ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން، ސިފައިންގެ އިސްވެރިންނާ ބައްދަލު ކުރައްވައިފިއެވެ.

އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމަށްފަހު ރޭ ވަނީ ޑިފެންސް މިނިސްޓަރުގެ މަގާމަށް ޣައްސާން ވަނީ އައްޔަންކުރައްވާފައެވެ. އެއަށްފަހު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖަ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވަނީ އައްޔަން ކުރައްވާފައެވެ.

ޑިފެންސް މިނިސްޓްރީއިން ވަނީ ޣައްސާންއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި އިންޓަގްރޭޓެޑް ހެޑްކުއާޓަރަށް ޣައްސާން ވަޑައިގަތުމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި ޖެނެރަލް އޮފިސަރުން ވަނީ މަރުހަބާ ދަންނަވާފައެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އަބްދުއްރަހީމް ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސްގެ މަގާމުގައެވެ. އަބްދުއްރަހީމް ސިފައިންގެ ހިދުމަތާ ގުޅިވަޑައިގަތީ ފެބްރުއަރީ 18، 1985 ގައެވެ.

އަބްދުއްރަހީމް ސިފައިންގެ ހިދުމަތުގައި 32 އަހަރު ހޭދަ ކުރައްވާފައިވާއިރު އޭނާ ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވަން އުޅުއްވާ ކަމުގެ އަޑުތައް ފެތުރުނު ނަމަވެސް ފަހުން އޭނާ ނިންމެވީ މަގާމުގައި ދެމިހުންނަވާށެވެ.

ޗީފް އޮފް ޑިފެންސް ފޯސްއަކީ އެމްއެންޑީއެފް ހިންގުމުގެ އެންމެ އިސް ފަރާތެވެ. އެ މަގާމުގައި އެންމެ ފަހުން ހުންނެވީ ލެފްޓިނެންޓް ޖެނެރަލް އަބްދުﷲ ޝަމާލެވެ.