ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖަ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފް އައްޔަން ކުރައްވައިފިއެވެ

އަބްދުއްރަހީމަށް މަގާމަށް އައްޔަންކުރައްވާ މަގާމުގެ ލިޔުން ހަވާލުކުރެއްވީ މިރޭ ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އަބްދުއްރަހީމް ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސްގެ މަގާމުގައެވެ.

އަބްދުއްރަހީމް ސިފައިންގެ ހިދުމަތާ ގުޅިވަޑައިގަތީ ފެބްރުއަރީ 18، 1985 ގައެވެ.

އަބްދުއްރަހީމް ސިފައިންގެ ހިދުމަތުގައި 32 އަހަރު ހޭދަ ކުރައްވާފައިވާއިރު އޭނާ ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވަން އުޅުއްވާ ކަމުގެ އަޑުތައް ފެތުރުނު ނަމަވެސް ފަހުން އޭނާ ނިންމެވީ މަގާމުގައި ދެމިހުންނަވާށެވެ.

ޗީފް އޮފް ޑިފެންސް ފޯސްއަކީ އެމްއެންޑީއެފް ހިންގުމުގެ އެންމެ އިސް ފަރާތެވެ. އެ މަގާމުގައި އެންމެ ފަހުން ހުންނެވީ ލެފްޓިނެންޓް ޖެނެރަލް އަބްދުﷲ ޝަމާލެވެ.