އޮކްޓޯބަރު 7, 2023 ގެ ހަމަލާއާ ގުޅިގެން ގާޒާގެ އުތުރު ހުސްކޮށް ދެކުނަށް ފައިބެން ދާން އިންޒާރު ދިނުމުން ގިނަ ބަޔަކު ދެކުނުން ހާން ޔޫނިސް ފަދަ ކޭމްޕްތަކަށް ގޮސްފައި ވަނިކޮށް އެތަންވެސް ހުސްކުރަން އިޒްރޭލުން އަމުރު ކޮށްފިއެވެ.
ވައިގެ މަގުން އެޅި ލީފްލެޓްތަކެއްގައި ބުނެފައި ވަނީ, އަމިއްލަ ސަލާމަތް ބޭނުން ކަމަށް ވާނަމަ ގެދޮރު ދޫކޮށް ރައްކާތެރިހެން ހީވާ ތަންތަނަށް ދިޔުމަށާއި 'ޓެރަރިސްޓުން' ތިބި ކޮންމެ ގެއަކަށް ހަމަލާ ދޭނެ ކަމަށެވެ.
ހާން ޔޫނިސް އަކީ ހަނގުރާމައިގެ ކުރިން 100,000 އެއްހާ މީހުން ދިރިއުޅުނު ތަނެއް ނަމަވެސް ގާޒާގެ އުތުރަށް ބޮން އަޅަން ފެށުމުން ގިނަ ބަޔަކު ގެދޮރު ދޫކޮށް ގޮސްފައި ވާ އިރު މިހާރު ހާން ޔޫނިސްގައިވެސް 400,000 އެއްހާ މީހުން އެބަތިއްބެއެވެ. ޑިއުޓީ ބަހައިގެން ޝިފްޓް އުސޫލުން ނިދާ ހަދަން ޖެހިފައިވާ ހާލެއްގައި އެމީހުން މިހާރު އުޅެމުން ދާ އިރު އިޒްރެލުގެ މި އެންގުމާ ގުޅިގެން އދ ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާއިން ބުނީ, ގެއިން ނިކުމެގެން ދާނީ ވަކި ކޮންތާކަށް ތޯ އާއި ގާޒާގައި ރައްކާތެރި އެއްވެސް ތަނެއް ނެތް ކަމަށެވެ.
މުރާސިލުން ބުނާގޮތުގައި އިޒްރޭލުގެ މި އެންގުމަކީ ގާޒާގެ އުތުރަށް ހަދާހެން ދެކުނުން ހާން ޔޫނިސްވެސް ފުނޑުފުނޑު ކޮށްލަން އެންގި އެންގުމެކެވެ. ދެކުނު ރައްކާތެރި ވާނެ ކަމަށާއި ދެކުނަށް ދާން އަމުރު ކުރުމަށް ފަހު މީހުން ފައިބައިގެން ދިޔައިމައި ދެކުނުގެ ކޭމްޕްތަކަށް ވެސް ދޭތެރެ ދޭތެރެއިން ބޮން އަޅަމުން ދެއެވެ. ހާން ޔޫނިސް އަކީ އޭގެ އެއް ކޭމްޕެކެވެ. ހަނަގުރާމަ ފެށުނު ފަހުން ހާން ޔޫނިސް އަށް އެތައް ހަމަލާއެއް ދީފައި ވާ އިރު ގިނަ ބަޔަކު ޝަހީދުވެ އަދި ޒަހަމްވެފައި ވެސް ވެއެވެ.
އިޒްރޭލުން ގާޒާއަށް އަރާ ހިންގާ އުދުވާނުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 12,000 އަށް އަރާފައެވެ. އޭގެ ތެރެއިން 5000 އަކީ ކުޑަކުދިންނެވެ.