އެމެރިކާގެ ސެންފްރެންސިސްކޯގައި ކުރިއަށް ދާ އޭޕެކް ސަމިޓަށް ވަޑައިގެން އުޅުއްވާ ޗައިނާގެ ރައީސް ޝީ ޖިންގްޕިން, އެމެރިކާގެ ރައީސް ޖޯ ބައިޑަން އާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަ ތަކަށް ފަހު ދެގައުމުގެ ދެމެދުގައި މެދުކެނޑިފައި ވާ އަސްކަރީ ދާއިރާގެ ވާހަކަތައް އަލުން ކުރިއަށް ގެންދަން ނިންމައިފިއެވެ.

ކެލިފޯނިއާގައި ދެވެރިން ބައްދަލު ކުރެއްވި އިރު މިއީ ދެގައުމުގެ ދެމެދުގައި އެކިއެކި ދާއިރާތަކުން ނުތަނަވަސްކަން އުފެދި ދިގުލައިގެން ގޮސްފައި ވަނިކޮށް ދެވެރިން މިއަރުގެ ތެރޭގައި ބައްދަލުވި 2 ވަނަ ފަހަރެވެ. މީގެ ކުރިން އިންޑޮނީޝިއާގެ ބާލީގައި އޮތް ޖީ20 ގައުމުތަކުގެ ވެރިންގެ ހަވާސާގައި މިދެވެރިން ބައްދަލު ކުރައްވާފައި ވެއެވެ. ނަމަވެސް އެ ފަހަރު އެއްވެސް މަޝްވަރާއެއް ނުހިނގާ ކަމަށް ދެގައުމުންވެސް ބުނެފައި ވެއެވެ.

އިއްޔެ ކެލިފޯނިއާގައި ކްލޯސްޑް ޑޯ [ވަކިން ދެވެރިން] ބޭއްވެވި މަޝްވަރާތަކަށް ފަހު ބައިޑަން ވިދާޅުވީ, ދެގައުމުގެ ދެމެދުގައި ސީދާ ވާހަކަތައް ދައްކަން އަލުން އެއްބަސްވެވިފައި ވާ ކަމަށެވެ.

ދެވެރިން ވަކިން މިގޮތަށް ބައްދަލު ނުވާތާ އަހަރަކަށް ފަހު ބޭއްވި މި ބައްދަލުވުމަށް ފަހު ބައިޑަން ވަނީ މީޣެ ކުރިންވެސް އޭނާ ޝީ އާ ގުޅުވާ ވިދާޅުވާ ބަހެއް ކަމަށް ވާ 'ޑިކްޓޭޓަރެއް' ކަމަށް ވިދާޅުވެފައެވެ.

އިތުރަށް ބައިޑަން ވިދާޅުވީ, މިހާރު ދެވެރިންނަށް ފޯނުން ވާހަކަ ދެއްކެވޭނެ ކަމަށާއި ވާހަކަ ނުދެއްކޭ ހިސާބަށް ދިޔުމަކީ އެކްސިޑެންޓްތައް ހިނގާ އެއްގޮތް ކަމަށެވެ. ނަމަވެސް މިހާރު ސީދާ ޑައިރެކްޓްކޮށް ދެބޭފުޅުން, އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ގުޅުއްވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެމެރިކާ އާއި ޗައިނާ އަކީ ދުނިޔޭގެ އެންމެ ވަރުގަދަ ދެ އިގްތިސޯދަށް ވާއިރު, އެމެރިކާ އާ ގުޅިގެން ކުރިއަށް ދާން ބޭނުންވާ ކަމަށް ޗައިނާގެ ރައީސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޝީ އަށް ރަމްޒުކޮށް ޑިކްޓޭޓަރެއް ކަމަށް ބައިޑަން ވިދާޅުވުމުން ޗައިނާއިން ވަނީ ފާޑުކިޔާފައެވެ. އެއާއެކުވެސް އެ ބައްދަލުވުމުން ނިމިގެން ދިޔަ ކަންކަމަށް އިހުތިރާމް ކުރާނެ ކަމަށް ޗައިނާއިން ބުނެފައި ވެއެވެ.

ދެގައުމުގެ ދެމެދުގައި ގުޅުންތައް ގޯސްވެ މަޝްވަރާތައް ހުއްޓުނީ, އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސާ ނޭންސީ ފެލޯސީ މިދިޔަ އަހަރު ޓައިވާނަށް ވަޑައިގެން ހިސާބުންނެވެ.