުތަމައު އަދި ގައުމު ދެކޭ ހުވަފެންތައް ކިޔާދިނުން މުހިއްމުކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ސްކޫލް ފެންވަރުގައި ހާއްސަ އެސެމްބްލީތަކާއި އިތުރު ހަރަކާތްތައް ބޭއްވުމަށް ނިންމާފައިވާއިރު މިނިސްޓަރި ވަނީ އެ ހަރަކާތްތައް ކިޔަވައިދިނުމުގެ ގަޑިތައް ނުގެއްލޭނެ ގޮތަށް އިންތިޒާމުކުރުމަށް އެދިފައެވެ. އަދި ބެލެނިވެރިންނާއި މުދައްރިސުންނަށް ބުރަނުވާނެހެން، ވީހާވެސް ހަރަދުކުޑަކޮށް ކުރިއަށްގެންދިއުމަށްވެސް މިނިސްޓަރު ވަނީ އެދިފައެވެ.