ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން ޅަދަރިމައިންނަށް ވަޒީފާ އަދާކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދާ ދިނުމަށް ދިވެހި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމައިފިއެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން ޅަދަރިމައިވުމުގެ ސަބަބުން ކަނޑައެޅިފައިވާ ގަޑިތަކަށް އޮފީހަށް ނުކުމެ އުޅުމުގައި ދަތި އުނދަގޫވާ މުވައްޒަފުންނަށް ފްލެކްސިބަލްކޮށް މަސައްކަތްކުރެވޭނެ މަސައްކަތު ގަޑިތަކެއް ހަމަޖައްސައިދިނުމަށް ވަކި އުސޫލުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން ޅަދަރިމައިވުމުގެ ސަބަބުން ކަނޑައެޅިފައިވާ ގަޑިތަކަށް އޮފީހަށް ނުކުމެ އުޅުމުގައި ދަތި އުނދަގޫވާ މުވައްޒަފުންނަށް ފްލެކްސިބަލްކޮށް މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށާއި އެފަދައިން އަމަލު ކުރެވޭނެ އެންމެ ދިގު މުއްދަތަކީ ދަރިފުޅަށް 24 މަސް ފުރުމާ ހަމައަށް ކަމަށް ސާކިއުލާގައި ވަނީ ބުނެފައެވެ.

އަދި އެފަދަ މުވައްޒަފުންނަށް ފްލެކްސިބަލްކޮށް މަސައްކަތްކުރެވޭނެ ވަގުތުތައް ކަނޑައަޅާނީ، އިދާރާގެ މަސައްކަތަށް ދަތިނުވާނެ ގޮތުގެމަތިން އެ މުވައްޒަފެއްގެ މަސައްކަތު ވަގުތުގެ ދެބައިކުޅަ އެއްބައަށް ވުރެ މަދުނުވާނެ ގޮތުގެމަތިން ކަމަށް ވެއެވެ.

މީގެއިތުރުން މިފަދަ މުވައްޒަފުންނަށް ފްލެކްސިބަލްކޮށް މަސައްކަތް ކުރެވޭނެ މަސައްކަތު ގަޑިތައް ހަމަޖައްސައިދިނުމަކީ އެ މުވައްޒަފުންނަށް ދެވޭ ލުޔެއް ކަމުގައިވާތ،ީ ފްލެކްސިބަލްކޮށް މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާ މުއްދަތަށް އެފަދަ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް އުނި ނުކުރުމަށް ކޮމިޝަނުން ވަނީ އަންގާފައެވެ.

މިއުސޫލް ކަނޑައަޅާަފއި ވަނީ ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2014 ގެ 183 ވަނަ މާއްދާގެ ދަށުންނެވެ.