އިޒްރޭލުން ގާޒާ ވަށާލައި ބަންދު ކޮށް ހަނގުރާމަ ފެށިތާ ދޮޅުމަހަށް ދަނިކޮށް ފުރަތަމަ ފަހަރަށް ތެޔޮ ބައުޒަރެއް ގާޒާއަށް ވައްދައިފިއެވެ.
ގާޒާގެ ތެލާއި, ފެނާއި, ކާބޯތަކެއްތާއި, ބޭހާއި މުވާސަލާތީ ހިދުމަތްތައް ކަނޑާލައި މުޅިތަން ހުއްޓުމަކަށް ގެނެސް ވަރުގަދަ ހަމަލާތައް ދެމުން ގެންދާ އިރު, އިންސާނީ އެހީގައި ގާޒާގެ އެތެރޭގައި ދުއްވާ ވެހިކަލްތަކުން ތެޔޮ ހުސްވެ ދަނީ ހުއްޓެމުންނެވެ. ހާލުގައި ޖެހިފައި ތިބި އެތައް ބަޔަކު ސިއްހީ ފަރުވާ އާ ހަމައަށް އުފުލޭނެ ގޮތް ނެތި އެތަން މިތާނގައި މަރުވަމުން ދާ އިރު އދ ގެ އެކިއެކި އިދާރާތަކުން ވަނީ މިއަދު ތެޔޮ ނުލިބިއްޖެ ނަމަ އެތެރޭގެ ހުރިހާ އޮޕަރޭޝަނެއް ހުއްޓޭނެ ކަމުގެ އިޒްރޭޒު ދީފައެވެ.
މިއާއެކު އިޒްރޭލުގެ ހާއްސަ ހުއްދައެއްގެ ދަށުން ތެޔޮ ބައުޒަރެއް ވައްދާފައި ވާ އިރު, އެ ތެތޮ ބޭނުން ކުރަން ޖެހެނީ އދ އިން ގާޒާގެ އެތެރޭގައި ދުއްވާ އިންސާނީ އެހީގެ ވެހިކަލްތަކަށް އެކަންޏެވެ. އެނޫން ބޭނުމެއްގައި އެ ތެޔޮ ބޭނުން ނުކުރެވޭނެ ކަމަށާއި ގާޒާއަށް އެހީ ހިފައިގެން ވަންނަ ޓްރަކްތަކަށް ވެސް ނޭޅޭނެ ކަމަށް ވަނީ އަންގާފައެވެ.
މިއަދު މިސްރުގެ ރަފާ ރޭޓު ހުރަސްކޮށް ގާޒާއަށް ވަން ތެޔޮ ބައުޒަރުގައި 23,000 ލީޓަރުގެ ތެޔޮ ވަނީ ވައްދާފައެވެ.
އދ ގެ އިންސާނީ އެހީއާ ބެހޭ އިދާރާއިން މިއަދު ބުނެފައި ވަނީ, ގާޒާއަށް މިވަގުތަށް ކޮންމެހެން ބޭނުންވާ އިންސާނީ އެހީ ހިފައިގެން ރަފާ ބޯޑަރުގައި 460 ލޮރީ އެބައޮތް ކަމަށާއި ނަމަވެސް އެތަކެތި ހިފައިގެން ގާޒާގެ ދުރުހިސާބުތަކަށް ދަތުރު ކުރެވެން އޮތީ ތެޔޮ ލިބިގެން ކަމަށެވެ. އެ ހުއްދައެއް އިޒްރޭލަކުން ނުދިނެވެ.
އިޒްރޭލުން ބުނަނީ, ތެޔޮ ގާޒާއަށް ވައްދާ ނަމަ އެތަކެތި ހަމާސް އިން ފޭރިގަންނާނެ ކަމަށާއި އެ ފުރުސަތު ދެވެން ނެތް ކަމަށެވެ.
އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 11 ހާހަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައި ވާ އިރު މިވަގުތު އިޒްރޭލުގެ އެންމެ ވަރުގަދަ އޮޕަރޭޝަން ހިނގަނީ ގާޒާގައި ހުންން އެންމެ ބޮޑު ހޮސްޕިޓަލް ހުސްކުރުމުގައެވެ. 3000 އެއްހާ މީހުން މިހާރުވެސް ތިބި ހޮސްޕިޓަލަށް ހަތިޔާރާއެކު އިޒްރޭލު ސިފައިން ވަދެ ބަލާ ފާސްކުރުމުގެ މަސައްކަތް ކުރަމުން ގެންދާ އިރު, ހޮސްޕިޓަލްގައި ތިބި ބަލިމީހުންނާއި އެހީތެރިން ވަނީ އަންނައުނު ބާލުވައި ކަނުބަނދެގެން އެހެން ތަނަކަށް ގެންގޮސްފައި ކަމަށް ފަލަސްތީނުގެ ސިއްހީ އިދާރާއިން ބުނެއެވެ. އަދިވެސް ގިނަ އަދަދެއްގެ ތުއްތު ކުދިން ހޮސްޕިޓަލްގައި ތިބި އިރު, އޮފިޝަލުން ބުނެފައި ވަނީ ކާޑިއަކް ސެންޓަރާއި އިންޓެންސިކް ކެއާ ޔުނިޓު އިޒްރޭލުން ގޮއްވާލާފައި ވާ ކަމަށެވެ. އަދި ހޮސްޕިޓަލަކަށް ބޭނުންވާ މެޑިކަލް ސާމާނާއި ބޭސް ހުރި ގުދަންވެސް ގޮއްވާލައިފި ކަމަށް ބުނެއެވެ.
އިޒްރޭލް ސިފައިން އަލް ޝިފާ ހޮސްޕިޓަލަށް ވަނީ އެތަނުގައި ހަމާސްގެ ކޮމާންޑް ސެންޓަރެއް ހުރިކަމުގެ އިންޓެލިޖަންސް މައުލޫމާތު ލިބިފައިވާ ކަމަށް އެމެރިކާގެ ވައިޓްހައުސް އިން ބުނިތާ އިރުކޮޅެއްގެ ތެރޭގައެވެ. މީގެ ކުރިންވެސް އެތާނގައި ހަމާސްގެ ހަރާކާތްތައް ހިންގާ ކަމަށް އެމެރިކާ އާއި އިޒްރޭލުން ބުނަމުން ދިޔަ ނަމަވެސް ރޭ އެތަނަށް ވަދެގަތީ އެމެރިކާގެ ބަހަށެވެ. ނަމަވެސް މިއަދު އެމެރިކާގެ އޮފިޝަލުން ބުނެފައި ވަނީ އެތަނަށް ވަދެގަންނަން އިޒްރޭލަށް އާނބަސް ދީފައި ނުވާނެ ކަމަށެވެ.
ހޮސްޕިޓަލްގައި މިހާރުވެ ބަލައިފާސްކުރުން ކުރިއަށް ދާއިރު އަދި މިވީހާ ވަގުތުގައި އިޒްރޭލާއި އެމެރިކާއިން އެ ބުނާ ހަމާސްގެ އެއްވެސް ނިޝާނެއް އެތަނުން ފެނިފައެއް ނުވެއެވެ.
މިއަދު ގާޒާއަށް ތެޔޮ ބައުޒަރު ވަން އިރު, ސާފު ބޯފެން ނުލިބި 2.3 މިލިއަންގެ އާބާދީގެ 70 ޕަސެންޓް އެބަތިބި ކަމަށާއި ސާފު ފެނާއި މުވާސަލާތީ ހިދުމަތާއި ސިއްހީ ފަރުވާ ދޭ ތަންތަން ހިންގުމަށް ތެޔޮ ބޭނުންވާ ކަމަށް އދ އިން ވަނީ ބުނެފައެވެ.