ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ހުންނެވި އަލްއުސްތާޒު އިގްބާލް އާދަމް އެ މަގާމުން އިސްތިއުފާ ދެއްވައި ޕާޓީއިން ވަކިކޮށް ދެއްވުން އެދިވަޑައިގެންފިއެވެ.

ޖޭޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުން އިސްތިއުފާ ދެއްވާ، އެ ޕާޓީއިން ވަކިކޮށްދެއްވުމަށް އެދިވަޑައިގެން އިގްބާލް ވަނީ އެ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށް ސިޓީއެއް ފޮނުއްވާފައެވެ.

އެ ސިޓީގައި އިގްބާލް ވަނީ ސިޔާސީ ގޮތުން މިހާތަނަށް ކުރައްވަމުން ގެންދެވި މަސައްކަތުގެ މިސްރާބު އެހެން ދިމާލަކަށް ބަދަލު ކުރެއްވުމަށް ގަސްތު ކުރައްވާތީ މިއަދުން ފެށިގެން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އޭނާގެ އިސްތިއުފާ ގަބޫލު ކޮށްދެއްވައި އެ ޕާޓީގެ އާންމު މެންބަރުކަމުން ވަކިކޮށްދެއްވުމަށް އިގްބާލްގެ ސިޓީގައި ވަނީ އެދިވަޑައިގެންފައެވެ.

އިގްބާލް ވަނީ އެ ޕާޓީގައި ހޭދަކުރެއްވި މުއްދަތުގައި އޭނާއާ މެދު ބެހެއްޓެވި އޯގާތެރިކަމާއި އިހުސާންތެރިކަން ފާހަގަ ކުރައްވާ ޕާޓީގެ ލީޑަރަށާއި ޕާޓީގެ އިސް ވެރީންނާއި ޕާޓީ އެންމެހައި އާންމު މެންބަަރުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ. އަދި ޖޭޕީއަށް ހެޔޮ މުސްތަގުބަލަކަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އިގްބާލް ވަނީ ވިދާޅުވެފައެވެ.

އިގްބާލް ޖޭޕީއިން ވަކިކޮށް ދިނުމަށް އެދިވަޑައިގެންނެވި އިރު އޭނާ ވަނީ ދާދި ފަހުން ނިމި ދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިދިކޮޅު، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއިދު ކުރައްވައި މުއިއްޒުގެ ކެމްޕެއިންގައި އަމަލީ ގޮތުން އުޅުއްވާފައެވެ.

އިގްބާލާއި ޖޭޕީގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަލީ އާރިފަކީވެސް މުއިއްޒުގެ އުފަން ރަށް ހއ. ވަށަފަރުގެ ދެ ބޭފުޅުން ކަމަށް ވާއިރު އެ ބޭފުޅުންނަކީ މުއިއްޒުއާ ދެބެންގެ ދެދަރި ބޭފުޅުންވެސް މެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އޮފީހުގެ މިނިސްޓަރަކަށް އާރިފް އައްޔަން ކުރައްވަން ނިންމަވާފައި ވާއިރު އިގްބާލަކީ ވެސް އަންނަ ސަރުކާރުގެ މިނިސްޓަރެކެވެ.