އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިނަމަ، އިސްތިއުފާ ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އަސްލަމް ވިދާޅުވީ 44 މެންބަރުންނަށްވުރެ ގިނަ މެންބަރުންގެ ސޮއާއެކު އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައިފި ނަމަ، އެ މައްސަލަ ހުށަހަޅައިފިކަން އެނގިލެއްވުމާއެކު މަޖިލީހުން ނިކުންނަވާނީ އިސްތިއުފާގެ ސިޓީގައި ސޮއިކޮށްފައި ކަމަށެވެ. އަދި އޭނާގެ ސަބަބުން މަޖިލީހުގެ މަސައްކަތް ހުއްޓިގެން ނުދާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައްޔިތުންގެ ހަގީގީ އިތުބާރު ލިބިފައިވާ ތަނަކަށް ރައްޔިތުންގެ މަޖިލީސް ހަދަން ބޭނުންވެލައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެގޮތުން އެކަމަށްޓަކައި ކުރެވެން ހުރި ކަންކަން ކުރައްވާނެ ކަމަށާއި އެކަން ކުރުމަށް ހުރިހާ މެންބަރުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވެލައްވާ ކަމަށް ވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ސުލޫކީ ގަވާއިދެއް އެކުލަވާލާނެ ކަން ފާހަގަ ކުރައްވާ އަސްލަމް ވިދާޅުވީ ގިނަ ކަންކަމަކީ ގަވާއިދާ ގުޅިފައިވާ ކަންކަމެއް ނޫން ކަމަށާއި އެއީ އަމިއްލަ އަހްލާގާ ގުޅިފައި ހުރި ކަންކަން ކަމަށެވެ. އަދި ބައެއް ކަންކަން ނުކުރެވި ދަނީ ގަވާއިދެއް ނެތިގެން ނޫން ކަމަށާއި ގަވާއިދު އޮތް ނަމަވެސް ބައެއް ކަންކަން ނުހުއްޓުވޭކަން އޭނާ ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ މަޖިލީހަކީ ރައްޔިތުންނަށް ނަމޫނާއަކަށްވާން ޖެހޭ ކަމަށެވެ.

އަސްލަމް އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލްތައް ނިންމުމުގެ މަސައްކަތް އަވަސް ކުރުމަށް ކޮމިޓީތަކާ މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި މަޖިލީހުގެ އިތުރު ޖަލްސާތައް ބާއްވަންޖެހިއްޖެނަމަ، އިތުރު ޖަލްސާތައް ބާއްވައިގެން ވެސް މަސައްކަތްތައް ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.