ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން މި ސަރުކާރުން ދޫކުރާ 4000 ފްލެޓު ލިސްޓު ބާތިލް ކުރުމަށް ގޮވާލާ އާންމުންގެ ބަޔަކު މަގުމަތީގައި އިހުތާޖު ކުރަމުން އެބަދެއެވެ.

މާލެ، މާފަންނު ސަރަހައްދުގައި އިހުތިޖާޖުގެ ބައިވެރިން ހަރަކާތްތެރިވަމުންދާއިރު އެ މީހުންގެ އެންމެ ބޮޑު ގޮވާލުމަކަށް ވެފައި ވަނީ ހައުސިންގް މިނިސްޓްރީން މިހާރު އެކުލަވާލާފައިވާ ފްލެޓް ވެރިންގެ ލިސްޓު ބާތިލް ކުރުމަށެވެ. އަދި ހަމައެހެންމެ ހައުސިންގް މިނިސްޓްރީގެ އިސްވެރިން ހައްޔަރު ކުރުމަށް ގޮވާލުމުގެ އިތުރުން ފްލެޓްތަކުގެ އެންމެ ހައްގު ވެރި ފަރާތްތަކަަށް އެ ފްލެޓްތައް ދިނުމަށް އެދި މުޒާހަރާގެ ބައިވެރިން ދަނީ އަޑުއުފުލަމުންނެވެ.

އެމީހުންގެ ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން މުޒާހަރާގެ ބައިވެރިން ހަރަކާތްތެރި ވަމުންދަނީ މާފަންނު މަދަރުސާ ކައިރިއެވެ. ނަމަވެސް މުޒާހަރައިގެ ބައިވެރިން އިތުރަށް ކުރިއަށް ދިޔުން ހުއްޓުވުމަށް އެ ސަރަހައްދުގައި އެސްއޯ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. ފްލެޓް ލިސްޓާ މެދު ހިތްހަމަ ނުޖެހި މި މަހު 5 ވަނަ ދުވަހުވެސް ވަނީ ޕްލޭނިންގް މިނިސްޓްރީއަށް ވަދެ އާންމުންގެ ބަޔަކު ވަނީ އިހުތިޖާޖު ކޮށްފައެވެ.

ފުލެޓް ދިނުމުގެ ކަންކަން މަޑުޖައްސާލުމަށް އޭސީސީން އަންގާފައިވަނިކޮށް ސަރުކާރުގެ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފުރަތަމަ 4000 ފުލެޓު ލިބޭ މީހުން އެއްބަސްވުމުގައި މިއަދު ވަނީ ސޮއިވެސް ކުރަން ފަށާފައެވެ.

ނަމަވެސް ފަހުން އޭސީސީގެ އެ އެންގުމާ ގުޅިގެން ސްކީމްގެ ދަށުން ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތަކާއި ގުޅިގެން އޭސީސީއިން ވަކި ގޮތެއް އަންގަންދެން ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

'ދަ ޕްރެސް' އަށް އެނގިފައި ވާ ގޮތުން، ކޮމިޝަނުން ބެލިބެލުމުން، "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓަށް ޝަރުތު ހަމަނުވާ ފަރާތްތަކެއް ޝަރުތުހަމަވާ ކަމަށް ކަނޑައަޅާ ޕޮއިންޓް ދީފައި ވުމާއި، ފޯމްތައް އިވެލުއޭޓް ކުރުމުގައި ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ބައެއް ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ކަންކަން ފަދަ މައްސަލަތައް ފާހަގަ ވެފައިވެއެވެ. އަދި ބައެއް ފަރާތްތަކުގެ މަޢުލޫމާތުގެ ސައްހަކަން ކަށަވަރު ނޮކޮށް ހުރުން ފަދަ ކަންކަން ފާހަގަ ވާތީ ކޮމިޝަނުން ވަކި ގޮތެއް އަންގަންދެން ފްލެޓް ދޫކުރުމާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ހުއްޓާލަން ވަނީ އަންގާފައެވެ.

ހުޅުމާލޭގައި މިހާރު އިމާރަތްކުރަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓާއެކު ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖުވެސް ކޮށްފައެވެ. އަދި ޝަކުވާ ހުށަހަޅަން މިނިސްޓްރީއިން ހުޅުވާލިއިރު 7000 އަށް ވުރެ ގިނަ ޝަކުވާގެ ސިޓީ މިނިސްޓްރީއަށް ވަނީ ލިބިފައެވެ. އެ ޝަކުވާތައް ބެލުމަށްފަހު ރޭގައި ވަނީ ފްލެޓުގެ ދާއިމީ ލިސްޓް އާންމުކޮށްފައެވެ.