ރާއްޖޭގެ ޓިކްޓޮކް ކޮމިއުނިޓީގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކެނެޑާއަށް އުފަން ޖެން ޑާލިންގެ އައްޑޫ ދަތުރުގައި ދެއްކި ވާހަކަތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެ، މައާފަށް އެދިއްޖެއެވެ.
މި މަހުގެ ކުރީކޮޅު ޖެން އައްޑުއަށް ޒިޔާރަތް ކޮށްފައި ވާއިރު، މިއީ އެ ސިޓީ ޕްރޮމޯޓު ކުރުމަށް އޭނާ އައްޑުއަށް ކުރި ދަތުރެކެވެ. މި ދަތުރުގައި އައްޑޫގެ އެކި އަވަށްތަކަަށް ޒިޔާރަތްކޮށްފައި ވާއިރު އޭނާ ވަނީ މި ދަތުރުގެ މަންޒަރުތައް އޭނާގެ ޓިކްޓޮކްގައި ހިއްސާ ކޮށްފައެވެ. ޖެންގެ އައްޑޫ ދަތުރުގައި އެ ސިޓީއިން ވެސް އޭނާއަށް ބޮޑު ތަރުހީބެއް ލިބިފައި ވީ ނަމަވެސް އޭނާ އާންމުކުރި ވީޑިއޯއަކާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ.
ޖެންގެ އެ ވީޑިއޯގައި އައްޑޫ ސިޓީގައި ހޭދަކުރި ދެވަނަ ދުވަހު ދިމާވި ގޮންޖެހުންތައް ހިއްސާކޮށް ބުނީ، މީހުން 'ފޮޓޯ' ނަގަން އުޅޭ ވަރުން އޭނާއަށް ވަރަށް އުދަގޫވި ކަމަށެވެ. އަދި އެ ދަތުރުގައި ރައްކާތެރިކަމަށްޓަކައި ތިން ފަހަރެއްގެ މަތިން އޭނާ ދަތުރުކުރި ކާރު ބަދަލުކުރަން ޖެހުނު ކަމަށެވެ. އަދި ބެލުންތެރިންނަށް ފެނުނީ އޭނާ އައްޑޫގައި ހޭދަކުރި އުފާވެރި މަންޒަރުތައް ކަމަށާއި އެހެން ނަމަވެސް ބެލުންތެރިންނަށް ނުފެންނަ ގިނަ ކަންތައްތަކާ ކުރިމަތިވި ކަމަށް ޖެން ވަނީ ބުނެފައެވެ. މީގެ އިތުރުން އޭނާ ލައިސަންސް ޓެސްޓުން ފެއިލްވީ ވެސް ގިނަ ބަޔަކު އޭނާއާ އެކު ފޮޓޯ ނެގުމަށް އެތަނަށް އެއްވެ، އޭނާއަށް މާ ބޮޑަށް ސަމާލުކަން ދިނުމުގެ ސަބަބުން ކަމަށް ޖެން ބުނެއެވެ.
އޭނާގެ މި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައި ވާއިރު ޖެން އެންމެ ފަހުން ވަނީ އާންމުންގެ ކިބައިން މައާފަށް އެދިފައެވެ. އަދި އޭނާ ދެއްކި ވާހަކައިގެ މާނަ ވަރަށް ބޮޑަށް އޮޅިފައިވާކަމަށް ބުނެ ޖެން ބުނީ އޭނާގެ މަގްސަދަކީ ފޮޓޯ ނެގުމަށްވެސް ވަކި ހާއްސަ ވަގުތާއި ތަންތަން ހުންނާނެކަން ބުނެދިނުން ކަމަށެވެ. އަބަދުވެސް ރާއްޖޭގެ ސަގާފަތާއި ދިވެހިންނާ، އަދި ރާއްޖެދެކެ ލޯބިވާކަން ހާމަކުރަމުން ޖެން ބުނީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ހޭނުމަށް އަބަދުވެސް އޭނާ ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށެވެ. އަދި އޭނާ ދެއްކި ކުޑަކުޑަ ވާހަކައެއްގެ ސަބަބުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އޭނާއަށް ފާޑުކިޔާ، ބުލީކޮށް، އަދި ބިރު ދައްކާ ހެދުމަކީ ބަލައިގަންނަން ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.
މީގެ އިތުރުން ޖެން ބުނީ އޭނާ އައްޑޫގައި ހޭދަކުރި ދުވަސްތަކަކީ ވަރަށް ހިތްހަމަޖެހޭ ދުވަސްތަކެއް ކަމަށާއި އެއީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށެވެ. އަދިވެސް އައްޑޫ އަށް ދިއުމަށް ފުރުސަތު ލިބިއްޖެނަމަ އެ ފުރުސަތުގެ ބޭނުން ހިފާނެކަން ހާމަކޮށް ޖެން ވަނީ އޭނާ ދެއްކި ވާހަކައަށް ތަކުރާރުކޮށް މައާފަށް އެދިފައެވެ.
މީގެ ހަތް އަހަރު ކުރިން ކ. މާފުށީގައި އެކްސްކާޝަން އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި ޖެން ވަނީ ފަހުން ވ. ތިނަދުއަށް ބަދަލުވެފައެވެ. އަދި މީގެ ދެ އަހަރުކުރިން އެ ރަށުގެ ޒުވާނަކާ ކައިވެނިކޮށް ތިނަދޫގައި އޭނާވަނީ ޖިމީސް އެކްސްކާޝަންގެ ނަމުގައި ވިޔަފާރިއެއް ވެސް ފަށާފައެވެ. އޭނާގެ ޓިކްޓޮކްގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ބައިލައްކައަށްވުރެ ގިނަ ފޯލަވަރުން ތިބިއިރު ޖެން އަކީ އަބަދުވެސް އޭނާގެ ދިރިއުޅުމުގެ ކަންތައްތައް ޓިކްޓޮކްގައި ހިއްސާކުރާ ފަރާތެކެވެ. މީގެ އިތުރުން ރާއްޖޭގެ ސާދާ ދިރިއުޅުމާއި، ރާއްޖޭގެ ރީތިކަން ވެސް ޓިކްޓޮކް މެދުވެރިކޮށް ދައްކަމުން އަންނަ ޖެން މީގެ ކުރިން ބުނީ އޭނާ އަބަދުވެސް ބޭނުންވަނީ ރަށްފުށުގެ އާދައިގެ ދިރިއުޅުމެެއް ކަމަށެވެ.